ނަޝީދަށް އިންތިޚާބްގައި ވާދަ ކުރެވެން ޖެހޭނެ ކަމަށް އދ އިން ކަނޑައަޅާނެ: ޑރ ޝަހީދު

ޓެރެރިޒަމްގެ ކުށް ސާބިތުވެ، ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބްގައި ވާދަ ކުރެވެން ޖެހޭނެގޮތް އދއިން ކަނޑައަޅާނެ ކަމަށް އެމްޑީޕީގެ ކުރީގެ ފޮރިން މިނިސްޓަރ އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ނަޝީދަށް ވާދަ ކުރެވެން ޖެހޭނެ ކަމަށް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމެޓީއިން ކަނޑައަޅާނެ ކަމަށެވެ. ޝަހީދު މިހެން ވިދާޅުވިއިރު، އދގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މިނިވަން ޤައުމުތަކުގެ ޤާނޫނުތަކާއި ޙިލާފަށް ނިންމުން ނިންމުން ނުހިމެނޭކަން ފާހަގަ ކޮށްލެވެއެވެ. ޑރ ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2012 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 8 ވަނަ ދުވަހު، ނަޝީދު ބޭރުކޮށްލިގޮތަށް، ދެން އެކަން ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އަދި އދގެ ނިންމުމަށް ބޯނުލަނބައިފިނަމަ، ދިވެހި ޤައުމީ ދިދަ ތިރި ކުރަން ދިވެހި ސަރުކާރަށް މަޖުބޫރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޓެރަރިޒަމްގެ ކުށް ސާބިތުވެގެން 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޤައިދީ އަކަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބްގައި ވާދަ ކުރުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށް ޝަހީދު ވިދާޅުވުމުން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އޭނާއަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އދގެ ނިންމުންތަކާއި ބެހޭ ގޮތުން ވާހަކަ ދެއްކެވުމުގެ ކުރިން، އދގެ މަސްއޫލިއްޔަތު ތަކަކީ ކޮބައިތޯ ބެލުމަށް ގިނަ ފަރާތްތަކުން އޭނާއަށް ވަނީ ގޮވާލާފައެވެ. އަދި ރާއްޖެއަކީ މިނިވަން ޤައުމެއްކަމަށާއި، ރާއްޖޭގެ ދާހިލީ ކަންތައްތަކާއި ބެހުމުގެ ފުރުސަތު ބޭރުގެ ޤައުމުތަކަށާއި ޖަމިއްޔާތަކަށް ނޯންނާނެ ކަން ހަނދާނުގައި ބެހެއްޓުމަށްވެސް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ. ގާޒީއަކު ވަގަންނެގި މައްސަލައާއި ގުޅިގެން ޓެރެރިޒަމްގެ ކުށް ސާބިތުވެ، ތޭރަ އަހަރަށް ޖަލަށްލުމުން ބޭސްފަރުވާއަކަމަށް ވިދާޅުވެ، އިނގިރޭސީ ވިލާތަށް ވަޑައިގެން ފިއްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ މަގު ހޯއްދެވުމަށް ގައުމުތަކުގެ އެހީއަށް އެދެމުންނެވެ. އަދި އެކިއެކި ޖަމިއްޔާ ޖަމާއަތްތަކާއި އެކިއެކި ސަފީރުންނާއި ބައްދަލުކޮށް މަޝްވަރާ ކުރުމުންވެސް އެފަދަ އެއްވެސް އަލިމަގެއް ފެނިގެން ނުދިޔަކަން ފާހަގަކޮށްލެވެއެވެ. ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން ޖަލު ހުކުމް ތަންފީޒު ކުރައްވަމުންދާ އެއްވެސް ގައިދީއަކަށް އިންތިޚާބެއްގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ