ރިޔާސީ ލޯންޗު "ފިނިފެންމާ"ގައި އެއްޗެއް ގޮވި ހާދިސާގެ ތަހްޤީޤު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކާމިޔާބުކަމާއި އެކު ނިންމަވައިލައްވާނެ ކަމަށާއި، މިކަން އެއްކޮށް އެމަނިކުފާނު ހައްލު ކުރައްވާނެ ކަމުގެ ޔަޤީންކަން އެބަ އޮތްކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިރޭ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 28 ސެޕްޓެމްބަރު ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާ ހިނގައިދިޔަ ގޮތް އެމަނިކުފާނަށް ރައީސް ޔާމީން ސާފުކޮށްދެއްވާފައިވާ ކަމަށެވެ. ރައީސް މައުމޫން ވަނީ އެކަމަށްޓަކައި ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވައިފައެވެ.
ރައީސް މައުމޫން ވިދާޅުވީ، ޕީޕީއެމް އޮތީ ރައީސް ޔާމީންގެ ފަހަތުގައި، އެމަނިކުފާނަށް މެދުކެނޑުމެއް ނެތި ހިތްވަރު ދިނުމުގައި ކަމަށެވެ. އަދި ލޯންޗުގައި އެއްޗެއް ގޮވި ހާދިސާގެ ތަހްޤީޤާއި، އެ ހާދިސާއާ ގުޅިގެން ހިނގަމުންދާ ކަންކަން ރައީސް ޔާމީން ހައްލު ކުރައްވާނެ ކަމާއި މެދު ފުރިހަމަ ޔަޤީންކަން އެބަ އޮތް ކަމަށާއި، އެމަނިކުފާނު ދިވެހިރާއްޖެ ހަމަޖެހުމުގެ މިސްރާބަށް ގެންދަވާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
28 ސެޕްޓެމްބަރު ވަނަ ދުވަހު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މާލެއަށް ރައީސް ޔާމީން "ފިނިފެންމާ" ލޯންޗުގައި ދަތުރުކުރައްވަނިކޮށް އެލޯންޗުގައި އެއްޗެއް ގޮވާފައިވާ އިރު، ތަހްޤީޤުން އެނގޭ ގޮތުގައި ލޯންޗުގައި އެއްޗެއް ގޮވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިންނަވާ ގޮނޑިކޮޅުގެ ދަށުންނެވެ. ނަމަވެސް އެދުވަހު އެގޮނޑިކޮޅުގައި އިންނެވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމެވެ.
މި ހާދިސާގައި ރައީސްގެ އަނބިކަނބަލުންގެ ބުރަކަށިފުޅަށް އަނިޔާވެފައިވާ އިރު، އެކަމަނާގެ މައިބަދައިގެ ހަތަރު ތަނަކުން ރެނދުލާފައި ވުމުގެ ސަބަބުން އަދިވެސް އޮންނެވީ އިންދިރާ ގާންދީ މެމޯރިޔަލް ހޮސްޕިޓަލުގައި އެނދުމަތިކުރައްވައިފައެވެ.
މި ހާދިސާ ތަހްޤީޤު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ނޭޝަނަލް އިންކުއަރީ ކޮމިޝަނުން އިއްޔެ ނޫސްވެރިންނާ ބައްދަލުކޮށް ވިދާޅުވެފައިވަނީ، އެއީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަ ކޮށްލުމަށް ދެވުނު ހަމަލާއެއް ކަން ރައީސަށް ދަންނަވާފައިވަނެ ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފްގެ ތިން މީހަކު ވަނީ ހައްޔަރުކުރެވި، ފުލުހުންގެ ބަންދުގައި ބޭތިއްބިފައެވެ. މި މީހުންގެ ބަންދުގެ މުއްދަތު ހަމަވެ، އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ބަންދަށް އިތުރުކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރު ކުރި ސިފައިންގެ 3 މީހުންނަކީ ސާޖެންޓް މޫސާ ޒަމީރާއި މުހައްމަދު ޖަވާޒުގެ އިތުރުން ލެފްޓިނެންޓް ތިހާމްއެވެ.
މި ތިން ސިފައިންގެ އިތުރުން އެމްއެންޑީއެފް ކާނަލް އަހުމަދު ފަޔާޒު (ޕާޕާ) އާއި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ އަހުމަދު އާމިރު ވަނީ ސިފައިންގޭގައި ބަންދުކޮށްފައެވެ.
ލޯންޗުގެ ހާދިސާ ކާމިޔާބުކަމާ އެކު ރައީސް ހައްލު ކުރައްވާނެ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ