މަހިބަދޫ ފަރަށް އަރާފައި އޮތް ދޯނި ފުލުހުންނާއި މަހިބަދޫ ރައްޔިތުން ގުޅިގެން އެއްގަމަށް އަރުވައިފި

އދ. މަހިބަދޫ ހުޅަނގުފަރާތު ފަރަށް އަރާފައި އޮތް ރ.އުނގޫފާރުގެ “ހެދޭކުރި” ނަމަކަށް ކިޔާ ކަންނެލި ދޯނި އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި އދ.މަހިބަދޫގެ ރައްޔިތުން ގުޅިގެން ކުރި ބުރަ މަސައްކަތާ އެކު ދޯނި ފުންކުރުމަށްފަހު އދ.މަހިބަދޫއަށް މިއަދު އިރުއޮއްސި 18:05 ހާއިރު އެހެލައިފި ކަމަށް ފުލުހުން ބުނެފި އެވެ.
މި ދޯނި އެރަށު ހުޅަނގު ފަރާތު ފަރަށް އަރާފައި ވަނީ އިއްޔެ ހެނދުނު 09:45 ހާއިރެވެ.
ފުލުހުން ބުނީ އިއްޔެ އެދޯނި ފަރަށް އެރުމުން ދޯނީގައި ތިބި 9 މީހުން ސަލާމަތްތެރި ކަމާއެކު ރަށަށް އެރުވި ކަމަށާއި ދޯނީގައި ހުރި އައިސް ބޮކްސްތަކެއް އޮޔާ ދިޔުމުން ރަށުގެ ރައްޔިތުން އިސްނަގައިގެން ފުލުހުންނާ އެކު ގޮސް އެތަކެތި ކަނޑުން ހޮވައިގެން ގެނެސް ރަށަށް އެރުވި ކަމަށެވެ.
މިހާދިޘާ އާއި ގުޅިގެން ދޯނީގެ ފަހަތު ޑެގް ފަޅައިގެން ދިޔުމުގެ ސަބަބުން ދޯނިތެރެއަށް ލޮނު ވަދެ އިންޖީނުވެސް ވަނީ ހަލާކުވެފައެވެ. އަދި ދޯނީގައިވީލް ހައުސް އަދި ބަނޑުފިލައިން ބޮޑު ތަންގަނޑެއް ވަނީ ފަޅައިގެންގޮސްފައެވެ.
މިދޯނީގައި ތިބި 8 މީހުންގެ ކެއުމާއި ހުރުމުގެ ކަންކަންކަން ހަމަޖައްސާފައިވަނީ މަހިބަދޫ ޕޮލިސް ސްޓޭޝަނުގައެވެ.
ފުލުހުންނާއި ރައްޔިތުން ގުޅިގެން މިދޯނި ސަލާމަތް ކުރުމަށް ކުރި މަސައްކަތަކީ ވަރަށް އެކުވެރިކަމާއި އިޖުތިމާޢީ ރޫޙު ފެނިގެންދިޔަ މަސައްކަތެއް ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ