ރައީސް އަބުދުﷲ ޔާމީންގެ އިގްތިސާދީ އެޖެންޑާ ފެއިލްވެފައިވާކަމަށާ އިގްތިސާދީގޮތުން ގެންނަވާނެކަމަށް ވިދާޅުވި ހެޔޮ ބަދަލްތައް ތިން އަހަރުގެ ތެރޭގައި ގެނެސްދެވިފައިނުވާކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ޕީޕީއެމްގެ ކައުންސިލް މެންބަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ވީނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ފެއިލްވެއްޖެކަމަށާ 2018 ވަނަ އަހަރު އަންނައިރުވެސް ސަރުކާރުން ބުނަމުންދާ އިގްތިސާދީ ހެޔޮ ބަދަލްތައް މިގައުމުން ނުފެންނާނެކަމަށެވެ. އުމަރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ހަމައެކަނި ނަމުގައި އިގްތިސާދީ ސަރުކާރެއްކަމަށާ އިގްތިސާދު ދުޅަ ހެޔޮކުރުމަށް އަޅުއްވަމުން ގެންދަވާ ހަރުދަނާ އެއްވެސް ފިޔަވަޅެއްވެސް ފެންނަމުން ނުދާކަމަށެވެ.
އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު 2022 ވަނަ އަހަރާއި ހަމައަށް ވެރިކަމުގައި މިސަރުކާރު އޮތް ނަމަވެސް އިގްތިސާދީގޮތުން ރަނގަޅު ހިސާބަކަށް ރާއްޖެއަށް ނުދެވޭނެކަމަށް އުމަރު ވިދާޅުވިއެވެ.
"މިހެން ދަންނަވަން މިޖެހެނީ ސަބަބުތަކަކާއިއެކު. އެންމެ ފުރަތަމަ ބަލާލަމާ ހިންގަވާ ރައީސް ޔާމީން ވެރިކަމާއި ހަވާލްވިއިރު ގައުމީ އުފެއްދުންތެރިކަން ހުރީ ކިހާ މިންވަރެއްގައިތޯ. ދެން މިހާރު ޖީޑީޕީ ހުރީ ކިހާ މިންވަރެއްގައިތޯ. އެ އަދަދުތައް އެހުރީ ފެންނަން. ނެތް އެ ވިދާޅުވާ ކުރިއެރުމެއް އިނގޭތޯ." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމާއި ހަވާލްވިއިރު ގައުމީ އުފެއްދުންތެރިކަން ހުރީ 6896 ޑޮލަރުގައިކަމަށާ އެ އަދަދު 2014 ވަނަ އަހަރު 7197 އަދި 2015 ވަނަ އަހަރު ހުރީ 7015 ޑޮލަރުގަކަމަށެވެ. އަދި މިއަހަރު ނިމޭއިރު ގައުމީ އުފެއްދުންތެރިކަމުގެ މިންވަރުހުރީ ބޮލަކަށް 7430 ޑޮލަރުގައިކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ސަރުކާރުން ކޮންމެ ރަސްމިއްޔާތެއްގައި ގައުމީ އުފެއްދުންތެރިކަން އިތުރުކޮށް ބޮލަކަށްޖެހޭ މިންވަރު 12000 ޑޮލަރަށް އިތުރުކުރާނެކަމަށް ތަކުރާރްކޮށް ވިދާޅުވަމުން ގެންދަވާކަމަށާ ނަމަވެސް ތިން އަހަރުތެރޭ ހޯދިފައިވަނީ މިހާ ކުޑަ މިންވަރެއްގެ ކުރިއެރުމެއްގައިވީއިރު، 12000 ޑޮލަރަށް އިތުރުކުރާނީ ކިހިނެތްތޯ ސުވާލް އުފެދޭކަމަށެވެ.
"އަޅުގަނޑަށް ހަމަ ޔަގީން އެ ވިދާޅުވާ އަދަދަށް 2022 ވަނަ އަހަރު އަންނައިރުވެސް މިސަރުކާރަށް ވާސިލްނުވެވޭނެކަން. މިއީ ހަމައެކަނި ވާހަކައިން ކަންކަން ހާސިލްކުރާ ސަރުކާރެއް. ނަތީޖާއެއް ނެތް ފެންނާކަށް." އުމަރު ވިދާޅުވިއެވެ.
މީގެ އިތުރަށް އުމަރު ވިދާޅުވީ 94000 ވަޒީފާ އުފެއްދުމުގެ ވާހަކައަކީވެސް ސަރުކާރުން ވަރަށް ވަރުގަދައަށް ދައްކަމުންދާ ވާހަކައެއްކަމަށެވެ. އަދި އެ އަދަދަށް ވާސިލްވެއްޖެކަމަށް ދޭހަވާ މޭރުމުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ވާހަކަދައްކަމުންދާކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ސަރުކާރުން ކަންކަން އޮޅުވާލި ނަމަވެސް ކަމާބެހޭ އިދާރާތަކުން ނެރެދެމުންދާ ތަފާސް ހިސާބުތަކަށް ބަލާލުމުން ސަރުކާރު ފެއިލްވެފައިވާ މަންޒަރު ފެންނަކަމަށެވެ. އުމަރު ވިދާޅުވީ ތަފާސް ހިސާބުތަކަށް ބަލާއިރު، 2013 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް އުފެދުނީ އެންމެ 6000 ވަޒީފާކަމަށެވެ.
"މި ދެންނެވި މުއްދަތުގައި ޕެންޝަންގައި ރަޖިސްޓްރީވެފައިވަނީ އެންމެ 6000 މީހުން އިނގޭތޯ. އެހެންވީމަ ވަރަށް ސާފު މިއީ މި މުއްދަތުގެ ތެރޭގައި އުފެދުނު ވަޒީފާތަކަކީ. ދެން ކިހިނެތްތޯ 94000 ވަޒީފާ އުފެދޭނީ." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ދުޅަހެޔޮވާނީ މިހާރު ސަރުކާރުން ގެންގުޅޭ އުސޫލްތައް ބަދަލްކޮށްގެންކަމަށެވެ. ހާއްސަކޮށް ސަރުކާރުން ވިޔަފާރިކުރުން ހުއްޓާލާ އާންމުންގެ މައްޗަށް ވިޔަފާރިތައް ދޫކޮށްލާ ފްރީ މާކެޓް އިކޮނިމިކް ޕްރިންސިޕަލްތައް ތައާރަފްކޮށްގެންކަމަށެވެ. އެގޮތުން ވިޔަފާރިތަކަށް ފުރުސަތު ލިބެވޭ ގޮތަށް ގާނޫންތައް ބައްޓަންކޮށް، ސަރުކާރުން ވިޔަފާރިތައް ކޮންޓްރޯލްކުރުން ދޫކޮށްލަންޖެހޭކަމަށް އުމަރު ވިދާޅުވިއެވެ.
"މިސާލަކަށް ބައްލަވާ. ތިޔަ ބޭފުޅުން ކުރިން ފެންނާނެ މާލޭގައި ވަރަށް ގިނައިން ގާ އަޅައިގެން އެ ވިއްކާ މީހުން. ނަމަވެސް މިއަދު އެކަކުވެސް އެކަމެއް ނުކުރޭ. ކީއްވެގެންތޯ. ސަރުކާރުން މިހާރު މިވަނި ކުންފުނި ހަދައިގެން ގާ އަޅާ ވިއްކުމުގެ މަސައްކަތް ފަށާފައި." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އިގްތިސާދީ ތަޖްރިބާރު ހުރިކަމަށް ބުނާ ސަރުކާރުގެ ސިޔާސަތުތައް ވަރަށް ދޯދިޔާކަމަށާ ސަރުކާރު ފެންނަނީ ހުސް ވާހަކަދައްކާ ނަތީޖާ ނުނެރެވޭ ސަރުކާރެއްގެ ގޮތުގައިކަމަށެވެ.
ސަރުކާރުގެ އިގްތިސާދީ އެޖެންޑާ ފެއިލްވެއްޖެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ