އާ ސަރުކާރަށް ނުވަ މަސްދުވަސްވެފައިވާއިރު މިނިސްޓަ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހުލޫފްވެފައި ވަނީ ރާއްޖޭގައި ކުޅިވަރުގެ ވަޒީރުކަން ކުރި ފަރާތްތަކުގެ ތެރެއިން ޒުވާނުންނާއި ކުޅިވަރުގެ އާއިލާގެ ލޯބާއި ރުހުން އެއްމެ ބޮޑަށް ހޯދި ކުޅިވަރު ވަޒީރަށްވެފައެވެ.
ސަރުކާރަށް ނުވަ މަސްދުވަސްވެފައިވާއިރު ވަޒީރުގެ މަސައްކަތަކަށް އަދިވެފައި ވަނީ ހަމަސް ދުވަހެވެ. އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ އެސްއޯއެފާ އެކު ޑޮލަރުގެ މުއާމަލާތެއް ހިންގެވުމުން ސަސްޕެންޑްކުރުމަށް ފަހު އެސީސީ އިން އެ މައްސަލާގައި މަހުލޫފްގެ ކުށެއް ނެތް ކަމަށް ނިންމުމާއި އެކު ޔޫތު މިނިސްޓަރުގެ މަސްއޫލިއްޔަތު އަލުން ހަވާލުވެ، މަހުލޫފް ދަނީ ބާރު ސްޕޯޑްގައި ރާއްޖޭގެ ކުޅިވަރު ދުނިޔޭގެ ފެންވަރަށް ނެގުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) މެންސް ސީނިއާ ސެންޓްރަލް ޒޯން ވޮލިބޯޅަ މުބާރާތުގެ ތިންވަނަ ހޮވި މެޗުގެ ވީޓީވީގެ ލައިވް ކަވަރޭޖަށް ވަޑައިގެން ދެ އެނަލިސްޓުނާއި އެކު ދެ ގަޑިއިރު ތުރުކުމަނިސްތާން އަތުން ރާއްޖެ ބަލިވި މެޗުގައި ވަޒީރުބައިވެރިވުން ވެގެންދިޔައީ އެތައްބަޔެއްގެ ލޯބި ވަޒީރަށް އޮހިގެންދިޔަ ކަމަކަށެވެ.
"އަޅުގަނޑު ވެސް ޓީވީން ލައިވް ކަވަރޭޖްގެ ތެރެއިން ވަޒީރު ފެނުމުން ވަރަށް އުފާވި، އަދި ވަޒީރު ކުޅިވަރަށް ދޭ ސަމާލުކަން ވަރަށް ބޮޑަށް ސިފަވެގެންދިޔަ" މަހުލޫފް އާއި ބެހޭ ގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.
ރާއްޖޭގެ ކުޅިވަރުގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ކުރީގެ މަޝްހޫރު ކޯޗު އަދި ކުޅުންތެރިއަކު ބުނީ މަހުލޫފް އަކީ ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދެވޭނެ ހަމައެކަނި ވަޒީރު ކަމަށާއި މީގެ ކުރިން އެއްވެސް ކުޅިވަރު ވަޒީރެއްގެ ފަރާތުން ފެނިފައިނުވާފަދަ ހިތްވަރެއް މަހުލޫފްގެ ފަރާތުން ފެންނަމުންދާ ކަމަށެވެ. އަދި މަހުލޫފް އަކީ ރާއްޖޭގެ ކުޅިވަރުގެ ބައްޕަ އަލްމަރުހޫމް ޒާހިރު ނަޞީރު ފަދަ ހިތްވަރުގަދަ އެފަދަ ސަހުސިއްޔަތެއް ކަމަށެވެ.
ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައި އަޅުގަނޑު ހޭދަކުރި 15 އަހަރުގެ ތެރޭގައި މިނިސްޓަރ މަހުލޫފް ކުޅިވަރަށް ދެމުންގެންދަވާ އަހުމިއްޔަތުކަން ދިން އެހެން ވަޒީރެއް އަޅުގަނޑަށް ފެނިފައިނުވާއިރު ލައިވް ކޮމެންޓްރީގައި ދުވަހަކު ވެސް ވަޒީރެއްގެ ބައިވެރިވުމެއް އަޅުނޑަށް ފެނިފައެއްނުވެއެވެ.
"ވަރަށް ކުޅިވަރާއިގެން އެއުޅެނީ. މީގެ ކުރިން ދުވަހަކުވެސް ކުޅިވަރުގެ ވަޒީރެއްގެ ފަރާތުން ފެނިފައިވާކަމެއް ނޫން ކުޅިވަރު އާއިލާ އާއި މިހާގާތްކޮށް މަސައްކަތް ކުރުން. އެފްއޭއެމް އާއި ވަޒީރާއި ކުރީކޮޅު ވަރަށް ބޮޑު މައްސަލަގަނޑެއްޖެހުން. އެކަމަކު އެއީ މުޅިން އެހެން ގޮތަކަށް ދިމާވެގެންއައިކަމެއް. އެކަން ދޫކޮށްލުމަށް ފަހު މިހާރު ވަޒީރުގެ ފަރާތުން ފުޓްބޯޅަ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަކީ ވެސް މީގެ ކުރިން އެހެން ވަޒީރެއްގެ ފަރާތުން ފެނުނު ކަމެއް ނޫން. މިއަދު މުޅި ކުޅިވަރު އާއިލާއިން ވަޒީރުގެ މަސައްކަތަށް ތައުރީފް ކުރަމުންދަނީ ރާއްޖޭގެ ތާރީހުގައި ވެސް މިކަން މީގެ ކުރިން ފެނިފައިނުވާތީ" ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަން އަދި ވަޒީރާއި އެއްމެ ބޮޑަށް ހިޔާލުތަފާތުވުން އުފެދިގެންދިޔަ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.
ރާއްޖޭގެ ކުޅިވަރު ކުރިއެރުވޭނީ އެކަމަށް ހަރަދުކޮށްގެން ކަމަށާއި އެކަމަށްޓަކައި ކުރަންޖެހުނު ކޮންމެ ހަރަދެއް މި ސަރުކާރުން ކުރާނެ ކަމަށް ތަކުރާރުކޮށް ވަޒީރު ދަނީ ވިދާޅުވަމުންނެވެ. ކުޅިވަރުގެ އުމުރާނީ ވަސީލަތް ތަރައްގީ ނުކޮށް ރާއްޖޭގެ ކުޅިވަރު ކުރިޔަށް ނުގެންދެވޭނެ ކަމަށް ވަޒީރު ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި އުމުރާނީ ވަސީލަތްތަރައްގީ ކުރުމާއި އިންޓަނޭޝަނަލް މުބާރާތްތައް ރާއްޖޭގައި ބޭއްވުން ހިިމެނޭއިރު އެކަންކަން ތަންފީޒު ކުރުމުގައި އެންމެ އިސްސަފުގައި އަމަލީ ގޮތުން މަސައްކަތް ކުރާތީ ފެންނަނީ ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަހުލޫފެވެ.
"ރާއްޖޭގެ ގައުމީ ވޮލީޓީމަށް ކޯޗުކޮށްދިން ތައިލެންޑްގެ ސުންތޮން ކޮންޓްރެކްޓް އާކުރަން އޭރުގެ ވަޒީރުކައިރި އެދުނީމަ ދިން ޖަވާބަކީ ތިން ހާސް ޑޮލަރު ބޮޑޭ ތިވަރުދީގެން ނުބެހެއްޓޭނެ އޭ. މިއަދު ވަޒީރުގެ ވާހަކަ އަޑުއަހާފައި ކަރުނައައީ. ވަޒީރު ވިދާޅުވީ އަގެއް ނޫނޭ ބަލަންވީ މޮޅު ކޯޗުން ގެނެސް ދިވެހި ކުޅިވަރު ކުރިއަރުވާށޭ ބަލަންވީ. މިއަދު ހިތައްއަރާ އޭރު ވަޒީރު ކަމުގައި މަހުލޫފް ހުރި ނަމައޭ" 2015 ވަނަ އަހަރު ސެންޓަރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ރިހިމެޑަލް ހޯދައިދިން ބޭރުގެ ކޯޗުގެ ހަނދާން އާކުރަމުން ވީޓީވީގެ ލައިވް ކަވަރޭޖްގައި ވަޒީރު ދެއްކެއްވި ވާހަކަފުޅަށް އިޝާރާތްކޮށް ކުޅިވަރަށް ގިނަ ހިދުމަތްތަކެއްކުރެއްވި ބޭފުޅަކު ބުނުއްވިއެވެ.
އެއްމެ އަޅާލުން ކުޑަ ކުޅިވަރުތައް ކަމަށްވާ ރާޅާއެޅުންތެރިންނާއި އެކު ވަޒީރު ރާޅާއެޅުމަށް ރާޅުގަނޑަށް އެރެއެވެ. ވޮލީބޯޅަ ކުޅުންތެރިންނާއި އެކު ވޮލީ ކުޅުމަށް ވޮލީކޯޓަށް ވަޑައިގެންނަވައެވެ. ރާޒުވާ ފިލާގަނޑު ދޮށުގައި އިންނަވައެވެ. ބެޑްމިންޓަން އާއި ޓީޓީ ކޯޓްތަކަށް ގޮސް އެ ކުޅުންތެރިންނަށް ހިތްވަރު ދެއްވުމަށް ކުޅުއްވައެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިތްވަރު ދެއްވުމަށް އެ އެތްލީތުންނާއި އެކު ކުޅިވަރު ދަނޑުތަކަށް ވަޑައިގެންނަވައެވެ.
ފިނިކުރި ކޮޓަރިކޮޅުގައި އިދެގެން ކުޅިވަރުގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި ކުޅިވަރުގެ ހާލަތު ބައްލަވަނީ ސީދާ ކުޅިވަރު ދަނޑުތަކާއި ކުޅިވަރުގެ ކޯޓްތަކަށް ވަޑައިގެންނެވެ. ކުޅިވަރުގެ ފޯރި އިހުސާސް ކުރައްވަނީ އެއްމެ އާދައިގެ ކުޅިވަރު ސަޕޯޓެއްގެ ގޮތުގައި ކުޅިވަރުގެ މައިދާނުގައި ހުންނަވައި ކުޅުންތެރިންނަށް ހިތްވަރުދެއްވުމަށް ބާރު އަޑުން ސަޕޯޓު ދެއްވައިގެންނެވެ.
ވާދަވެރި މެޗުތައް ކުޅެމުންދާއިރު ސަޕޯޓަރުންގެ ތެރޭގައި އެއްމެ ބާރަށް ސަޕޯޓް ކުރަމުންދާތަން ފެންނަނީ ކުޅިވަރު ވަޒީރު މަހުލޫފް ކަމަށާއި ކުޅިވަރުގެ އެއްމެ އިސްއެއް ފަރާތް އެގޮތައް އައިސް ސަޕޯޓް ކުރުމުން މުބާރާތުގައި ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދިޔަ ކަމަށް ނިމިގެންދިޔަ އިންޑިއަން އޯޝަންއައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި މެޑަލް ހޯދި އެތްލީޓުން ކަމަށްވާ އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީ އަދި ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބާހާ ވަނީ ބުނެފައެވެ.
ފުޓްބޯޅަ އާއިލާ އާއި ޖެހުނު މައްސަލަ ހައްލުކޮށް ފުޓްބޯޅަ އާއިލާގެ ލޯބި ހޯދައިފިއެވެ. ވޮލީބޯޅައިގެ ފޯރި އިތުރު ކުރުމަށް އަމަލީ ގޮތުން ބައިވެރިވެ ވޮލީބޯޅައިގެ އާއިލާގެ ލޯބި ހޯދައިފިއެވެ. ރާއްޖޭގައި ކުޅޭ ކޮންމެ ކުޅިވަރެއްގައި އަމަލީ ގޮތުން ބައިވެރިވެ އެފަރާތްތަކުގެ ލޯބި ވަޒީރު ހޯދައިފިއެވެ. ދިވެހި ކުޅިވަރު ބައިނަލް އަގުވާމީ މައިދާނުގައި އެއްމެ އުހަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތުގައި ކުޅިވަރު އާއިލާ އެކީ ވަޒީރުގެ ފަހަތަށް އަރައިފިއެވެ.
ސްކޫލު ދައުރުގައި ޓެނިސް ފިޔަވާ ހުރިހާ ކުޅިވަރެއްހެން ކުޅުއްވި ކުޅިވަރާއި ބެހޭ ވަޒީރަށް ކުޅިވަރަށް އެހާ ބޮޑު ލޯތްބެއް ހިތުގައި އުފެދިގެން ދިޔައީ ކުޅިވަރު، އަމަލީ ގޮތުން ކުޅުއްވާ އަދި ކުޅިވަރު ހިންގުމުގައި އަމަލީ ގޮތުން އުޅުވުމުން ނެވެ. މާޔުސްވެފައިވާ ކުޅިވަރު އާއިލާއަށް އުންމީދުތަކެއް ވަޒީރާއި އެކު ލިބިގެންގޮސްފައިވާއިރު މުޅި ކުޅިވަރު އާއިލާގެ ލޯބި މިނިސްޓަރ މަހުލޫފް ހޯދައިފިއެވެ.
ކުޅިވަރު އާއިލާގެ ތައުރީފާއި ލޯބި ކުޅިވަރު ވަޒީރު މަހުލޫފަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ