ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ޖޫން ހަ ވަނަ ދުވަހަށް އަވަސްކޮށްފި

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން މިއަހަރުގެ ޖޫން މަހުގެ ހަވަނަ ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ކުރިން ބާއްވަން ހަމަޖައްސާފައި އޮތީ ޖޫން 13 ގައިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން އަވަސްކޮށް، ދެ ވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ޖޫން 13 ގައި ކުރިއަށް ގެންދާ ގޮތަށް ހަމަޖެއްސީ ރަމަޟާން މަހުގެ ކުރިން އިންތިހާބުގެ ކަންކަން ނިންމާލުމުގެ ގޮތުން ކަމަށެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބަލައިގަތުން އިލެކްޝަންސް ކޮމިޝަންގައި ކުރިއަށްދާނެއެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި މުހައްމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދި ކަމުގެ ކުށް ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށް ލުމަށް ސްޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.
ދިއްގަރު ދާއިރާގެ ގޮނޑިއަށް އަދި ރަސްމީކޮށް އެއްވެސް ފަރާތަކުން ކުރިމަތިލާނެކަން ހާމަކޮށްފައިނުވާއިރު، އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު ވަނީ އެ ގޮނޑިއަށް ކުރިމަތިލެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
މީގެއިތުރުން، މ.އަތޮޅު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ދެ ކައުންސިލަރަކު ވެސް މި ގޮނޑިއަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ