މޯދީ އަށް ރައީސް މައުމޫން މަރުހަބާ ވިދާޅުވެއްޖެ

އިންޑިއާގައި ބޭއްވި އާންމު އިންތިހާބުގައި ތަފާތު ބޮޑު ނަތީޖާއަކުން ބީޖޭޕީން ހޯދި ކާމިޔާބީ އަށް އެ ޕާޓީގެ ލީޑަރު ސްރީ ނަރެންދުރަ މޯދީ އަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބުދުލްގައްޔޫމް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ނެހެރޫ ގާންދީއާއިލާ އިން ވެރިކަން ކުރަމުން އައި ކޮންގްރެސްގެ މައްޗައް ބީޖޭޕީން ހޯދި ކާމިޔާބީ އަށް މަރުހަބާ ވިދާޅުވެ، ރައީސް މައުމޫން ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ މޯދީ އަށާއި ބީޖޭޕީ އަށް އިންޑިއާގެ ރައްޔިތުން ދިން ތާއީދަކީ އިންތިހާބުގެ ކެމްޕޭނުގައި އެމަނިކުފާނު ވައުދުވެ ވަޑައިގަތްނެވި އިސްލާހީ ބަދަލުތަކަށް އަމަލީ ސިފަ ގެންނެވުމަށް ލިބިގެން ދިޔަ ވަރަށް ބޮޑު ބާރެއް ކަމަށެވެ.
އަދި ރާއްޖެ ރައީސް ކަމުގައި މައުމޫން ހުންނެވި ދުވަސްތަކުގައި އިންޑިއާގެ ލީޑާޝިޕާއި އެމަނިކުފާނާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮތް ކަމަށެވެ. އަދި މިހާރު ދިވެހި ސަރުކާރު ހިންގާ ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ދެ ގައުމުގެ ރައޔްިތުންގެ ލާބައަށާއި ތަރައްގީއާއި ސުލްހަވެރިކަމަށްޓަކައި އިންޑިއާގެ ބީޖޭޕީ އާއި އާސަރުކާރާއެކު ކުރިޔަށް އޮތް ދުވަސްތަކުގައި ދިވެހި ސަރުކާރުން ބަދަހި ގުޅުމެއް ބޭއްވުމަށް އެމަނިކުފާނު އުއްމީދު ކުރައްވާ ކަމުގައި ވެސް ރައީސް މައުމޫންގެ ސިޓީފުޅުގައި ވިދާޅުވެފައިވާ ކަމަށެވެ.
އިންޑިޔާގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އަދި އިއުލާން ނުކުރިނަމަވެސް މިހާރުގެ ނަތީޖާ ދައްކާ ގޮތުން ޕާލަމެޓްގެ 543 ގޮނޑީގެ ތެރެއިން 272 އަށް ވުރެ ގިނަ ގޮނޑި ވަނީ ބީޖޭޕީ އަށް ލިބިފަ އެވެ. މިއީ ފާއިތުވި 30 އަހަރު ތެރޭގައި ވެސް އިންޑިޔާގެ އާންމު އިންތިޚާބެއްގައި އެގައުމުގެ ސިޔާސީ އެއްވެސް ޕާޓީއަކުން ހޯދާފައި ނުވާވަރުގެ ބޮޑު ކާމިޔާބީއެއް ކަމަށްވެ އެވެ. އަދި އިންޑިޔާގެ މިނިވަންކަމަށް ފަހު މިވީ 60 ވަރަކަށް އަހަރު ތެރޭގައި އިންޑިޔާގައި އެންމެ ދިގުމުއްދަތެއްގައި ވެރިކަންކުރި ކޮންގްރެސް އަށް މިފަހަރުގެ އިންތިޚާބުގައި ކުރިމަތިވި ފަދަ ނާކާމިޔާބީއެއް މިހާތަނަށް އަދި ކުރިމަތިވެފައިނުވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ