އައްޑޫ ކަރަންޓު މައްސަލައަށް ދާއީމީ ހައްލެއް ހޯދައިދޭނަން

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ ކަމަށް، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.
ހިތަދޫގެ ކަރަންޓް ދިނުމަށް ބޭނުންކުރާ މައި އެޗްވީ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން، ފެނަކަ އިން އަންނަނީ ހިތަދޫގެ އެކި ސަރަހައްދުތަކުން އެއް ގަޑިއިރަށް ކަރަންޓު ކަނޑަމުންނެވެ.
ކަރަންޓު ކެނޑޭ މައްސަލައާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވެފައިވާއިރު، އަޒާން ވިދާޅުވީ ރައީސް މުއިއްޒާއި ބައްދަލުކުރައްވާ، އައްޑޫ އިންޖީނުގެއަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭ ތަފްސީލީ ރިޕޯޓެއް ރައީސަށް އަރުވާފައިވާނެ ކަމަށެވެ.
"އައްޑޫ ކަރަންޓުގެ މައްސަލައަށް ދާއީމީ ހައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި،" އަޒާން ވިދާޅުވި އެވެ.
އެޗްވީ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުން މިދިޔަ ހޯމަ ދުވަހުގެރޭ ވަނީ ކަރަންޓް ކެނޑިފަ އެވެ. އަދި އިއްޔެ ވެސް ހިތަދޫގެ އެކި ސަރަހައްދުތަކުން އެކި ވަގުތުތަކުގައި ކަރަންޓް ކަނޑާފަ އެވެ.
ކަރަންޓް ކެނޑިފައިވާ ވަގުތުތަކުގައި ދިމާވާ އެންމެހާ ދަތިތަކަށް ފެނަކަ އިން ވަނީ މައާފަށް އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ