ކޮންމެ ފަހަރަކު އުމަރު ބޭރުގައި، އިއްތިފާގެއްތަ؟

ޓެރަރިޒަމްގެ ކުށް ސާބިތުވެގެން 13 އަހަރުގެ ހުކުމެއްގައި ޖަލުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޭ ބަންދަށް ބަދަލުކުރުމުގެ ކަންކަމަށް ޒިންމާ ނެންގެވީ، އެ ދުވަސްވަރު ހޯމް މިނިސްޓްރީއާ ހަވާލުވެ ހުންނެވި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ. އަދި ނަޝީދު އަނބުރާ ޖަލަށް ގެންދިއުމުގެ ހުރިހާ ކަމަކާ ޒިންމާވެވަޑައިގަތީ ވަގުތީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު މުހައްމަދު ޝައިނީ އެވެ. މިއިން އެއްވެސް ކަމެއްގައި ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ދައުރެއް ނެތެވެ. ސުވާލަކީ ނަޝީދުގެ ބަންދަށް ބަދަލު ގެންނަ ކޮންމެ ފަހަރަކު އުމަރު ރާއްޖޭގައި ނޫޅުއްވުމަކީ އިއްތިފާގެއް ހެއްޔެވެ؟ ނަޝީދު އެންމެ ފުރަތަމަ ތިން ދުވަހަށް ގޭ ބަންދަށް ބަދަލުކުރިއިރު ވެސް އުމަރެއް ނެތެވެ. ޓެސްޓްތަކެއް ހެދުމަށްޓަކައި މިދިޔަ ޖޫން 21 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ނަޝީދު ތިން ދުވަހަށް ގެ އަށް ބަދަލުކުރިއިރު، އެ ރޭ ހޯމް މިނިސްޓަރު އުމަރު ރަސްމީ ދަތުރެއްގައި ސިންގަޕޫރަށް ފުރާވަޑައިގަންނަވާތީ، މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ މިހާރުގެ ނައިބު ރައީސް އަދީބެވެ. އޭޑީކޭގެ ޑޮކްޓަރު ދިން ލަފައަކާ ގުޅިގެން ޖޫން 24، 2015 ގައި ނަޝީދުގެ ގޭ ބަންދުގެ މުއްދަތު ދެ މަސް ދުވަހަށް އިތުރުކުރި އިރު ވެސް އުމަރު ރާއްޖެއަށް ވަޑައެެއް ނުގަންނަވަ އެވެ. އޭރު ވެސް ހޯމް މިނިސްޓްރީއާ ހަވާލުވެ ހުންނެވީ އަދީބެވެ. ނަޝީދުގެ ގޭ ބަންދުގެ މުއްދަތު ދެ މަސް ދުވަހަށް އިތުރުކުރީ، ހޯމް މިނިސްޓްރީން އޭރު ބުނެފައިވާ ގޮތުގައި، އެމަނިކުފާނު ދެ މަސް ދުވަސް ވަންދެން ބެޑް ރެސްޓް ކުރެއްވުމަށާއި ސްޓްރެސް ފްރީ މާހައުލެއްގައި ބެހެއްޓުމަށް ޑޮކްޓަރު ލަފާ ދިނުމުންނެވެ. ނަޝީދު އަނބުރާ ޖަލަށް ގެންދިއުމަށްޓަކައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކަރެކްޝަނަލް ސާވިސްގެ ވެހިކަލަށް އަރުވާފައި: އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރިއިރު ވެސް އަދި އަނބުރާ ޖަލަށް ގެންދިޔައިރު ވެސް އުމަރު ރަށުގައި ނޫޅުއްވާ.---ފޮޓޯ: ނިޝާން ނަޝީދުގެ ގޭ ބަންދުގެ މުއްދަތު ހަމަވެ، މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް އަނބުރާ މާފުށީ ޖަލަށް ގެންދިޔައިރު ވެސް އުމަރު ރަށުގައި ނޫޅުއްވަ އެވެ. އުމަރު ވިދާޅުވާ ގޮތުގައި މިދިޔަ ހަފުތާގެ އަންގާރަ ވަނަ ދުވަހުގެ ރޭ ރަސްމީ ދަތުރެއްގައި ސިންގަޕޫރަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ އެވެ. އެ ދަތުރަށް ފަހު އޭނާ މާލެ ވަޑައިގަތީ، ނަޝީދު ޖަލަށް ގެންގޮސް ހުރިހާ ކަމެއް ނިމުނު ފަހުން ރޭގަ އެވެ. މި ފަހަރު ހޯމް މިނިސްޓްރީއާ ހަވާލުވެ ހުންނެވީ ޑރ. ޝައިނީ އެވެ. ސުވާލަކީ މިއީ ހަމަ އިއްތިފާގެއް ހެއްޔެވެ؟ ނުވަތަ ނަޝީދު ގޭ ބަންދަށް ބަދަލުކުރާ ކޮންމެ ވަގުތެއްގަ އާއި އެމަނިކުފާނު އަނބުރާ ޖަލަށް ގެންދާ ކޮންމެ އިރެއްގައި އުމަރު ގަސްދުގައި "ފިއްލަވަނީ" ހެއްޔެވެ؟ އެހެން ނޫނީ ސަރުކާރުން، ނަޝީދުގެ ބަންދާ ގުޅޭ ކަންކަމުން އުމަރު ދުރުކުރަނީ ހެއްޔެވެ؟ މިއީ، ފުލުހުންނަށް އަމުރުކުރުމަށް ހޯމް މިނިސްޓަރަށް ދީފައި އޮތް ބާރު އަތުލުން ކަހަލަ ކަމެއް ހެއްޔެވެ؟ އުމަރު މަގާމުން ދުރުކުރަން އުޅޭ ކަމަށް ބުނެ ދޭތެރެދޭތެރެއިން އަޑުތައް ވެސް ފެތުރެ އެވެ. އުމަރު މިއަދު "ހަވީރަ"ށް ވިދާޅުވީ ނަޝީދުގެ ބަންދާ ގުޅޭ ކަންކަން ހިނގާ ދުވަސްވަރު "ކަން ދިމާވާ ގޮތުން އެކިއެކި ދަތުރުތަކުގައި އަޅުގަނޑު ރާއްޖެއިން ބޭރުގައި ހުންނަން ޖެހެނީ" ކަމަށެވެ. އަދި އެއިން ކޮންމެ ފަހަރަކު ވެސް ވަޑައިގަންނަވަނީ ރަސްމީ ދަތުރުތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ. ރައީސް ޔާމީނާއި މިނިސްޓަރު އުމަރު ވާހަކަފުޅު ދައްކާލައްވަނީ.---ހަވީރު ފައިލް ފޮޓޯ އުމަރު ވިދާޅުވި ގޮތުގައި ނަޝީދާ ގުޅޭ ކަންކަމުގެ ޒިންމާއިން ރެކިވަޑައިގަތުމުގެ އެއްވެސް އަމަލެއް އޭނާ ނުހިންގަވާނެ އެވެ. "އަޅުގަނޑު ދަންނަ މީހަކަށް ވިއްޔާ އެނގޭނެ ބޮޑު ކަމަކުން އަޅުގަނޑެއް ނުރެކޭނެ. ބޮޑުކަމެއް އުޅެންޏާ އޭގެ ތެރެއަށް ވަންނަ މީހެއް އަޅުގަނޑަކީ. ރާއްޖެއިން ބޭރުގައި އަޅުގަނޑު ހުއްޓާ [އިދިކޮޅު މީހުން] ބޮޑެތި މުޒާހަރާތައް ރޭވީމާ ހުންނާނެ ދަތުރު ކުރުކޮށްފައި މާލެ އައިސްފައި. އެހެންވީމާ ކަންކަމުން ރެކުމެއް ނޯންނާނެ. ކުރިމަތި ނުލެވޭނެ އެއްވެސް ކަމެއް ނޯންނާނެ. ކަމެއް ބޮޑުވެގެން ދުވަހަކު ވެސް ރެކިފައެއް ނޯންނާނެ،" ސަރުކާރާއި އެމްޑީޕީން ބޭއްވި މަޝްވަރާތަކުގައި ސަރުކާރު ތަމްސީލް ކުރެއްވި އިސް މަންދޫބު އުމަރު ވިދާޅުވި އެވެ. އިއްތިފާގަކަށް ވިޔަސް ނުވަތަ އަޑީގައި އެހެން ކަމެއް އޮތަސް، ނަޝީދު ގޭ ބަންދަަށް ބަދަލުކުރި ވަގުތާއި އެމަނިކުފާނު އަނބުރާ ޖަލަށް ގެންދިިޔައިރު ހޯމް މިނިސްޓަރު ރާއްޖޭގައި ނެތްކަން ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ