މިއީ ގައުމުގެ ކަންތަކާ ރައްޔިތުން ހަވާލުވާންވީ ވަގުތު: ފައިސަލް ނަސީމް

ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެކިބައިން ކަމަށާއި، ވެރިކަން ދެމިއޮންނަނީވެސް ރައްޔިތުންގެ ކިބައިންކަމުން، ގައުމުގެ ހާލަތު މިދަރަޖައަށް އަންނައިރު އެއީ ދެން ރައްޔިތުން ކަންތަކާ ހަވާލުވާންވީ ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން މިއަދު ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ، ގައުމު މިހާރު މިއޮތް ހާލަތަށް އައުމުން ރައްޔިތުންގެ ފަރާތުން އެކަމަށް ފިޔަވަޅެއް އަޅަން ނުވަތަ އެކަމަށް މަސައްކަތެއް ކުރަން އޮތް ރައްޔިތުންގެ މަޖިލިސް އޮތް ހާލަތު ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނަ ކަމަށެވެ.
ފައިސަލް ވިދާޅުވީ ސަރުކާރުގެ އަނިޔާވެރިކަމާއި، ފަސާދައާއި ކޮރަޕްޝަނާހެދި މެމްބަރުންނަށް ކެތް ނުކުރެވިގެން އިސްލާހަށް މަސައްކަތްތަކެއް ފެށުމުން، މަޖިލީސްގައި މެމްބަރުން ހިމެނޭގޮތް ސަރުކާރުން ބޭނުންވާގޮތަށް ނޫންގޮތަކަށް ބަދަލުވެގެންދިޔައީމަ ދެން ކަންތައް ވެގެންދިޔަ ގޮތްވެސް ރައްޔިތުންނަށް ވަރަށް ގާތުން ފެންނާނެ ކަމަށެވެ.
"ރައްޔިތުން މެމްބަރުން އިންތިޚާބުކުރި ޒިންމާތަކާއި މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް ވަންޏާ އެއޮތީވެސް ރައްޔިތުންނަށް ކަންތަކާ ޖެހިފަ. ރައްޔިތުން ކަންތައްތަކާ ހަވާލުވެ ރައްޔިތުން މެމްބަރުންނަށް ބާރުތައް ހޯދައިދޭންޖެހޭ ވަގުތު ޖެހިފަ" ފައިސަލް ނަސީމް ވިދާޅުވިއެވެ.
ދުނިޔޭގެ އެއްވެސް ގައުމެއްގެ ތާރީޚްގައި މިފަދަ ދަރަޖައަކަށް ގައުމެއްގެ ކަންތައްތައް ގޮސްފައިވާތަން ފެނިވަޑައިނުގަންނަވާ ކަމަށާއި، ގައުމު މިއަދުވަނީ ދުނިޔޭގެ އެއްވެސް ބައެއްގެ ބަސްނާހާ ބައެއްގެ ދަރަޖައަށް ވެއްޓިފައި ކަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ.
އެހެންކަމުން، ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް ފުރިހަމަ ގޮތުގައި ހިފަންޖެހޭ ކަމަށާއި، މިއަދު ގެއްލުވާލި އެއްޗެއް މާދަމާ ނުލިބޭނެ ކަމަށާއި، މިއަދު ގެއްލިގެންދާ އެއްޗަކީ މުޅި ދިވެހި ރައްޔިތުންނާއި މުޅި ގައުމަށް ގެއްލިގެންދާ އެއްޗެއް ކަމަށްވެސް ވިދާޅުވިއެވެ.
"އަޑުތައް އިއްވަން އެބަޖެހޭ. ރައްޔިތުންގެ ގޮވާލުންތަކުގެ އަޑު ނީވޭކަމަށް ބުނަނީ. މީހަކު ދައްކާހާ ބިރަކަށް ބިރު ގަންނާކަށް ނުޖެހޭ. ބިރުވެތިވާންޖެހޭނީ އެންމެ ފަރާތަކަށް. މީހަކު ދައްކާ ބިރަކަށް ފަހަތަކަށް ޖެހިގެން ނުވާނެ. ފަހަތަށް ޖެހެންޏާ އެތައް އަހަރަކަށް ގައުމު އޮންނާނީ އޮޔާދާން. މިއީކީ ވަކިބައެއްގެ ގައުމެއްނޫން، މިއީ ރައީސަކަށް ހުރި އަބްދުﷲ ޔާމީނާއި އޭނާގެ ވަށައިގެންތިބި މީހުންގެ އެކަނި ގައުމެއްނޫން. މިއީ އެތައްލައްކަ ބައެއްގެ ގައުމެއް" ފައިސަލް ނަސީމް ވިދާޅުވިއެވެ.
ގާނޫނީ އިމުގެ ތެރެއިން ގާނޫނީ ހުދޫދުގެ ތެރެއިން މިއަނިޔާވެރިކަން ހުއްޓުވޭނެ ކަމަށާއި، ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ހުއްޓުވޭނެ ކަމަށާއި، މުޅި ރާއްޖޭގެ ރައްޔިތުން މާލެއަށް އައިސް މިކަމުގައި ބައިވެރިވެ ރައްޔިތުންގެ އަޑު ރަނގަޅަށް އިއްވާލެދޭންޖެހޭ ކަމަށްވެސް ފައިސަލް ނަސީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ