ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ ނައިބު ލީޑަރު އަހުމަދު އާމިރު ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުންނަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނަށް އާމިރު ބަހުގެ ހަމަލާތަކެއް ދެއްވީ، ބުދަ ދުވަހުގެ މެންދުރުފަހު މަޖިލީހުގައި ބޭއްވި ގަވާއިދު ކޮމެޓީގެ ބައްދަލުވުމުގައެވެ. މަޖިލިސް ޗުއްޓީގައި ވަނިކޮށް، ކުއްލި ގޮތަކަށް ބޭއްވި ގަވާއިދު ކޮމެޓީގައި އާމިރުގެ ބަހުގެ ހަމަލާތައް ސަރުކާރު މެމްބަރުންނަށް ރައްދު ކުރެއްވީ ކޮމެޓީއަށް ހުށަހެޅުނު އިސްލާހުތަކަށް ރިޔާއަތް ކުރުމެއް ނެތި، އަވަސް އަރުވާލައިގެން ގަވާއިދަކަށް އިސްލާހު ގެނައުމާ ގުޅިގެންނެވެ.
ކޮމެޓީގައި މަޝްވަރާ ކުރީ މާލޭ ޕްލޭނިން ގަވާއިދަށް އިސްލާހު ގެނައުމަށް ހައުސިން މިނިސްޓްރީން ކޮމެޓީއަށް ހުށަހެޅުނު އިސްލާހާ ގުޅޭ ގޮތުންނެވެ. އެ ގަވާއިދަށް ދެ އިސްލާހެއް މެމްބަރުން ހުށަހެޅިއެވެ. އާމިރު އިސްލާހެއް ހުށަހަޅުއްވާފައި ވަނިކޮށް، ސަރުކާރުން ބޭނުންވާ ގޮތަށް ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ވެސް އިސްލާހެއް ހުށަހެޅުއްވި އެވެ.
ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން މުގައްރިރުކަން ކުރެއްވި ކޮމެޓީގައި އެންމެ ފުރަތަމަ ވޯޓަށް އެއްސެވީ ޔާމީން ހުށަހެޅުއްވި އިސްލާހަށެވެ. އެ އިސްލާހު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހަތަރު މެމްބަރުންގެ ތެރެއިން ތިން މެމްބަރުންގެ ވޯޓުންނެވެ. އެ އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ހުސައިން މުހައްމަދު އެކަންޏެވެ.
ހަތް މެމްބަރުން ހާޒިރުވެވަޑައިގެން ތިއްބެވި ކޮމެޓީގައި އާމިރު ހުށަހެޅުއްވި އިސްލާހަށް ކޮމެޓީގެ މުގައްރިރު ވޯޓަށް އަހާފައެއްނުވެއެވެ.
މުގައްރިރުގެ ނިންމުންތަކާ ހިތްހަމަނުޖެހިވަޑައިގެން މެމްބަރު އާމިރު ވަނީ އެ ވަގުތު ކޮމެޓީ ދޫކުރައްވައި ވަޑައިގެންފައެވެ. ނަމަވެސް ފަހުން ކޮމެޓީއަށް ވަޑައިގެން ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން އާމިރު ވިދާޅުވީ މެމްބަރުން ހުށަހަޅުއްވާ ކަންތައްތަކަށް ބަލާލުމެއް ނެތި، ކޮމެޓީން ކަންކަން ނިންމުމަކީ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި ކޮމެޓީގެ މުގައްރިރު އަމަލު ކުރައްވަނީ ރައްޔިތުންގެ މަސްލަހަތަށް އިސްކަން ދީގެން ނޫން ކަމަށް ވެސް އާމިރު ވިދާޅުވިއެވެ.
ކޮމެޓީ ނިންމާލުމަށް ފަހު، އާމިރު ވަނީ މެމްބަރު ޔާމީނަށް ނިސްބަތް ކުރައްވައި ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އެ މަންޒަރު އެވަގުތު މަޖިލިސް ކަވަރު ކުރަން ވަދެތިބި ނޫސްވެރިންނަށް ފެނުނެވެ. އާމިރު ރުޅި އިސްކުރައްވައި ވާހަކަފުޅު ދައްކަވަން ފެއްޓެވުމުން، ރައްދުގައި ޔާމީން ވެސް ވާހަކަފުޅު ދެއްކެވި އެވެ. އާމިރު ބަހުގެ ހަމަލާތަކެއް ދެއްވީ މެމްބަރު ޔާމީނަށާއި މުބީނަށެވެ.
ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ވެސް ވަނީ ސަރުކާރުގެ މެމްބަރުންގެ އިހްލާސްތެރިކަމާމެދު ސުވާލު އުފައްދައި، އެ މެމްބަރުންނަށް ފާޑުވިދާޅުވެފައެވެ.
ކޮމެޓީން މިއަދު ފާސްކުރީ މާލޭ ޕްލޭނިން ގަވާއިދަށް ހުށަހެޅި ފުރަތަމަ އިސްލާހެވެ. އެ އިސްލާހުގައި ވަނީ އެކިއެކި ބޭނުންތަކަށް ދައުލަތުގެ ބިންތައް ދޫކޮށް، ތަރައްގީ ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ