އައިއެސް އަކީ އިސްލާމީ ސިފައެެއް ނެތް ޖަމާއަތެއް: މައުމޫން

ސޫރިޔާއާއި އިރާގުގެ ބޮޑުބައެއްގައި އަމިއްލަ ވެރިކަމެއް ގާއިމްކޮށްގެން އުޅޭ އިސްލާމިކް ސްޓޭޓް (އައިއެސް) އަކީ އެއްވެސް އިސްލާމީ ސިފައެއް ނެތް ޖަމާއަތެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އިންޑިއާގެ ކުރީގެ ރައީސް އޭޕީޖޭ އަބްދުލްކަލާމުގެ ހަނދާނުގައި ބެންގަލޫރުގެ ގާޑްން ސިޓީ ކޮލެޖާއި އިންޑިއާގެ ސްޕޭސް އެޖެންސީ (އިސްރޯ) އާ ގުޅިގެން ދަރިވަރުންގެ މެދުގައި ބާއްވާ ބަހުސް މުބާރާތް "ސްޕީކް ޔުއަ މައިންޑް އެންޑް އެކްސްޕްރެސް" (ސިމްޕްރެސް) އިފްތިތާހު ކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ.
މައުމޫން ވިދާޅުވީ ދީނެއް ނަމަ އިންސަނީ އުހުއްވަތްތެރި ކަމަށާއި ސުލްހަޔަށް ގޮވާލާނެ ކަމަށެވެ. އެހެންކަމުން މުޅި ދުނިޔޭގައި ސުލްހަ ގާއިމްވެގެން ދާނީ އެކި ދީންތަކާއި އެކި ސަގާފަތް ތަކުގެ އަހުލުވެރިންގެ މެދުގައި ގުޅުން ބަދަހިކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ. މިކަމުގައި ހަބަރު ފަތުރާ ވަސީލަތްތަކުގެ ދައުރާއާއި މަސްއޫލިއްޔަތު އަދި ތައުލީމީ ދާއިރާގެ މަސްއޫލިއްޔަތު ވަރަށް ބޮޑު ކަމުގައިވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދާއިމީ ސުލްހައެއް ދުނިޔެއަށް ގެނައުމަކީ އުނދަގޫ ކަމަކަށް ވިޔަސް އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ. ހަނގުރާމަ އަކީ އެއްވެސް ދެކޮޅުވެރިކަމެއްގެ ދާއިމީ ހައްލެއް ނޫން ކަން ކަލާމް އަބަދުވެސް ފާހަގަކުރައްވާ ކަމަށް ވިދާޅުވި ރައީސް މައުމޫން ވިދާޅުވީ ހަނގުރާމަކުރަމުން ސުލްހަ ގާއިމް ނުކުރެވޭނެ ކަމަށެވެ.
"މެދުއިރުމަތީގައި އިޒުރޭލުން ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖްތަމައުން އެކަށައަޅާފައިވާ މުއާހަދާތަކަށާއި ގާނޫނުތަކަށް އެ ގައުމުން އަމަލު ނުކުރާނަމަ އެ ސަރަޙައްދުގައި ސުލްހަ ގާއިމު ނުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ،" މައުމޫންގެ އޮފީހުން ފޮނުވި ބަޔާނުގައި ބުނެފައިވެ އެވެ.
މައުމޫންގެ ވާހަަކަފުޅުގައި ވަނީ ގާޑްން ސިޓީ ކޮލެޖުގައި ދިވެހި ދަރިވަރުން ކިޔަވަމުންދާތީ އެކަން ފާހަގަކުރައްވާފަ އެވެ. އަދި ގާޑްން ސިޓީގެ ބަހުސް މުބާރާތުގެ އިފުތިތާހީ ޖަލްސާއަށް ދައުވަތު ދެއްވީތީ، މައުމޫން ވަނީ އެތަނުގެ އިސްވެރިންނަށްވެސް ޝުކުރު ދަންނަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ