ނިއުޒިލެންޑުން ފޯރުކޮށްދޭ އެހީއަށް ޝުކުރު ދަންނަވައި ރައީސް ދެއްވީ، އެ ގުޅުންތައް ހަރުދަނާވާނެ ކަމުގެ ޔަގީންކަން
ނިއުޒިލެންޑުން ރާއްޖެއަށް މެދުނުކެނޑި ފޯރުކޮށްދޭ އެހީއަށް ޝުކުރު ދަންނަވައި، އެފަދަ ގުޅުންތައް ހަރުދަނާވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ގައުމަށް ދެއްވައިފިއެވެ. ނިއުޒިލެންޑުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ބައެއް އިސްވެރިންނަށް ރައީސް ވަނީ ތަހުނިޔާގެ ސިޓީފުޅެއް ފޮނުއްވާފައެވެ. މިގޮތުން، އެ ސިޓީގައި ވަނީ، "ޓްރީޓީ އޮފް ވައިޓަންގްއީ"ގެ އަސާސްތައް ކަމަށްވާ އެއްބައިވަންތަކަމާއި އެކުވެރިކަމާއި އިޙްތިރާމް ކުރުމުގެ މައްޗަށް ބައްލަވާލައްވާފައިވެއެވެ. މި އަސާސްތަކަކީ ނިއުޒީލަންޑްގެ ގައުމިއްޔަތު ބައްޓަންވެފައިވާ އަސާސްތަކެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް މުއިއްޒު ވަނީ ދިވެހިރާއްޖެއާއި ނިއުޒީލަންޑާ ދެމެދު އޮތް އެކުވެރިކަމުގެ ބަދަހި ގުޅުން ފާހަގަކުރައްވައި، އެކި ދާއިރާތަކުން އެއްބާރުލުންދީ އެފަދަ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމިއޮތް ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ދެޤައުމުގެ ގުޅުން ތަރައްޤީވެ، ގާތް ރަހުމަތްތެރިކަމެއް އުފެދިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، އެ ޤައުމުން ރާއްޖެއަށް މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، އެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނޭ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. މީގެއިތުރުން، ރައީސް ވަނީ ގަވަރުނަރު ޖެނެރަލާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށާއި، ތަނަވަސްކަމާއި އަމާންކަމަށް އެދިވަޑައިގެން، ނިއުޒީލެންޑްގެ ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ. ނިއުޒިލޭންޑްގެ ފައުންޑިންގް ޑޮކިއުމެންޓް، "ޓްރީޓީ އޮފް ވައިޓަންގްއީ" ގައި ސޮއިކުރި ދުވަސް ފާހަގަކުރުމުގެ ގޮތުން، ކޮންމެ އަހަރެއްގެ ވެސް ފެބުރުވަރީ މަހުގެ ހަ ވަނަ ދުވަސް، އެ ޤައުމުން ފާހަގަކުރަނީ ވައިޓަންގްއީ ޑޭގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ