އަލީ ޒާހިރާއި މައުމޫން ހަމީދު ކުރިމިނަލް ކޯޓަށް ހާޒިރުކޮށް ނަސޭހަތްދީފި

އަދާލަތު ޕާޓީގެ ނައިބް ރައީސް އަދި އެޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ ގާނޫނީ ވަކީލް އަލީ ޒާހިރު އާއި މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު ކުރިމިނަލް ކޯޓަށް ހާޒިރުކޮށް ނަސޭހަތްދީފިއެވެ.
އަލީ ޒާހިރާއި މައުމޫން ކޯޓަށް ހާޒިރުވާން އަންގާފައިވަނީ ކޯޓުގެ ބޭނުމަކަށް ކަމަށް، އެބޭފުޅުންނަށް ފޮނުވި އަމުރުގައި ބުނެފައިވާއިރު އެދެބޭފުޅުންވެސް ކޯޓަށް ހާޒިރުކޮށްފައިވަނީ މިއަދު 14:00 އަށެވެ.
ކޯޓުން ނިކުމެވަޑައިގެން މައުމޫން ހަމީދު ވިދާޅުވީ އޭނާ ހާޒިރުކޮށްފައިވަނީ ޝައިޙް އިމްރާންގެ މައްސަލައިގައި ކުރައްވައިފައިވާ ޓުވީޓަކާއި ފޭސްބުކު ޕޯސްޓްތަކާއި ގުޅިގެން ކަމަށެވެ. އަދި އެ ޕޯސްޓްތަކާއި ޓުވީޓުތައް އޭނާ ކުރައްވާފައިވަނީ ކީއްވެގެންކަން ވިދާޅުވެދެއްވައިފައިވާނެ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
އަލީ ޒާހިރު ވިދާޅުވީ އޭނާއާއި އެކޯޓުގެ އިދާރީ ބޭފުޅުން ބައްދަލުކޮށް ޝަރުއީ ކޯޓުތަކުގެ ޙުރުމަތް ކެނޑޭގޮތަށް ވާހަކަފުޅު ނުދެއްކެވުމަށް ނަސޭހަތްތެރިވެފައިވާކަމަށެވެ.
އަލީ ޒާހިރު ވިދާޅުވީ ކޯޓަށް ހާޒިރުކޮށް ނަސޭހަތްތެރިވިނަމަވެސް ޝައިޙް އިމްރާންނަށް ކޮށްފައިވާ ބޭއިންސާފު ހުކުމާއިމެދު ވާހަކަފުޅު ދައްކަވާނެ ކަމަށާއި ކުރައަވަމުން ގެންދަވާ ގާނޫނީ މަސައްކަތަށްވެސް ހުއްޓުމެއް ނާންނާނެ ކަމަށެވެ.
އަލީ ޒާހިރުއާއި މައުމޫން ހަމީދު ގެންދަވަނީ ފަހަކަށް އައިސް ޝަރުއީ ދާއިރާގައި ހިގަމުންދާ ކަންތައްތަކާއިމެދު ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން އެންމެ ފަހުން ކުރިމިނަލް ކޯޓުން ބާރަ އަހަރުގެ ޖަލު ޙުކުމެއް އިއްވެވި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲގެ ޙުކުމާއި ގުޅިގެން މައުމޫން ޙަމީދު ވިދާޅުވެފައި ވަނީ ޝެއިޚް އިމްރާންގެ މައްޗަށް އިއްވި ޙުކުމަކީ ގާނޫނަށް ކޮށްފައިވާ މަލާމާތެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ