ފުލެޓަށް އެދޭ ފަރާތްތައް ޝަރުތުހަމަވާ ކޮޓަރީގެ އަދަދު ކަނޑައަޅާނީ ހައުސިން މިނިސްޓްރީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިއުލާނުކުރި "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން، ފުލެޓަށް ކުރިމަތިލާ ފަރާތުން ޝަރުތު ހަމަވަނީ ކިތައް ކޮޓަރިއަށްކަން ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަމަށް، ފުލެޓު ދޫކުރާ އުސޫލުގައި ބަޔާންކޮށްފިއެވެ. ހައުސިން މިނިސްޓްރީން ރޭ ދަންވަރު އާންމުކުރި އުސޫލުގައިވާ ގޮތުން، ފުލެޓަށް އެދި ފޯމު ހުށަހަޅާ ފަރާތުން ބޭނުންވަނީ ދެ ކޮޓަރީގެ ފުލެޓެއްތޯ، ނުވަތަ ތިން ކޮޓަރީގެ ފުލެޓެއްތޯ އިޚްތިޔާރުކުރެވޭނެއެވެ. އެކަމަކު ދިރިއުޅުމުގެ ހާލަތަށް ބަލައި، ޝަރުތު ހަމަވަނީ ކިތައް ކޮޓަރީގެ ފުލެޓަކަކަށްކަން ކަނޑައަޅާނީ މިނިސްޓްރީން ކަމަށް، އުސޫލުގައި ވެއެވެ. މިނިސްޓްރީން އާންމުކުރި އުސޫލުގައިވާ ގޮތުން މާލޭގައި ދިރިއުޅޭ މީހުންނަށް ޕޮއިންޓު ގިނަވާނެއެވެ. އުސޫލުގައިވާ ގޮތުން، އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަ ކުރިމައްޗެއް ނުލެވޭނެއެވެ. އަދި އަމިއްލަ ނަމުގައި އެއްވެސް ބޯހިޔާވަހިކަމެއް އޮވެގެން ނުވާނެއެވެ. މި ސަރުކާރުން ފުލެޓުތައް ދޫކުރަން ނިންމާފައިވަނީ ދެ މޮޑެލަކަށެވެ. އެއީ އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް ނުވަތަ ހެޔޮ އަގުތަކުގައި ފުލެޓުތައް ކަށަވަރުކުރެވޭ މޮޑެލެވެ. އެ މޮޑެލުގެ ދަށުން ފުލެޓަށް ކުރިމަތިލާ ފަރާތްތަކަކީ ފުލެޓު މިލްކުކުރުމަށް އެދޭ ފަރާތްތަކަކަށް ވެފައި، ބޭންކުން ދޫކުރާ ހައުސިން ފެސިލިޓީތަކަށް ޝަރުތު ހަމަވާން ވާނެއެވެ. ދެން އޮތީ ރެންޓް ޓު އޯން، ނުވަތަ މަހުކުލި ދައްކައިގެން ފުލެޓު މިލްކުކުރެވޭ މޮޑެލެވެ. މި މޮޑެލަށް ޝަރުތު ހަމަވާނީ 60،000 ރުފިޔާއަށް ވުރެ މަދުން އާމްދަނީ ލިބޭ، އަދި ބޯހިޔާވަހިކަމުގެ އަސާސީ ރަށްވެހިކަމުގެ ޝަރުތުހަމަވާ މާލޭ ރަށްވެހިންގެއެވެ. މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިފުތިތާހުކުރީ މިދިޔަ މަހުގެ 16ވަނަ ދުވަހެވެ. އެ ސިޔާސަތު އިފުތިތާހުކޮށް، ފުދުންތެރިންނާއި ފަގީރުން ހިމެނޭހެން، 7،500 ފުލެޓާއި 15،000 ގޯތި ދޫކުރާނެ ގޮތުގެ އުސޫލު ވަނީ ހާމަކޮށްފައެވެ. ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލެ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާއިރު، އެތައް ބަޔަކު މި ސަރަހައްދުގައި ދިރިއުޅެނީ ކުއްޔަށެވެ. އެ ކަމަށް ކޮންމެ މަހަކު އާއިލާތަކުން ބޮޑެތި ޚަރަދުތައް ކުރެއެވެ. މީގެ އިތުރުން، މީގެ ކުރިން އެކި ސަރުކާރުތަކުގައި ބޯހިޔާވަހިކަމަށް ގޯއްޗާއި ފުލެޓު ދިން ނަމަވެސް، އިންސާފުވެރި ގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްނުދޭ ކަމާއި ކޮރަޕްޝަނުގެ އަމަލުތައް ހިންގާ ކަމުގެ ތުހުމަތުތަކެއް އަަމާޒުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ