ޖަނާބު އިނގިލި ދިއްކުރުމުން ފިއްޓޭ "ގަތީ ބިރު": ރިޔާސަތުން ނިންމީ ނިޒާމީ ނުކުތާއެއް ކަމަށް!
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު އިއްބެ) ވަރަށް ކޯފާ އިސްކުރައްވައި އިނގިލި ދިއްކުރައްވަން ފެއްޓެވުމުން، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ނެންގެވި ނިޒާމީ ނުކުތާ ބަލައިގެންފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، ރައީސް އަނބުރާ ފޮނުވައިލެއްވި އިންސާނުންގެ ގުނަވަންތައް ޓްރާންސްޕްލާންޓްކުރުމުގެ ބިލަށް ބަހުސްކޮށްފައެވެ. އެ ބިލަށް ކުރެއްވި ބަހުސްގެ ތެރެއިން އިބްރާހީމް ވިދާޅުވީ، ގުނަވަން ބަދަލުކުރުމުގެ ބިލަށް އިލްމުވެރިންގެ ބަސް ވެސް ބޭނުންވާ ކަމަށެވެ. އެހެންކަމުން ބިލުތަކަށް އިސްލާމީ ޝަރީއަތާ އެއްގޮތަށް ކަންކަން އިތުރުކުރަންޖެހޭ ކަމަށް އިބްރާހީމް ވިދާޅުވިއެވެ. އެހެން ވިދާޅުވުމަށްފަހު، އޭނާ ވަނީ މައުޟޫއު ބަދަލުކުރައްވައިފައެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމަށް އިޝާރާތްކުރައްވައި އިބްރާހީމް ވިދާޅުވީ، އެ ސަރުކާރުގައި ލޮލުގެ ޑޮކްޓަރުންގެ ނަމުގައި އިސްރާއީލުން ބަޔަކު ގެނެސް، ލޮލުގެ ބައެއް ކަމަށްވާ "ކޯނިއާ" ވަގަށް ނެގި ކަމަށެވެ. "ކޮބައިތޯ މެންބަރުން؟ އެކަހަލަ މުޑުދާރު އަމަލުތައް ކުރިޔަ ނުދިނުމަށްޓަކައި އެ ފުރުސަތު ގެއްލުވައިލާނަން އަޅުގަނޑުމެން، އެހެންވެގެން މި ދަންނަވަނީ އިތުރު ވަގުތު ބޭނުމިއްޔާ...،" ޒިޔާދަށް އިޝާރާތްކުރައްވާ ފަދަ ގޮތަކަށް އިބްރާހީމް ވާހަކަ ދައްކަވަމުން ގެންދެވިއެވެ. އެހާ ހިސާބުން އިބްރާހީމްގެ މޭޒުމަތީގައި ހުރި މައިކުގެ އަޑު ވަނީ ކަނޑައިލައިފައެވެ. މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އޭރު އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވަނީ، އިބްރާހީމް މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ދަންނަވައިފައެވެ. އެއަށްފަހު ޒިޔާދު ނިޒާމީ ނުކުތާ ހުށަހަޅުއްވަން ފުރުސަތު ދެއްވިއެވެ. ޒިޔާދު ވަނީ، މެންބަރުން ބަހުސްކުރައްވާއިރު، ބަހުސްކުރައްވަން ވާނީ ރިޔާސަތާ ކުރިމަތިލައްވައިގެންކަން ފާހަގަކުރައްވައިފައެވެ. "ފަހަރުގައިވެސް އަޅުގަނޑު ފަހަރެއްގައި ގައުމުގެ ވެރިކަންކުރި މީހެއްނޫން، އަޅުގަނޑާ ދިމާލަށް ބަލާތީ ބިރުން އަޅުގަނޑު މިކަން ފާހަގަކޮށްލީ،" ޒިޔާދު ވިދާޅުވިއެވެ. ޒިޔާދުގެ ނިޒާމީ ނުކުތާ ބަލައިގަނެ ޢަބްދުއްރަޙީމް ވިދާޅުވީ، މެންބަރުން ބަހުސްކުރައްވަން ވާނީ ރިޔާސަތާ ކުރިމަތިލައްވައިގެން ކަމަށެވެ. އެއްވެސް ހާލެއްގައި އެއް މެންބަރަކު އަނެއް މެންބަރަށް އިޝާރާތްކުރައްވައި ރައްދުދެއްވާ އުސޫލުން ބަހުސްކުރައްވަން ގަވައިދު ތަން ނުދޭ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އެއަށްފަހު، ބިލަށް ބަހުސްކުރެއްވުމަށް ޢަބްދުއްރަޙީމް ވަނީ ޒިޔާދަށް ފުރުސަތު ދެއްވައިފައެވެ. ނަމަވެސް ޒިޔާދުގެ ވާހަކަ ވަކި ހިސާބަކަށް ދިޔަތަނާ އިބްރާހީމް ނިޒާމީ ނުކުތާއެއް ނަންގަވައި، އޭނާގެ ވާހަކަ ޢަބްދުއްރަޙީމް "ހުއްޓުވީތީ" ވަނީ، އެކަން ކުށްވެރިކުރައްވައިފައެވެ. "އަޅުގަނޑު ޝަރުއީގޮތުން ވަރަށް މުހިއްމު ވާހަކަތަކެއް ބިލާ ގުޅޭގޮތުން ރައްޔިތުންނަށާއި މަޖިލީހުގެ ފްލޯގައި މި ތިއްބެވި މެންބަރުންނަށް ކިޔައިދެއްވަން އުޅުއްވަނިކޮށް އަޅުގަނޑު ހުއްޓުވީތީ އެކަން ކުށްވެރިކުރާ ވާހަކަ ދަންނަވައިލަން،" އިބްރާހީމް ވިދާޅުވިއެވެ. އިބްރާހީމް އެހެން ވިދާޅުވުމާއެކު ޢަބްދުއްރަޙީމް ވިދާޅުވީ، މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ނިޒާމީ ނުކުތާއެއް މެންބަރަކު ނަންގަވައިފިއްޔާ، އެ ވަގުތު ބަހުސްކުރައްވަމުން ގެންދަވާ މެންބަރެއްގެ ވާހަކަ މެދުކަނޑައިލައްވައި، ނިޒާމީ ނުކުތާ ނެންގެވި މެންބަރަށް ފުރުސަތު ދިނުމުގެ އިޚްތިޔާރު ރިޔާސަތަށް ލިބިގެންވާ ކަމަށެވެ. "އެހެންވީމާ ރިޔާސަތަށް އެގޮތަށް ފެނިގެން އެކަން ކުރީ، އެއީ އެއްގޮތަކަށްވެސް މަޖިލީހުގެ މެންބަރުން ކުށްވެރިކުރަން ޖާގަ ދޭ ކަމެއްނޫން ކަމުގައި ދަންނަވަން،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ