ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރު ކުރަން ސައްޙަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލާގައި ބަންދުކޮށްފައިވާ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ފަނޑިޔާރުކަމުން ސަސްޕެންޑްކޮށްފިއެވެ.
އެ މައްސަލައާއި ގުޅިގެން ނިހާން ފުލުހުން ހައްޔަރުކޮށް، އޭނާގެ ބަންދަށް ހަތް ދުވަސް ހައި ކޯޓުން ވަނީ ޖަހައިދީފައެވެ,
މެޖިސްޓްރޭޓްކަމުގެ މަސްއޫލިއްޔަތުން ނިހާން އެކަހެރި ކުރުމަށާއި ވަޒީފާއަށް ނުނިކުމެ މަޑުކުރަން އަންގަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނުގައި ވަނީ އެކޮމިޝަނުގެ ހިންގާ ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން އދ. މާމިގިލީ ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓް ގއ.މާމެންދޫ ވީނަސް އަހުމަދު ނިހާން، މެޖިސްޓްރޭޓް ކަމުގެ މަޤާމުގެ މަސްޢޫލިއްޔަތުތަކާއި، ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ނިހާން ހައްޔަރުކޮށްފައި ވަނީ ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެ މަތިން ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ހައި ކޯޓަށް ހުށަހަޅައި، އެ ކޯޓުގެ އަމުރެއް ލިބިގެނެވެ. ފަނޑިޔާރުންގެ ގާނޫނު ބުނާގޮތުން ފަނޑިޔާރަކު ހައްޔަރު ކުރެވޭނީ އޭނާ މަސައްކަތް ކުރާ ކޯޓަކަށް ވުރެ މަތީ ކޯޓުގެ އަމުރެއް ލިބިގެންނެވެ.
ނިހާންގެ އިތުރުން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވެސް އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރިއެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ މުހުތާޒް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމާ ދޫކޮށްލައިފައެވެ.
މުހުތާޒް ދޫކޮށްލި މައްސަލަ ދައުލަތުން މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.
މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ފަނޑިޔާރުކަމުން ސަސްޕެންޑްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ