ޢަލީ ވަޙީދުގެ ޝަރީއަތް އޮންލައިންކޮށް ގެންދާ މައްސަލަ ސުޕްރީމް ކޯޓަށް

މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާކުރުމުގެ ތުހުމަތުކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ ޝަރީއަތް، އޮންލައިންކޮށް ގެންދާ މައްސަލައިގެ އިސްތިއުނާފު، ހައިކޯޓުން ބޭރުކޮށްލުމުން ސުޕްރީމް ކޯޓަށް ދާން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފިއެވެ.
ޢަލީ ވަޙީދުގެ ޝަރީއަތް، އޭނާ ރާއްޖެއިން ބޭރުގައި ހުރެގެން ގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. މިގޮތަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ޢަލީ ވަޙީދުގެ ބޭސްފަރުވާގެ ކަންކަން ނުނިމޭތީ ކަމަށް ވިދާޅުވެ ސިޓީއެއް ކޯޓަށް ހުށަހެޅުމުންނެވެ.
އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ޢަލީ ވަޙީދު ހާޒިރުނުކޮށް މި މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ގަބޫލުކުރެވޭތޯ ދައުލަތުގެ ކިބައިން ސުވާލުކޮށްފައެވެ. މިކަމަށް ރައްދުދެމުން ދައުލަތުން ބުނީ ޝަރީއަތް ކުރިއަށްގެންދެވޭނީ އޭނާ ހާޒިރުކޮށްގެންކަމަށާއި، ޢަލީ ވަޙީދު ރާއްޖެއިން ބޭރުގައި ހުއްޓަސް މައްސަލަ ކޯޓަށް ހުށައަޅާފައިވަނީ ކޯޓުގެ ނިންމުމެއް ގޯސްކަމަށް ގަބޫލުކުރެވޭނަމަ އިސްތިއުނާފުކުރުމުގެ ދަށުންކަމަށެވެ. 
ދައުލަތުން ބުނިގޮތުގައި ޢަލީ ވަޙީދު ރާއްޖެއަށް ހާޒިރުކުރުމަކީ ކޯޓުތަކުގެ ޒިންމާއެކެވެ. އަދި ދައުލަތުން ވަނީ ފުލުހުންގެ ބަންދުގައި އޭނާ ބަހައްޓައިގެން ކޯޓަށް ހާޒިރުކުރެވޭނެފަދަ އަމުރެއް ނެރެވޭނެކަމަށާއި، ޢަލީ ވަޙީދުގެ ޕާސްޕޯޓް ކެންސަލްކުރުމުގެ އަމުރެއްވެސް ނެރެވޭނެކަމަށް ފާހަގަކޮށްފައެވެ.
ނަމަވެސް ފަނޑިޔާރުންގެ ބެންޗުގެ ފަރާތުން ވަނީ ޢަލީ ވަޙީދުގެ ޝަރީއަތް އޮންލައިންކޮށް ގެންދިއުން ދައުލަތަށް ގަބޫލުނުކުރެވޭ ސަބަބާއި މެދު ގިނަ ސުވާލުތަކެއް އުފައްދަވާފައެވެ. މިއަދުގެ ޝަރީއަތް ނިންމާލާފައިވަނީ މައްސަލަ އިތުރަށް ބެލުމަށްފަހު ޢަމަލުކުރާނެގޮތެއް ވަރަށް އަވަހަށް ދައުލަތަށް އަންގާނެކަމަށް ޝަރީއަތުން ބުނުމަށް ފަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ