29 އަހަރަށް ފަހު ވުލްފްސްބާގް ޖަރުމަނު ލީގުން ރެލިގޭޓްވެއްޖެ

ބާލިން (މެއި 26) - ޕްލޭއޮފްގެ ދެ ވަނަ ލެގުގައި ރޭ 2-1 އިން ޕަޑެބޯން އަތުން ބަލިވެ، 29 އަހަރަށް ފަހު ޖަރުމަނުގެ ފުރަތަމަ ޑިވިޝަނުން ވުލްފްސްބާގް ރެލިގޭޓްވެއްޖެ އެވެ.
ވުލްފްސްބާގުން ވަނީ 1997 ވަަނަ އަަހަރު ޖަރުމަނު ބުންޑަސްލީގާ އަށް ޕްރޮމޯޓްވި ފަހުން ގަވާއިދުން އެ ޑިވިޝަނުގައި ވާދަކުރަމުންނެވެ. އަދި، މީގެ ފަސް ވަރަކަށް އަހަރު ކުރިން ޔުއެފާ ޗެމްޕިއަންސް ލީގުގައި ވެސް ވާދަކުރި ވުލްްފްސްބާގުން ވަނީ 2009 ވަނަ އަހަރު ޖަރުމަނު ލީގާއި 2015 ވަނަ އަހަރު ޖަރުމަނު ކަޕާއި ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. 
އެކަމަކު، މި ސީޒަނުގައި 18 ޓީމު ވާދަކުރާ ޖަރުމަނު ލީގުގެ 16 ވަނައިގައި ނިންމާލަން ޖެހި، ފުރަތަަމަ ޑިވިޝަނުގެ ޖާގަ ދަމަހައްޓަން ވުލްފްސްބާގުން ޖެހުނީ ޕްލޭއޮފް ކުޅޭށެވެ. އެ ގޮތުން، ކްރިސްޓިއަން އެރިކްސަންގެ ކެޕްޓަންކަމުގައި ކުޅޭ ވުލްފްސްބާގުން ވަނީ މީގެ ފަސް ވަރަކަށް ދުވަސް ކުރިން ޕްލޭއޮފް ފުރަތަމަަ ލެގުގައި އަމިއްލަ ދަނޑުގައި ޕަޑެބޯންއާ ކުޅެގެން ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. އެއާ އެކު، ރޭ ޕަޑެބޯން ދަނޑުގައި ކުޅުނު މެޗުން ކޮންމެ ޓީމެއް މޮޅުވިޔަސް އޮތީ ފުރަތަމަ ޑިވިޝަނުގެ ޖާގަ ލިބޭ ގޮތަށެވެ. 
ޕަޑެބޯން ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ވުލްފްސްބާގުން ލީޑުނެގި އެވެ. އެއީ، އެ ޓީމުގެ ފޯވާޑް، ޒެނާން ޕެޖިޗަނޯވިޗް ޖެހި ގޯލުންނެވެ. އެކަަމަކު، ލީޑުގައި އޮވެ، ވުލްފްސްބާގުން ހެދި ގޯހެއްގެ ސަބަބުން އެ ޓީމުން މުޅި މެޗުގައި ޕްރެޝަރަށް ވެއްޓުނެވެ. އެއީ، 14 މިނިޓް ތެރޭ އެ ޓީމުގެ ފުލްބެކް، ޖޯކިމް މޭލާ، ދެ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ. 
ކުޅުންތެރިއަކު މަދުކޮށް ކުޅުނު ވުލްފްސްބާގް ކައިރިން ޕަޑެބޯން އިން އެއްވަރުކުރީ، މެޗުގެ 38 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، ފިލިޕް ބިލްބިޖާ އެވެ. 
މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވިއިރު، ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން، ޖެހުނީ ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފު ކުޅޭށެވެ. ޕަޑެބޯން މެޗުން މޮޅުވި ލަނޑު ޖެހީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ތެރޭގަ އެވެ. އެ ގޮތުން، އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ފެށިގެން ދިހަ މިނިޓް ތެރޭ، ޕަޑެބޯންގެ ލަނޑު ޖެހީ ލޯރިން ކޫޑާ އެވެ. 
ވުލްފްސްބާގުން ބާކީ ވަގުތުގެ ތެރޭގައި ލަނޑެއް ޖަހައިގެން ނަތީޖާ ހަމަހަމަ ކުރެވޭތޯ ކުރި މަސައްކަތް ކާމިޔާބުނުވެ، މެޗުން ބަލިވުމާ އެކު ރެލިގޭޓްވީ އެވެ. 
މީގެ އަށް އަހަރު ކުރިން، ވުލްފްސްބާގުން ވަނީ ޖެހިޖެހިގެން ދެ އަހަރު ރެލިގޭޝަން ޕްލޭއޮފް ކުޅެގެން މޮޅުވެފަ އެވެ. އެއީ، 2017 އާއި 2018 ވަނަ އަހަރު އެވެ. އަނެއްކޮޅުން، ވުލްފްސްބާގު ބަލިކޮށް މި ފަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ޕަޑެބޯން އަށް ދެ ފަހަރު ވެސް ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތުނުކުރެވި، އެއް ސީޒަނުން ވަނީ ރެލިގޭޓްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ