ކަރަންޓް ފޮއްޓެގައި އަނެއްކާވެސް ރޯކޮށްލުމުން ބިލަތްފަހިން ހަތަރު ގަޑިއިރަށް ކަރަންޓް ކަނޑައިގެން ހިނގައްޖެ

ސިލްސިލާކޮށް ށ. އަތޮޅު ބިލެތްފަހީގައި ކަރަންޓް ފޮށިތަކަށް ގެއްލުންދޭ މައްސަލާގައި ރޭ ވެސް އެ ރަށު ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ބަޔަކު ގަސްދުގައި ރޯކޮށްލުމުގެ ސަބަބުން މުޅި ރަށުން ހަތަރު ގަޑިއިރަށް ކަރަންޓް ކަނޑައިގެން ހިނގައްޖެ އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު މިއަދު ވިދާޅުވީ ރޭ ގާތްގަނޑަކަށް ތިނެއް ޖަހާއެހާކަންހާއިރު މުޅި ރަށުން ކަރަންޓް ކަނޑައިގެން ދިޔަ ކަމަށާއި ނަމަވެސް އެ ރަށުގައި ކަރަންޓްގެ ހިދުމަތްދޭ ޒުވާނުންގެ އަމިއްލަ ޖަމިއްޔާ އިން ކުރި މަސައްކަތުން މިއަދު ހެނދުނު ހަތެއް ޖެހިއިރު އަލުން ރަށަށް ކަރަންޓް ދީފައިވާ ކަމަށެވެ.
ޒިޔާދު އަދި ވިދާޅުވީ އެކަމަކީ އެ ރަށުގެ ބަޔަކު ގަސްދުގައި ކުރަމުން އަންނަ ކަމެއް ކަމަށާއި ކޮންމެ ފަހަރަކު ވެސް ކަރަންޓް ފޮށީގައި ރޯކޮށްލުމުން ވަގުތީ ގޮތުން ހައްލެއް ހޯދުނު ނަމަވެސް އެކަންތައް ކުރަމުންދާ ބަޔަކު އަދި މިހާތަނަށް ހޯދިފައިނުވާ ކަމަށެވެ. އަދި މިއީ މިގޮތަށް ކަރަންޓް ޑިސްޓްރިބިއުޝަން ފޮށިތަކުގައި ރޯކޮށްލި އަށް ވަނަ ފަހަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކަރަންޓް ފޮށިތަކުގައި ރޯކޮށްލަނީ ގަސްދުގައޭ މިބުނަނީ އެ މަސައްކަތް ކޮށްފައި ހުންނަ ގޮތުން. އެގޮތުން ރޭ ވެސް ރޯކޮށްލި ފޮށީގެ ތެރޭގައި ބޮނބި އަޅާފައި ބޮނބި ތެރެއަށް ތެޔޮ އަޅާފައި ރޯކޮށްލާފައި ވަނީ. މީގެ މަހެއް ކުރިން ބަނދަރު ސަރަހައްދުގައި ހުންނަ ކަރަންޓް ޑިސްޓްރިބިއުޝަން ފޮށީގައި ރޯކޮށްލުމުގެ ސަބަބުން އާއްމުންނަށް ވަރަށް ގިނަ ދަތިތަކާ ދަނީ ކުރިމަތިވަމުން. އަދި ވެސް އެސަރަހައްދުގައި ކަރަންޓެއް ނެތް،" ޒިޔާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެބްރުއަރީ މަހުން ފެށިގެން ސިލްސިލާކޮށް ކުރަމުންދާ އެމަސައްކަތުގެ ދަށުން ކޮންމެ ފަހަރަކު ވެސް އެބަޔަކު އެ މަސްކަތް ކުރަމުންދަނީ ދަންވަރުގެ ވަގުތު ތަކުގައި ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެމައްސަލައާ ގުޅިގެން އެ ރަށުން އެއްވެސް މީހަކު ފުލުހުން ހައްޔަރުކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އެ ރަށު ޒުވާނުންގެ ޖަމިއްޔާގެ ރައީސް އަބްދުލްއަޒީޒު މިއަދު ވިދާޅުވީ އެގޮތަށް ރޯކޮށްލާ ފޮށިތައް އަލުން މަރާމާތު ކުރުމަކީ ވަރަށް އުނދަގޫ އަދި އެހާމެ ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމަށާއި އެކަމަކީ ކޮންކޮން ސަބަބަކާ ހުރެ ބަޔަކު ކުރާ ކަމެއް ކަމަށް އެނގިފައިނުވާ ކަމަށެވެ.
"މީސް މީހުން ދައްކަމުންދާ ވާހަކަތަކުން ލަފާކުރެވޭ ގޮތުގައި އެކަމަކީ ޖަމިއްޔާ ދެކެ ރުޅިއައިސްގެން ކުރަމުންދާ ކަމެއް." އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ