ބްރޯޑްކާސްޓް ދާއިރާގެ މާސްޓަރ ޕްލޭންއެއް އެކުލަވާލުމަށް ފަންނީ އެހީ ހޯދުމާ ގުޅޭގޮތުން އޭޝިއާ-ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޖަވާދު މުއްތަގީއާ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު މިއަދު މަޝްވަރާކުރައްވައިފިއެވެ.
މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ހުންނަ އޭ.ބީ.ޔޫ.ގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި، ރާއްޖޭގެ ބްރޯޑްކާސްޓިންގ، ރީބްރޯޑްކާސްޓިންގ އަދި ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ދާއިރާތައް ކުރިއަރުވައި ދެމެހެއްޓުމަށްޓަކައި ދިގު މުއްދަތުގެ މާސްޓަރ ޕްލޭންއެއް އެކުލަވާލުމުގެ މުހިންމު ކަމާއި އަދި މި މާސްޓަރ ޕްލޭން އެކުލަވާލުމުގައި އޭ.ބީ.ޔޫ.ގެ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން ކޮމިޝަންގެ ރައީސް އޭ.ބީ.ޔޫ.ގެ ސެކްރެޓަރީ ޖެނެރަލާ މަޝްވަރާކުރެއްވިއެވެ.
ކޮމިޝަނުން އެންމެ އިސްކަމެއް ދީގެން މިހާރު ކުރަމުންދާ އެއްމަސައްކަތަކީ ބްޜޯޑްކާސްޓްކުރުމުގެ ދާއިރާއަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާ ލިބިފައި ތިބި ބަޔަކު އުފެއްދުންކަން ފާހަގަކުރައްވައި، މި ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމުގައި އޭ.ބީ.ޔޫ.ގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމާ ގުޅޭގޮތުންވެސް ކޮމިޝަނުގެ ރައީސް، އޭ.ބީ.ޔޫ.ގެ ސެކްރެޓަރީ ޖެނެރަލާ މަޝްވަރާކުރެއްވިއެވެ.
އަދި ރާއްޖޭގައި ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ތަޢާރަފުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންނާއި، މި ޚިދުމަތް ރާއްޖޭގައި ތަޢާރަފުކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި، އެކަމާ ގުޅޭގޮތުން ކޮމިޝަންގެ ރައީސް މިބައްދަލުވުމުގައި ވާހަކަދެއްކެވިއެވެ.
އޭ.ބީ.ޔޫ.ގެ ސެކްރެޓަރީ ޖެނެރަލް ޖަވާދު މުއްތަޤީވެސް ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ތަޢާރަފުކުރުމުގެ މުހިންމުކަމާއި އަދި މި ޚިދުމަތް ދެވިދާނެ ތަފާތު ގޮތްތަކުގެ މަޢުލޫމާތު ކޮމިޝަނުގެ ރައީސާ ޙިއްސާކުރެއްވިއެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައިސް އޭ.ބީ.ޔޫގެ އޮފީހަށް ޒިޔާރަތްކުރެއްވީތީ އެކަމާ އުފާކުރައްވާކަމަށް ވިދާޅުވެ، ކޮމިޝަންގެ ރައީސްއަށް އޭ.ބީ.ޔޫ.ގެ ސެކްރެޓަރީ ޖެނެރަލާއި އިސްވެރިން ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވިއެވެ. އަދި ބައްދަލުކުރެއްވުމަށްފަހު، އޭ.ބީ.ޔޫ އޮފީހުގެ އެކި އެކި މަސައްކަތްތައް ހިނގަމުންދާގޮތް ކޮމިޝަންގެ ރައީސް ބައްލަވާލެއްވިއެވެ.
ބްރޯޑްކާސްޓިންގ ދާއިރާގެ މާސްޓަރ ޕްލޭންއެއް އެކުލަވާލުމަށް އޭ.ބީ.ޔޫ.އާ އެކު މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ