ރަސްމާލެ ހިއްކަން އަޅާ ކޮންމެ ކޮޑި މީޓަރަކުން 2 ޑޮލަރުގެ ވައްކަމެއް ކުރާ ކަމަށް ޔާމީން ތުހުމަތު ކުރައްވައިފި

ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ 'ރަސްމާލެ' ހިއްކުމުގެ މަސައްކަތް ކުރަން ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީސީސީ އިން ހުށަހެޅި ކަމަށާއި އެ ކުންފުނިން ހުށަހެޅި އަގުތައް ގަބޫލުނުކޮށް އެ މަސައްކަތް ބޭރު ބަޔަކަށް ހަވާލުކުރީ ވައްކަން ކުރަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ތުހުމަތު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ރަސްމާލެ ހިއްކަނީ މާ އަގުބޮޑުކޮށް އަގު ހުށަހެޅި ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ކަމަށެވެ.
ތަފްސީލް - އެމަނިކުފާނަށް ލިބިފައިވާ މައުލޫމާތެއް ކަމަށް ވިދާޅުވެ، ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި އެމްޓީސީސީ އިން ހުށަހެޅި އަގުތައް ގަބޫލުނުކޮށް ބޭރު ބަޔަކަށް އެ މަސައްކަތް ހަވާލުކުރި އިރު، ހިއްކާ ކޮންމެ ކޮޑި މީޓަރަކުން 2 ޑޮލަރު ވައްކަމުގެ ގޮތުގައި ކޮންމެވެސް ދިމާއަކަށް ދެ އެވެ.
"ހިޔާލަށް ގެންނަވާ ކިތައް ކޮޑިމީޓަރުތޯ އެތަނުން ހިއްކަން ޖެހޭނީ. ކޮންމެ ކޮޑިމީޓަރަކުން އެ ދާންވާ ދިމާއަކަށް ދެ ޑޮލަރު އެބަ ދޭ."
ޔާމީން ވިދާޅުވީ ދިވެހި ކުންފުންޏަކާ ހަވާލުކޮށްގެން އެ މަސައްކަތް ކުރާނަމަ އެ ވައްކަމެއް ނުކުރެވޭނެ ކަމަށެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ސަރަހައްދުން މިހާތަނަށް އަދި ހިއްކުނީ އޭގެ %30 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ