ތަރައްގީގެ ޔަގީން އެޖެންޑާއެއް ހިފައިގެން އައީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ގައުމީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ކަމަށް އެމަނިކުފާނުގެ ރަނިންގމޭޓް ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ރިޔާސީ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. އަމީން ވިދާޅުވީ ގާސިމަކީ ނަތީޖާ ދައްކުވައިދީފައިވާ ކެންޑިޑޭޓެއް ކަމަށާއި ރިޔާސީ ބަހުސްގައި ރާއްޖޭގެ ދަރަނިއަދާކުރާނެ ގޮތް ހާމަކުރެއްވި ހަަމައެކަނި ކެންޑިޑޭޓަކީ ގާސިމް އިބްރާހީމް ކަމަށެވެ.
އެގޮތުން 600 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި އެމަނިކުފާނު ހޯއްދަވާނެ ކަމަށް ވިދާޅުވި ކަމަށާއި އެ ސުވާލަށް ޖަވާބު ދެއްވަން އެނގުނު ހަމައެކަނި ކެންޑިޑޭޓަކީ ގާސިމް ކަމަށް ޑރ. އަމީން ވިދާޅުވިއެވެ.
ފެނަކަ އުފައްދަވާފަ ހުރީ ފައިދާ ހޯދުމަށްނޫން ކަމަށް ވިދާޅުވާ ބޭފުޅަކަށް ގައުމުގެ ވެރިކަން ދިނުމަކީ އެންމެ ރަނގަޅު ގޮތްތޯ ވިދާޅުވެ ޑރ. އަމީން ވަނީ ރައީސް ސޯލިހަށް ފާޑުވިދާޅުވެފައެވެ.
ފެނަކަ އުފައްދާފަ ހުރި ރައްޔިތުންގެ ފައިސާއިންކަން ފާހަގަކުރައްވާ ޑރ. އަމީން ވިދާޅުވީ އެ ކުންފުނި އުފައްދާފަ ހުރީ ރައްޔިތުން ދަރުވާލަން ނޫން ކަމަށާއި ފައިދާވާ ކުންފުންޏެއްގެ ގޮތުގައި އެ ކުންފުނި ހިންގުމަށް ކަމަށެވެ.
ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ޕްރޮޖެކްޓްތައް ހިންގައިގެން އެވާހަކަތައް ދައްކާއިރު އެކަމަކީ ކަލަގޮވުމަކަށް ނުވާނަމަ ގާސިމް އިބްރާހީމްގެ އަމިއްލަ ޚަރަދުގަ ގައުމަށާއި ރައްޔިތުންނަށް ކޮށްދެއްވާފައިވާ ކަންތައްތަކުގެ ވާހަކަ ދެއްކުމުން އެކަމަކީވެސް ކަލަ ގޮވުމަކަށް ނުވާނެ ކަމަށް ޑރ. އަމީން ވިދާޅުވިއެވެ.
ރައްޔިތުންނަކީ އަބަދުވެސް ތަރައްގީ ބޭނުންވާ ބައެއް ކަމަށާއި ވޭތުވެދިޔަ ސަރުކާރުތަކުން އައްޑޫ ރައްޔިތުން ބޭނުންކުރީ ވޯޓުގެ ހަތިޔާރަކަށް ކަމަށްވެސް ޑރ. އަމީން ވިދާޅުވިއެވެ.
ފާއިތުވި ފަނަރަ އަހަރުގެ ތެރޭގައި އައްޑޫ ސިޓީއަށް އެއްވެސް ތަރައްގީއަށް ގެނެވިފައިނުވާކަން ފާހަގަކުރައްވާ ޑރ. އަމީން ވިދާޅުވީ އައްޑޫ ރައްޔިތުން ތިބީ ދަންތުރައެއްގައި ޖައްސާފައި ކަމަށެވެ.
ތަރައްގީގެ ޔަގީން އެޖެންޑާއެއް ހިފައިގެން އައީ ގާސިމް: ޑރ. އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ