ބަޖެޓް ހަދާފައިވަނީ ގައުމުގެ ތަރައްގީއަށް އިސްކަންދީގެން: ގާސިމް

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތަކާއި ގައުމު ތަރައްގީއަށް އިސްކަންދީގެން ހަދާފައިވާ ބަޖެޓެއް ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ކުރީގެ ފިނޭންސް މިނިސްޓަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ ބަޖެޓް ދިރާސާކުރި ކޮމިޓީގެ ރިޕޯޓް މިއަދު މަޖިލީހަށް ހުށަހެޅުމުން އެ ރިޕޯޓަށް ބަހުސް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ބަޖެޓް ކޮމިޓީގެ މުގައްރިރުކަން މީގެ ކުރިން ގިނަ އަހަރުތަކަކު ކުރައްވާފައިވާ ގާސިމް އިބްރާހިމް މިއަދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި ތަރައްގީގެ މަޝްރޫއުތަކަށް ވަރަށް ބޮޑަށް އިސްކަންދީފައި ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. ހާއްސަކޮށް މުޅި ގައުމަށް ފައިދާ ކުރާނެ ވަރަށް ބޮޑު ދެ މަޝްރޫއެއް ނިންމުމަށް އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އެގޮތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއާއި ހުޅުލެއާއި މާލެއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖު މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ފައިސާ ބަޖެޓް ކުރެވިފައިވާ ކަން ގާސިމް އިބްރާހިމް ވަނީ ފާހަގަކުރައްވާފަ އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ތަރައްގީގެ ބައެއް މަޝްރޫއުތައް މަޑުޖައްސާލައިގެން ނަމަވެސް މި ދެ މަޝްރޫއުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމަންޖެހޭ ކަމަށެވެ. އެގޮތުން ވިދާޅުވީ މި ދެ މަޝްރޫއު ނިންމާލުމުން މުޅި ގައުމަށާއި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށާއި އޭރުން ތަަރައްގީގެ އެހެން މަޝްރޫއުތަކަށް ހަރަދުކުރަން ފައިސާ ވެސް ލިބިގެންދާނެ ކަމަށެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ އެއާޕޯޓް ތަރައްގީކުރަން ޖެހެނީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުންދަނީ ފަތުރުވެރިކަމުގެ ދާއިރާ އިން ކަމަށްވެފައި ފަތުރުވެރިންނަށް އެންމެ ފުރަތަމަ ހިދުމަތް ލިބެންޖެހޭ އެއް ތަނަކީ އެއާޕޯޓް ކަމަށްވާތީ އެތަނުން ލިބޭ ހިދުމަތްތަކުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅު ވާންޖެހޭނެ ކަމަށެވެ. ނަަމަވެސް މިހާރު އެއާޕޯޓުން ލިބޭ ހިދުމަތްތަކުގެ ފެންވަރު އެންމެ ރަނގަޅު ނޫން ކަން ފާހަގަކުރައްވާ ގާސިމް އިބްރާހިމް ވިދާޅުވީ އެއާޕޯޓް ތަރައްގީވެ ނިމުމުން ހިދުމަތް ދިނުމުގައި ހުރި މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ބްރިޖު އަޅަންޖެހޭ ސަބަބާއި ގުޅޭ ގޮތުން ގާސިމް އިބްރާހިމް ވިދާޅުވީ މުސްތަގްބަލްގައި ހުޅުމާލެއަކީ އެންމެ ގިނަ މީހުން ދިރިއުޅޭނެ އަދި އެންމެ ގިނަ ވަސީލަތްތައް ގާއިމްކުރެވިގެންދާނެ ރަށް ކަމަށެވެ. އެހެންކަމުން މާލެއާއި ހުޅުލެއާއި ދެމެދު ބްރިޖު އެޅި ހުޅުމާލެއިން މާލެއަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތްތަކެއް ހަމަޖައްސަން ޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ބްރިޖު މަޝްރޫއު ފެށުން މިހާރު ވެސް އެމަނިކުފާނަށް މާބޮޑަށް ވެސް ލަސްވެއްޖެ ކަމަށެވެ.
"މިއަދު ސަރުކާރުން މި ދެ ޕްރޮޖެކްޓަށް އިސްކަންދެއްވާފައިވާތީ އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތައް މިއަހަރުގެ ތެރޭގައި، މިއޮތް 2016 ވަނަ އަހަރުގެ ތެރޭގައި މަޑުޖައްސާލަފައި ނަމަވެސް އަޅުގަނޑުމެން އެބަޖެހޭ މިކަން ކުރަން. މިކަމުގެ މުހިއްމު ކަން އަޅުގަނޑުމެންނަށް އިނގޭނީ މިކަންވެ ނިމިދިޔައީމާ. އެހެންވީމާ އަޅުގަނޑު ދަންނަވަން އޮތީ މާދަމާގެ މުސްތަގުބަލަށް ބޭނުންވާ ލާރި ހޯދުމަށްޓަކައި މިއަދު އެ އިންވެސްޓްމަންޓް އަޅުގަނޑުމެން ބޭނުންވަނީ މިދެންނެވި ސަބަބާ ހެދި،" އަމިއްލަފުޅު ހަރަދުގައި ރާއްޖޭގެ ތަަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްްގައި ތަަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބަޖެޓުގައި ފައިސާ ހިމެނުނު ނަމަވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް އަހަރުގެ ތެރޭގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ވަސީލަތްތަކާއި މީހުން ނެތް ކަމަށެވެ. އެހެންކަމުން ތަަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް އިސްކަންދީގެން އެކަންކަން އަަވަހަށް ނިންމަން ކެތްތެރިކަމާއި ވިސްނުންތެރިކަމާއި އެކު ކުރިއަށްދާން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ