އުސޫލު ބަދަލުކޮށްފި، މާލޭގައި ރަޖިސްޓްރީވީތާ އަހަރެއް ވިޔަސް ގޯއްޗަށް އެދެވޭ އުސޫލު ބަދަލުކޮށްފި، މާލޭގައި ރަޖިސްޓްރީވީތާ އަހަރެއް ވިޔަސް ގޯއްޗަށް އެދެވޭ

މާލޭ ސަރަހައްދުން ގޯއްޗަށް އެދެވޭނީ މާލޭގައި ރަޖިސްޓްރީވެފައިވާތާ ފަސް އަހަރު ދުވަސް ވެފައިވާ މީހުންނަށް ކަމަށް ބުނެ މިދިޔަ މަހު ގެޒެޓުކުރި އުސޫލު އުވާލައި، ރަޖިސްޓްރީވީތާ އަހަރެއްވީ މީހުންނަށް ގޯއްޗަށް އެދެވޭ ގޮތަށް ހައުސިން މިނިސްޓްރީން އާ އުސޫލެއް އެކުލަވާލައިފި އެވެ.
ސަރުކާރުން މި އުސޫލު ގެޒެޓުކުރީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތު އިއުލާންކުރުމަށް ފަހު، މިދިޔަ މަހުގެ 17 ގަ އެވެ.
އެ ދުވަހު އިއުލާނުކުރި ފްލެޓު ސްކީމުގައި ސަރުކާރުން ޝަރުތު ކަނޑައެޅީ މާލޭގައި ރަޖިސްޓްރީވެފައިވާތާ އަހަރެއް ވިޔަސް ޝަރުތު ހަމަވާ ގޮތަށް، ނަމަވެސް ގޯއްޗެއް ނަމަ ފަސް އަހަރު ވުމުން ޝަރުތު ހަމަވާ ގޮތަށެވެ. އެކަމަކު މިހާރު އޮތީ އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް، މާލޭގައި ރަޖިސްޓްރީވީތާ އަހަރެއް ވެފައިވާނަމަ ގޯއްޗަށް ވެސް ޝަރުތު ހަމަވާ ގޮތަށެވެ.
ބަދަލު ގެނައި އަނެއް ޝަރުތަކީ، އަމިއްލަ ނަމުގައި ހުރި ގޯއްޗެއް ނުވަތަ ފްލެޓެއް ނުވަތަ ޔުނިޓެއް ނޫނީ އެއްމެދު އިމާރާތެއްގެ ފްލެޓެއް ވިއްކުމާ ނުވަތަ ހިބައިން ދިނުމާ ގުޅޭ ޝަރުތެވެ.
ކުރިން އުސޫލުގައި އޮތީ ވޭތުވީ ފަސް އަހަރުގެ ތެރޭގައި މި ގޮތަށް ތަނެއް ވިއްކާލި މީހަކަށް ނުވަތަ ދިން މީހަކަށް ޝަރުތު ހަމަ ނުވާނެ ކަމަށެވެ. މިހާރު އޮތީ، އެ ޝަރުތު އުނި ވާނީ މިއަދު، އެއީ އުސޫލަށް އަމަލުކުރަން ފެށި ތާރީހުން ފެށިގެން، ވިއްކާލާ ނަމަ ނުވަތަ ދޭ ނަމަ މި ޝަރުތު އުނިވާ ގޮތަށެވެ.
މާލޭ ސަރަހައްދުން ގޯތި ދޫކުރުމާ ގުޅޭ އުސޫލު ސަރުކާރުން މި ބަދަލުތައް ގެނައި ކީއްވެގެން ކަމެއް ނޭނގެ އެވެ. މީގެ ކުރިން މި ކަހަލަ ބަދަލުތަކެއް ގެންނަ ވާހަކައެއް ނުވެސް ދައްކަ އެވެ. އިއްޔެ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތޮލިބު ނޫސްވެރިންނާ ބައްދަލުކުރެެއްވިއިރު ވެސް މި ވާހަކަ ނުދަންނަވަ އެވެ.
ސަރުކާރުން މާލޭ ރަށްވެހިންނަށް ގޯތި ދޫކުރަނީ ރަސްމާލެ އާއި ގްރޭޓާ މާލޭ ސަރަހައްދުގެ އެހެން ތަންތަން (ހުޅުމާލެ، ގުޅީފަޅު، ގިރާވަރުފަޅު، އުތުރުތިލަފަޅު) އިންނެވެ. މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ގޯތި ދޫކުރަނީ ރަސްމާލެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ