ގިނަ ބަޔަކު ރޮއްވާލި 'ކަލް ހޯ ނަ ހޯ' ފިލްމުގެ މަތިން ހަނދާން އެބަހުރިތަ؟
މީގެ 22 އަހަރު ކުރިން ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސްއިން ބެލުންތެރިންނަށް ގެނެސްދިން ރީތި ލޯބީގެ ފިލްމު "ކަލް ހޯ ނަ ހޯ"އަކީ ގިނަ ބަޔަކު ޖަޒުބާތުގައި ޖައްސާ ބެލުންތެރިންގެ ލޮލުން ކަރުނަ އޮހޮރުނު ފިލްމެކެވެ. މި ފިލްމާ ގުޅޭގޮތުން ދާދިފަހުން ވާހަކަ ދައްކަމުން ފިލްމުގެ ލީޑް ބަތަލާ ޕްރިތީ ޒިންތާ ބުނެފައި ވަނީ މިއީ ހަގީގަތުގައި ވެސް ވަރަށް ގިނަ ބަޔަކު ރޮއްވާލި ފިލްމެއް ކަމަށެވެ. މި ފިލްމާ ގުޅޭގޮތުން ބެލުންތެރިޔަކު އެކްސްގައި ދާދިފަހުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ 20 އަހަރު ފަހުން "ކަލް ހޯ ނަ ހޯ" ބަލާ ކޮންމެ ފަހަރަކު ވެސް އޭނާއަށް ރޮވޭ ކަމަށެވެ. އެކްސްގައި ކުރި މި ޕޯސްޓަށް ރައްދު ދެމުން ބަތަލާ ޕްރިތީ ޒިންތާ ބުނެފައި ވަނީ، ފިލްމު ބަލާ ކޮންމެ ފަހަރަކު ބެލުންތެރިންނަށް ރޮވޭއިރު ފިލްމުގެ ކޮންމެ މަންޒަރެއް ނަގަމުންދިޔައިރު ވެސް ޕްރިތީއަށް ރޮވުނު ކަމަށެވެ. https://x.com/realpreityzinta/status/1922280427617755170 ފިލްމުގައި ހިމެނޭ ރޯލާ މަންޒަރުތަކަކީ ހަގީގަތުގައި ވެސް ފިލްމުގެ އެކްޓަރުން ރުއި މަންޒަރުތައް ކަމަށާއި އެއީ ރުއިމުގެ އެކްޓިން ނޫން ކަމަށް ޕްރިތީ ވަނީ ބުނެފައެވެ. ހަމައެއާއެކު "ކަލް ހޯ ނަ ހޯ" ނިމޭއިރު އެ ފެންނަ މަންޒަރުގައި އެ ފިލްމުގެ މުހިއްމު ކެރެކްޓަރު އަމަން މަރުވާ މަންޒަރު ނެގިއިރު އެ ވަގުތު އެ ތަނުގައި ތިބި ހުރިހާ މީހުންނަށް ވެސް ރޮވުނު ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އޭގެތެރޭގައި ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރަމުންދިޔަ ފިލްމު ޕްރޮޑަކްޝަންގެ ޓީމުގެ މީހުން ވެސް ހިމެނޭ ކަމަށް ޕްރިތީ ވަނީ ބުނެފައެވެ. ޑައިރެކްޓަރު ނިކިލް އަދުވާނީގެ މި ފިލްމަކީ ދަރުމާ ޕްރޮޑަކްޝަންސްއިން މިހާތަނަށް އުފެއްދި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީއެއް ހޯދި އެއް ފިލްމެވެ. މުޅިއެކު 28 ކްރޯޑު ރުޕީސް (3.36 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު އާމްދަނީގެ އަދަދު 10.08 މިލިއަން ޑޮލަރަށް އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ