ކަރަންޓު ބިލުތަކަށް އިތުރު ލުޔެއް ނުވަތަ ޑިސްކައުންޓެއް ދިނުމުގެ ވިސްނުމެއް ނެތް: ޒަމީރު

ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާކަމުގެ ކަންބޮޑުވުންތައް ހުރިނަމަވެސް، ބިލުތައް އާދަޔާ ހިލާފަށް ބޮޑުކަމަށް ފާހަގަކުރެވިފައި ނުވާކަމަށާއި އިތުރު ޑިސްކައުންޓެއް ދިނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކުރިމަތިވެދާނެ ގޮންޖެހުންތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ، ބިލުތައް ބޮޑުވެފައިވަނީ އާދަޔާ ހިލާފު ކަމެއް މެދުވެރިވެގެންކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
ރައީސް މުއިއްޒު ރައްޔިތުންނަށްވީ ވައުދާއި އެއްގޮތަށް ނިމިދިޔަ ރޯދަ މަހު ގޭބީސީތަކުގެ ކަރަންޓު ބިލުތަކަށް ބޮޑު ލުޔެއް ދީފައިވާކަމަށް ޒަމީރު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ރޯދަ މަހު ގިނަ ގޭބީސީތަކަށް ފޮނުވާފައިވަނީ 400 ރުފިޔާއަށްވުރެ ކުޑަ ބިލުތަކެއް ލިބިފައިވާނެކަމަށް ވިދާޅުވި އެވެ.
ރޯދަ މަހަށްފަހު އައި ބިލުތައް ކުރިން ނާރާ މިންވަރަށް ބޮޑުވެފައިވާތީ އާންމުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދާއިރު ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ކުރިން 1،000 ރުފިޔާއަށް ވުރެ ކުޑަ ބިލުތައް މިހާރު ވަނީ 2،000 ރުފިޔާއިން މައްޗަށް އަރާފައެވެ. މި ޝަކުވާތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ޒަމީރު ވިދާޅުވީ، ކޮންމެ އަހަރެއްގެ ވެސް މާޗު އަދި އެޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަވެ، ކަރަންޓު ބޭނުންކުރާ މިންވަރު އިންތިހާއަށް އިތުރުވާ ދުވަސްވަރު ކަމަށެވެ.
މާލޭގައި މި ދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު 130 މެގަވޯޓަށް އަރާފައިވޭ. މިއީ ގާތްގަނޑަކަށް 15 އިންސައްތައިގެ އިތުރުވުމެއް. ރޯދަ މަހު ދެވުނު ބޮޑު ޑިސްކައުންޓަށް ފަހު، މި ދުވަސްވަރުގެ ހޫނުމިނާ އެކު ބިލުތަކަށް ބަދަލު އައީ ކަމަށް ބެލެވެނީ
ޒަމީރު ވިދާޅުވީ ބިލުތަކުގައި އެއްވެސް ޓެކްނިކަލް މައްސަލައެއް ނުވަތަ އޮޅުމެއް އުޅޭނަމަ އެކަން ކުންފުނިތަކުން އިސްލާހުކޮށްދޭނެ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން އިތުރު ޑިސްކައުންޓެއް ދިނުމުގެ ޕްލޭނެއް ނެތްކަމަށް ވިދާޅުވި އެވެ.
މި މައްސަލާގައި ފެނަކަ ކޯޕަރޭޝަނުން ބުނެފައިވަނީ ބިލުތައް ބޮޑުވީ ހޫނުގަދަވުމުގެ ސަބަބުން ކަމަށާއި، ބިލުގެ ސައްހަކަމާމެދު ޝައްކުވާ ނަމަ ރީޑިން އަލުން ޗެކްކޮށްދިނުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ