ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢާރަފްކުރި ޕާސްޕޯޓު ކާޑު، ބޭރުގެ އެއާޕޯޓުތަކުގައި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރެވެމުންދާކަމަށް ޑިޕާޓުމަންޓް އޮފް އިމިގުރޭޝަން އެންޑް އެމިގުރޭޝަނުން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޢުލޫމާތު ދެއްވަމުން، އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް ވިދާޅުވީ، ޕާސްޕޯޓް ކާޑު އޮތް ކަމުގައިވީނަމަވެސް، ރާއްޖެ އިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ޕާސްޕޯޓު ގެންދަން ޖެހޭނެ ކަމަށެވެ.
އެއީ ޤައުމުތަކަށް ދަތުރުކުރާއިރު ޕާސްޕޯޓު ގެންދިއުމާއި ނުގެންދިއުން ބިނާވެފައިވަނީ ދެޤައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ މައްޗަށް ކަމުގައިވާއިރު، މިހާތަނަށް އެފަދަ އެއްބަސްވުމެއް ޤައުމަކާއެކު ވެވިފައި ނުވާތީ ކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި މިވަގުތު އެފަދަ އެއްބަސްވުމެއް ހެދިފައި ނެތްނަމަވެސް ކުރިއަށްއޮތް މުސްތަޤުބަލުގައި އެ އިންތިޒާމް ހަމަޖެހިގެން ގޮސްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަލީލް އިތުރަށް ވިދާޅުވީ، ދެ ގައުމެއްގެ ދޭތެރޭގައި ވެވޭ އެއްބަސްވުންތަކަށް ދުވަސް ނަގާނެ ކަމަށާއި، ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ މަޝްވަރާކޮށްގެން ބޭރުގެ އެއާޕޯޓުތަކުގައި ޕާސްޕޯޓް ކާޑު ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
މިދިޔަ އަހަރު އާ ޕާސްޕޯޓް ފުރަތަމަ ތައާރަފްކުރި އިރު، އެހެން ގައުމުތަކުގެ އީ-ގޭޓުތަކުގައި ބޭނުން ނުކުރާކަމަށާއި، ނަމަވެސް ސަރުކާރުން ކުރި މަސައްކަތުން އެ ހިދުމަތް ވެސް މިހާރު ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ޚަލީލް ވަނީ ފާހަގަކުރައްވާފައެވެ.
ތަފާތު ގިނަ ކަންކަމަށް ބޭނުންކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ ޕާސްޕޯޓު ކާޑު ރާއްޖެއަށް ތަޢާރަފްކޮށްފައިވަނީ، މިދިޔަ ހަފްތާގެ ތެރޭގައެވެ. ޕާސްޕޯޓު ކާޑު ރާއްޖެއަށް ތަޢާރަފްކޮށްދެއްވީ، ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން މި ކާޑު ދޫކުރުމަށް ފަށާއިރު، ކާޑު ހެއްދުމަށް 450 ރުފިޔާގެ ފީއެއް ނެގުމަށް ނިންމާފައިވެއެވެ.
ބޭންކް އޮފް މޯލްޑިވްސް އާއި އެލައިޑް އިންޝްއަރެންސާ ގުޅިގެން އިމިގްރޭޝަނުން ނެރުނު އެ ކާޑަކީ، ޕާސްޕޯޓުގެ ގޮތުގައި ބޭނުން ކުރެވުމުގެ އިތުރުން ފައިސާވެސް ރައްކާކުރެވޭނެ ކާޑެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި އެ ކާޑުގެ އެހީގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމާއި އޭޓީއެމުން ފައިސާ ނެގުން ފަދަ ޚިދުމަތްތައް ލިބިގެންދާނެއެވެ.
މީގެއިތުރުން ޕީއޯއެސް މެޝިންތަކުން ވިޔަފާރިކުރުމާއި އޮންލައިން ވިޔަފާރިކުރުމުގައިވެސް އެ ކާޑު ބޭނުންކުރެވޭނެއެވެ. ޕާސްޕޯޓު ކާޑުގެ އިތުރު ފީޗާއަކީ، އައިޑީ ކާޑުގެ އިތުރުން އުޅަނދު ދުއްވުމުގެ ލައިސެންސަށްވެސް އެ ކާޑު ބޭނުންކުރެވުމެވެ.
ޕާސްޕޯޓު ކާޑު ތަޢާރަފްކުރުމަކީ ރައީސް ޔާމީންގެ ތަސައްވުރަކަށްވާއިރު، ރާއްޖެއަކީ ދުނިޔޭގައި އެންމެ ފުރަތަމަ ޕާސްޕޯޓް ކާޑެއް ތަޢާރަފްކުރި ޤައުމެވެ.
ބޭރުގެ އެއާޕޯޓުތަކުގައި ޕާސްޕޯޓް ކާޑު ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރެވެމުން: އިމިގްރޭޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ