ސްކޭމްކޮށްގެން 50،000 ރުފިޔާ ހޯދުން: ފައިސާ އަނބުރާ ދޭނެ ކަމަށް ބުނެފި

މަކަރާއި ހީލަތް ހަދައިގެން މީހުން އަތުން 50،000 ރުފިޔާ ހޯދުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކު އެ ފައިސާ އަނބުރާ ދޭނެ ކަމަށް ކޯޓުގައި ބުނެފިއެވެ. އެ ތުހުމަތުގައި ހައްޔަރުކުރީ، މއ. ގުލްޝަންކިނާރާ / މާލެ، އަޙްމަދު ޢިރުފާލް (36އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުންގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ ނުވަ މައްސަލައެއްގައި އޭނާގެ މައްޗަށް ތުހުމަތުކުރެވިގެން ބުދަ ދުވަހެވެ. ފުލުހުން ބުނީ، މިހާތަނަށް ބެލި ބެލުމުން މި އަހަރުގެ މޭ މަހުން ފެށިގެން މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުންގެ އަތުން 50،000 އަށްވުރެ ގިނަ ރުފިޔާ ހޯދައި، އޭނާގެ ނަމުގައި ދެ ބެންކެއްގައި ހުޅުވާފައިވާ އެކައުންޓަށް އެ ފައިސާ ޖަމާކުރުމަށް ފަހު، އެ ފައިސާތައް ނަގާފައިވާ ކަމަށެވެ. މި މައްސަލާގައި ބަންދުގެ މުއްދަތު އިތުރު ކުރި އަމުރުން އެނގޭ ގޮތުގައި, އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ވަނީ ލިބިފައެވެ. އޭނާ ކޯޓުގައި ބުނެފައިވަނީ އެ ހޯދި ފައިސާ އަނބުރާ ދައްކާނެ ކަމަށާއި އެކަމަށް މުހުލަތެއް ދިނުމަށެވެ. ނަމަވެސް އެކަމާ މެދު ކޯޓުން ވަކި ގޮތެއް ނުނިންމައެވެ. އޭނާއާއެކު މި ކުށްކުރުމުގައި އިތުރު މީހަކު ބައިވެރިވެފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. ކޯޓު އަމުރުން އެނގޭގޮތުގައި މި މީހާއަކީ ބަންދާއި ހައްޔަރުގެ ރެކޯޑް އޮތް މީހެކެވެ. ކޯޓުން އިއްޔެ ވަނީ އޭނާ 15 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ