ފިނި މޫސުމުގެ އިހްސާސްތައް ކުރެވޭ ގޮތަށް ރަސްރަނި ބަގީޗާގައި ހަދާ ވިންޓާ ބިލްޑިން އަންނަ ފިތުރު އީދު ދުވަހު ހުޅުވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިރޭ މުއިއްޒު ވިދާޅުވީ ވިންޓަ ބިލްޑިންގެ މަސައްކަތް ލަސްވީ އެތަނަށް ބޭނުންވާ ކޭބަލްތައް އެޅުމުގައި ދިމާވި ލަސްތަކެއްގެ ސަބަބުން ކަމަށެވެ. އެކަމަކު ރޯދަ މަސް ނިމުމުގެ ކުރިން ހުރިހާ މަސައްކަތެއް ނިމި، ޓެސްޓް ކުރަން ފެށޭނެ ކަމަށާއި މިހާރު ނިންމާފައިވަނީ އަންނަ ފިތުރު އީދު ދުވަހު އެތަން ހުޅުވާ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އިތުރު ކަމެއް ދިމާ ނުވާ ނަމަ އެދުވަހު ހުޅުވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އެއީ ދެން އަޅުގަނޑުމެން މިބަލަނީ ޔަގީން ޑޭޓް ކަމަށް. ކަމެއް ދިމާނުވާނެ ކަމެއް ނޭނގެ ދަންނަވާކަށް. އެހެން ނަމަވެސް އަޅުގަނޑަށް ގަބޫލު ކުރެވެނީ އެއީ ހަމަ ހުޅުވޭނެ ދުވަސް ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ވިންޓާ ބިލްޑިން ހުޅުވާނީ ކެފޭއެއް ވެސް ހިމެނޭ ގޮތަށް އަދި ކެފޭ ހިންގާ ފަރާތުން ވިންޓާ ކޯނާ ވެސް ހިންގައި، ބަލަހައްޓަންޖެހޭ ގޮތަށެވެ. އޭގެ ބޭނުމަކީ ދައުލަތުން ޚަރަދުތަކެއް ކުރަން ނުޖެހި، ސެލްފް ސަސްޓެއިނިން މޮޑެލްއަކަށް އެތަން ހިންގޭނެ ގޮތް ހެދުން ކަމަށާއި އެގޮތުން ކެފޭ ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ހަފުތާގައި ފުރުސަތު ހުޅުވާލާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ކެފޭ ހިންގާނެ ފަރާތުން ވިންޓާ ބިލްޑިންގެ ހުރިހާ ޚަރަދެއް ބަލަހައްޓަން ޖެހޭނީ. އެތަނުގެ ކަރަންޓާއި ފެނާއި މި ހުރިހާ ޚަރަދެއް އެ ފަރާތުން ބަލަހައްޓަން ޖެހޭނީ. އަދި އިތުރަށް އެތަނުގެ އެންޓްރެންސް ފީ އާއި އެތަނުގައި ހުންނަ ސްލައިޑްތަކާއި އައިސް ސްކޭޓިން ވިޔަސް މިތަންތަން ބެލެހެއްޓުމާއި މުޅި ތަން މެނޭޖްކުރުމާ އެކީގައި ސެލްފް ސަސްޓެެއިނިން މޮޑެލްއަކަށް ކެފޭ ހިންގަން އަންނަ ހަފުތާގައި މި އިއުލާން ކުރާނެ،" މުއިއްޒު ވިދާޅުވި އެވެ.
"ފިނި މޫސުން" ގެންނަ ވިންޓަ ބިލްޑިން އީދު ދުވަހު ހުޅުވާނެ: މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ