މިތުރާ ގަޔާވެލީ... 10
އޮފީހަށް ވަންނާނެ ހިތްވަރު ނުލިބިފައި ރޫބީ އެތައް އިރަކު ދޮރުމަތީގައި ހުއްޓެވެ. އެންމެފަހުން ރޫބީ ނިންމީ ގެއަށް ދާށެވެ. ރޫބީ ފަސްއެނބުރުނު ވަގުތު ކުރިމަތީގައި ހުރި ޔަޒްދާން ފެނި، ސިއްސައިގެން ދިޔައެވެ. ********** ޔަޒްދާންގެ މޫނުގައިވާ ޒަހަމުގެ ނިޝާންތައް ތާޒާއެވެ. ލޯ ކައިރިން ދުޅަވެފައިވާ ތަނުގެ ކުލަ ހުރީ ކޮންމެވެސް ވަރަކަށް ކަޅުވާން ފަށާފައެވެ. އެހާ އަނިޔާ ލިބެން ޔަޒްދާން ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ފެންނަ ފެނުމަށް ޔަޒްދާނަކީ ގޯސް މީހެއް ވައްތަރު ނުޖަހައެވެ. ރޫބީ ފުން ނޭވާއެއް ދޫކޮށްލާފައި ޔަޒްދާންގެ މޫނަށް ބަލައިލިއެވެ. އެ މޫނުން ފެނުނީ އެކަނިވެރިކަމެވެ. ދެލޮލުގައި ވިދުމެއް ނެތެވެ. މާޔޫސްކަން ފިޔަވާ އިތުރު އެއްޗެއް އެ ހަޔާތުގައި ނުވާ ކަހަލައެވެ. "ދަނީތަ؟" ޔަޒްދާން އޭނާގެ މޫނު ފޮރުވަން މަސައްކަތް ކުރިއެވެ. ރޫބީ ދެފަރާތަށް ބޯ ހޫރާލާފައި އޮފީހަށް ވަނުމަށް ހިނގައިގަތެވެ. ފަހަތުން ދިޔައިރު، ޔަޒްދާން ހުރީ ކުށްވެރިއެއްހެން އިސްޖަހާލައިގެންނެވެ. ލިފްޓް ހުއްޓުނީ ތިންވަނަ ފަންގިފިލާއަށެވެ. ޔަޒްދާންއަށްވުރެ ކުރިން ލިފްޓުން ނުކުތީ ރޫބީއެވެ. ޔަޒްދާންގެ ކެބިންއަށް ވަދެފައި، ބޭސްފޮށި ނަގައިގެން ރޫބީ އެނބުރުއިރުވެސް ޔަޒްދާން ހުރީ ކުށްވެރިއެއްހެން އިސްޖަހާލައިގެންނެވެ. "އިށީނދޭ!" ރޫބީ އިޝާރާތްކުރީ ސޯފާއަށެވެ. ބަސްއަހާ ކުއްޖަކު ފަދައިން ޔަޒްދާން ސޯފާގައި އިށީނެވެ. ޔަޒްދާންގެ ކައިރީގައި އިނދެފައި ރޫބީ ބޭސްފޮށި ހުޅުވައިލިއެވެ. އަމިއްލަ ކެބިންގައިވެސް ޔަޒްދާން ހީވަނީ ރޫބީގެ ދަށުން މަސައްކަތްކުރާ މީހެއް ހެންނެވެ. "އެނިމަލްއަކާ ފައިޓްކޮށްފަތަ؟ މޫނުގަ މިހުރީ ހުސް ވަކިއަޅާފަ ހުރިހެން..." ޔަޒްދާން ޖަވާބެއް ނުދެއެވެ. އޭގެ މާނަ ރޫބީއަށް ނެގުނީ ގޯސްކޮށެވެ. ސުވާލެއް ކުރުމުން، ޖަވާބު ނުދޭނީ، ޔަޒްދާންގެ ކުށެއް އޮތީމައެވެ. ނޫނީ ރޫބީއަށް އިތުބާރު ނުކުރެވޭތީއެވެ. ޒަހަމުތައް ސާފުކުރަން އިނދެފައި، ރޫބީ ގަސްދުގައި ތަންކޮޅެއް ބާރަށް ކަފަކޮޅު ޖައްސައިލިއެވެ. ވީތަދުން ޔަޒްދާން ތެޅިގަނެފައި ކުޑަކޮށް ފަހަތަށް ޖެހިލިއެވެ. ދެމީހުންގެ ނަޒަރު އެކަކު އަނެކަކަށް ހުއްޓުނެވެ. ރޫބީ އިނީ ދެލޯ ހަނިކޮށްލައިގެން ޔަޒްދާނަށް ބަލާށެވެ. ހީވީ، ކޮއްކޮއަކު އޭނާގެ ބޭބެދެކެ ހިތްހަމަނުޖެހިގެން ބަލައިލި ހެންނެވެ. "މި ހިތަށް އަރަނީ މިވަރަށް ތަންތަން ހަލާކުވާނީ ކޮން ކަމެއް ކުރާތީބާއޭ؟" ރޫބީ ފަރުވާތެރިކަމާއިއެކު ޔަޒްދާންގެ ދެލޮލަށް ބަލައިލިއެވެ. ޔަޒްދާންއަށް ބަޔަކު ގެއްލުމެއް ދެނީ ހެއްޔެވެ؟ އެކަމަކު، ކީއްވެ ހެއްޔެވެ؟ "މީހަކު އަތުން ދަރަންޏަށް ފައިސާ ނެގީތަ؟ ނޫނީ ތަނަކުން ވައްކަމެއް ކުރީތަ؟ ފަހުން ރިގްރެޓްކުރަން ބޭނުން ނޫނިއްޔާ އަވަހަށް ބުނޭ!" ޔަޒްދާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވާން އުޅުނެވެ. ރޫބީގެ ވިސްނުން ހުރީ ކުޑަކުއްޖެއްގެ ވިސްނުން ހުންނާނެފަދަ ގޮތަކަށެވެ. ކުރީ މޮޔަ ސުވާލުތަކެވެ. "އެކަނިއުޅޭއިރު އުޅެންވާނީ ވަރަށް ބަލައިގެން..." ޔަޒްދާން ޖަވާބެއް ނުދިނުމުން، ރޫބީ ނަސޭހަތްތެރިވިއެވެ. "ކިހިނެއް އެނގުނީ އަހަރެން އުޅެނީ އެކަނިކަމެއް؟" ރޫބީގެ ސުވާލުން ޔަޒްދާނަށް ލިބުނީ ސިހުމެކެވެ. ރޫބީ ޗޮކެއް ކަނޑައިލިއެވެ. ބޭސްފޮށި ލާފައި އެނބުރި އައިއިރުވެސް ޔަޒްދާން ހުރީ ޖަވާބު ބޭނުންވާ ފަދައިން ރޫބީގެ މޫނަށް ބަލާށެވެ. "ޕެޓްސް ގެންގުޅޭނީ އެކަނިވެރިން..." ރޫބީ ޔަޒްދާންގެ ފޯނަށް އިޝާރާތްކޮށްލާފައި، ކެބިންއިން ނުކުންނަން ދިޔައެވެ. ޔަޒްދާންގެ ފޯނުގެ އިސްކްރީނަށް ލާފައި އޮތީ ބުޅަލެއްގެ ތަސްވީރެކެވެ. އެއީ ރާއްޖެއިން ބޭރުގައި އުޅުނު ދުވަސްވަރު ޔަޒްދާން ނެގި ތަސްވީރެކެވެ. "އަހަރެން މީ އެކަނިވެރިއެއް ނޫނޭ..." ރޫބީގެ ފަހަތުން ދަމުން ޔަޒްދާން ބުނެލިއެވެ. "ދަނީތަ؟ އަދި ގަޑިޖެހެން ތިރީސް މިނެޓު އެބައޮތް... ކޮފީއެއް ބޮއެގެން ދާންވީނު" "އޭރުން މިއަދުވެސް ސުނާމީ އަރާނެ..." ރޫބީ ނުހުއްޓުނެވެ. ރޫބީ ލިފްޓަށް ވަނުމަށް ސްވިޗަށް ފިތާލާފައި ފަސްއެނބުރުނު އިރުވެސް ޔަޒްދާން ކެބިންއިން ނުކުމެ ބަލަން ހުއްޓެވެ. ރޫބީ އަތުން ހަނާ އަޅައި އެތެރެއަށް ވަންނާށޭ ބުނެލިއެވެ. ލިފްޓްގެ ދޮރު ހުޅުވުނު އަޑު އިވުމުންވެސް ރޫބީ ފަސްއެނބުރުނީ ޔަޒްދާން ހިނގައިގަތުމުންނެވެ. ލިފްޓްގައި ހުރި އިކާން ފެނި ރޫބީގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. ދެލޯ ބޮޑުކޮށްލަމުން އިކާންއަށް ބަލައިލި ރޫބީ އަވަސް އަވަހަށް ފޯނު ނަގައި ކުޅޭކަމަށް ހެދުނެވެ. އޮފީހަށް އައި އިރުވެސް ރޫބީ ނިންމައިގެން ހުރީ އިކާނަށް ފިލައިގެން އުޅޭށެވެ. އެކަމަކު، ދުވަސް ފެށުނީވެސް އިކާންއާއި ބައްދަލުވެގެންނެވެ. އިކާން ދެބުމަގޮށްޖަހައިލަމުން، ކުރިމަތީގައި ހުރި ޔަޒްދާނަށް ބަލައިލިއެވެ. ޔަޒްދާން ފާޑަކަށް ހީލާފައި ދިޔަ މަންޒަރުން އިކާންގެ ހިތަށް އުނދަގޫ ގޮތެއް ވެގެން ދިޔައެވެ. ލިފްޓަށް ވަދެފައި ރޫބީ ހުރީ ނޭވާވެސް ނުލައެވެ. އެވަރުންވެސް އިކާން ޖަހައިގެން ހުރި ސެންޓުގެ މީރުވަސް އޭނާގެ ނޭފަތުގައި ހަރުލިއެވެ. އިކާން ދެލޯ ހަނިކޮށްގެން ރޫބީއަށް ބަލަން ހުރިކަން އޭނާއަށް އެނގުނެވެ. އިކާން އެއްޗެއް ބުނަންއުޅޭހެން ހީވެ، ރޫބީ އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ. "ކީކޭ ނަޖާ؟ ކޯއްޗެއް ނުފެނުނީއޭ؟..." ރޫބީ ވާހަކަ ދައްކަދައްކާ ހުއްޓާ ފޯނު ރިންގްވާން ފެށިއެވެ. އިސްކްރީނަށް އަރާފައި އޮތީ ނުދަންނަ ނަންބަރެކެވެ. ރޫބީ އަނގަޔަށް ގޮތެއް ހަދާލަމުން އިކާންގެ މޫނަށް ބަލައިލިއެވެ. އިކާން ދައްކައިލީ އޭނާގެ ފޯނެވެ. ރޫބީގެ ފޯނަށް ގުޅަމުންދިޔަ މަންޒަރު އިކާންގެ ފޯނުން ފެނުނެވެ. ރޫބީ މަޑުމަޑުން އަނެއް ފަރާތަށް އެނބުރެން އުޅެނިކޮށް އިކާން ރޫބީގެ ކުރިމައްޗަށް އެރިއެވެ. "ކީއްވެ އަހަންނަށް ފިލަން ތިއުޅެނީ؟" އިކާން އަހައިލިއެވެ. "ނުފިލަން..." ރޫބީ ހުރީ ލިފްޓް މައްޗަށް ދާލެއް ލަސްވެފައެވެ. "ދެންމެވެސް ތި އިގްނޯ ކުރީނު.." އިކާން ކުޑަކޮށް ގުދުވެ، ރޫބީގެ މޫނަށް ބަލައިލިއެވެ. "ހީކުރީއޭ ފޯނެއް އައީކަމަށް..." ރޫބީ އުނދަގޫ ގޮތަކަށް ހީލަމުން އިކާންއާއި ދުރަށް އެނބުރުނެވެ. "އަހަންނަށް ޗީޓު ކުރަނީތަ؟ އެހެންވެތަ ހަތަރުކަޅި ހަމަނުކުރަން ތިއުޅެނީ؟" އިކާން އަހައިލިއެވެ. "ޗީޓްއޭ؟..." ރޫބީ ދެލޯ ބޮޑުކޮށްލަމުން އިކާނަށް ބަލައިލިއެވެ. "ނުކުރަން ޗީޓްއެއް... އަހަރެން މީ ދުވަހަކުވެސް މީހަކަށް ޗީޓްކުރި މީހެއް ނޫން... އަހަރެން ލައިކްވާ މީހަކާވެސް އަދި ދިމާނުވޭ... ވެއިޓް... އަހަރެން ކީއްކުރަން އެކްސްޕްލެއިން ކުރަންވީ؟" ރޫބީއަށް ވިސްނުނުއިރު، ހުރިހާ ވާހަކައެއް ދެއްކިއްޖެއެވެ. އިކާން ފާޑަކަށް ހިނިއައިސްފައި ހުއްޓެވެ. އަމިއްލަ މޮޔަކަން ހަނދާންވެ، ރޫބީއަށް އަމިއްލަ ނަފުސަށް އަޑުލެވުނެވެ. ނޭނގި ނަމަވެސް ރޫބީއަށް އިއުތިރާފު ވެވުނީ ދުވަހަކުވެސް އަދި މީހަކާ ރައްޓެހި ނުވާކަމަށެވެ. އެކަމުން އިކާންގެ ހިތަށް ލިބޭނެ އުފާވެރިކަން ރޫބީއަށް އަންދާޒާވެސް ނުކުރެވެއެވެ. ދިހަވަނަ ފަންގިފިލާއަށް ލިފްޓް ހުއްޓުމާއިއެކު، ރޫބީ ދުވެލާފައި ކަހަލަ ގޮތަކަށް ލިފްޓުން ނުކުތެވެ. ކާޑު ޖެއްސިގޮތަށް ދުވެފައި ގޮސް މޭޒު ކައިރީގައި އިށީނެވެ. ރޫބީ އުޅުނުގޮތުން އިކާންގެ ކައިރިއަށް ހިނިއައެވެ. ރޫބީއަކީ ކާކުކަން އެނގުމުން، ރޫބީގެ ކޮންމެ އަމަލަކުންވެސް އިކާންގެ ހިތަށް އުފާވެރިކަން ގެނެސްދެއެވެ. ކެބިންއަށް ވަންގޮތަށް އިކާން ހުއްޓުނީ ބިއްލޫރިގަނޑުގެ ކައިރީގައެވެ. ރޫބީ އިނީ ކޮންޕިއުޓަރުން އެއްޗެއް ލިޔާށެވެ. ދެތެރެއަކުން ދަބަހުން އެއްޗެއް ނަގައިގެން ކާލައެވެ. ރޫބީގެ ހަރަކާތްތަކަށް ބަލަން ހުރެފައި، އިކާން ގޮސް ކަބަޑު ކައިރީގައި ހުއްޓުނެވެ. ކަބަޑު މަތީގައި އޮތް ތަޅުދަނޑީގައިލާ މުސަޅު ނެގިއެވެ. ގުޅިއަށް ލާފައި އޮތް ރަތްކުލައިގެ ކުޑަ ނަގައި، އެތެރެއިން ވަންނަ މީހަކަށް ރީތިކޮށް ފެންނަ ހިސާބުގައި އެތަކެތި ބެހެއްޓިއެވެ. އިކާން ބޭނުންވީ ރޫބީއަށް އެތަކެތި ފެންނާށެވެ. "މިއެއްޗެހި ފެނުނީމަ ރޫބީއަށް އެނގޭނެ އަހަރެން މީ ކާކުކަން... އޭރުން އަހަރެން އިގްނޯއެއް ނުކުރާނެ..." އިކާން ހިނިތުންވެލިއެވެ. "އައިޝާ! ހާދަ ދުވަހެއްގެ އިންތިޒާރަށް ފަހުގައޭ މި ބައްދަލުވީ..." މަސައްކަތުގައި އިނދެފައި ރޫބީއަށް ބަލައިލެވުނުއިރުވެސް އިކާން ހުރީ ރޫބީއަށް ބަލަހައްޓައިގެންނެވެ. ރޫބީ މޫނަށް ވައްތަރެއް ޖައްސާލާފައި، ގޮނޑި އަނބުރައިލިއެވެ. ރޫބީ އެނބުރޭ ވަރަކަށް އިކާންވެސް އެކި ކޮޅުކޮޅަށް ގޮސް ރޫބީއަށް ފެންނާނޭހެން ހުއްޓިލައެވެ. އިކާން ހުރީ ކުޑަ ހިފައިގެންނެވެ. އޭނާގެ މަގުސަދަކަށްވީ ރޫބީއަށް ކުޑަ ދެއްކުމެވެ. ރޫބީގެ ހަރަކާތްތަކަށް ބަލަން އިން ވިރުދާ ރޫބީގެ މޭޒާއި ގޮނޑި ކައިރިކޮށްލިއެވެ. "ތަނަކަށް ތަދުވަނީތަ؟" ވިރުދާ އަހައިލިއެވެ. "މިއަދު ހާދަ އެހެން ކަހަލަ ގޮތަކަށް އުޅޭ ދުވަހެކޭ..." "ޖިންނި އަވަލީ..." ރޫބީ ވައްކަޅިން އިކާނަށް ބަލައިލިއެވެ. "އޭނ؟" ވިރުދާ ދިޔައީ ސިއްސައިގެންނެވެ. "އެއީ މަޖާ..." ރޫބީ ހީލިއެވެ. "މި ޕްރެޒެންޓޭޝަން ކިހިނެއް؟" ވިރުދާއާއި ރޫބީގެ ހަރަކާތްތަކަށް ބަލަން ހުރި މިޔާދާ ތުންއަނބުރައިލިއެވެ. ކައިރީގައި ހުރި ނަޖުމާގެ ކޮނޑުގައި ކޮއްޓާލައި، އެމަންޒަރު ދައްކައިލިއެވެ. "ބްރޭކަށް ދާގަޑީ ފައިލް ޑިލީޓްކޮށްލަން ހިނގާ!..." ނަޖުމާ މޮޅު ހިޔާލެއް ދިނެވެ. އެންމެން ބްރޭކަށް ދިޔައިރުވެސް، ރޫބީ އިނީ މަސައްކަތުގައެވެ. ކުރަން އިން ކަންތައް ނިންމާފައި ރޫބީ ތެދުވިއިރު، އޮފީހުގައި އެކަކުވެސް ނެތެވެ. ބޭރަށް ނުކުންނާނެ ވަގުތު ނެތުމުން، ކޮފީއެއް ހިފައިގެން ރޫބީ އުޅުނީ އަނބުރާ އޮފީހަށް ވަންނާށެވެ. ދޮރުމަތި ކުނިކަހަން ހުރި މަސައްކަތު މީހާ ރޫބީއަށް ބަލައިލިއެވެ. "ބްރޭކްގަޑީވެސް އޮފީހަށްތަ ވަންނަނީ؟..." މަސައްކަތު މީހާ ވާހަކަ ދެއްކީ ގާތް ގޮތަކަށެވެ. "ވަރަށް ހިތްގައިމުވާނެ ޓެރަސް.... ރީތި ވައިވެސް ޖެހޭނެ..." "ހުއްދަ އޮންނާނެތަ އެތަނަށް ވަންނަން؟" ރޫބީ ޝައުގުވެރިވިއެވެ. "ކީއްވެ ހުއްދަ ނޯންނަންވީ؟ އެތާ ހުންނަ އެއްޗެހިވެސް އެއީ މުވައްޒަފުން ކާން ގެނެއްސަ ހުންނަ އެއްޗެހި.." މަސައްކަތު މީހާ އިތުރު ތަފްސީލް ދިނެވެ. އެއީ ރޫބީ ޓެރެސްއަށް ދިޔަ ފުރަތަމަ ފަހަރެވެ. މުވައްޒަފުންނަށް އެތަނަށް އައުމުގެ ހުއްދަ އޮތް ކަމެއް ކުރިން ރޫބީއަކަށް ނޭނގެއެވެ. ވިރުދާވެސް އެފަދަ ވާހަކައެއް ނުބުނެއެވެ. ޓެރެސްގައި އިށީނދެވޭނޭހެން ހިޔާކޮށްފައިވާ ތަންކޮޅެއް ހަދާފައިވާއިރު، މަސައްކަތު މީހާ ބުނިހެން ކޮފީއާއި، ސައި ބޮވޭނެ އިންތިޒާމް ހަމަޖައްސާފައި ހުއްޓެވެ. ކަޕް ނޫޑްލްސްއާއި ތަފާތު ވައްތަރުގެ ލުއި ކާނާ ހުއްޓެވެ. ބަލައިލި ކޮންމެ ދިމާއަކުން ފެންނަމުންދިޔަ ގަސްޕޮޓުތަކުން ތަނަށް ދިރުން ގެނެސްދީފައިވިއެވެ. ބައެއް ގަސްތަކުގައި އެކި ކުލަކުލައިގެ ސައިމާ ފޮޅިފައި ހުއްޓެވެ. ހޫނުގަދަ ދުވަހެއް ނަމަވެސް، ޖެހެމުންދިޔަ ވައިރޯޅިތަކުން ރޫބީގެ ސިކުނޑިއަށް އަރާމުވިއެވެ. މާހައުލުގެ ހިމޭންކަމާއިއެކު ރޫބީގެ ހަނދާނަށް އައީ ރަށުގައި ހޭދަކުރި ދުވަސްތަކުގެ މަތީންނެވެ. މާމަ ހައްދާފައިވާ މާބަގީޗާ ގަސްތަކުގައި އަބަދުވެސް މާތައް ފަރިވެ ފޮޅިފައި ހުރެއެވެ. މާމަ ދުނިޔެ ދޫކޮށް ދިޔުމުން، ގަސްތައް ބެލީ ރޫބީއެވެ. ރޫބީ ނެތުމުން، އެ ގަސްތަކަށް ވާނީ ކިހިނެއް ބާއޭ އޭނާގެ ހިތަށް އެރިއެވެ. ރޫބީގެ ހަރަކާތްތަކަށް ބަލަން ތަންކޮޅެއް ދުރުގައި އިކާން ހުއްޓެވެ. ޓެރެސްއަކީ އިކާންގެ މަންޒިލެވެ. ހުސްވަގުތު ހޭދަކުރަނީ އެތަނުގައެވެ. އިތުރު މުވައްޒަފުން އެތަނަށް އައުމުގެ ހުއްދައެއް ނޯވެއެވެ. އިކާން ހުރިހާ އިންތިޒާމެއް ހަމަޖެއްސީ ރޫބީއަށްޓަކައެވެ. އިކާން އެކަން ކުރީ ތަނުގެ މަސައްކަތު މީހާ މެދުވެރިކޮށެވެ. އެނޫން ގޮތަކަށް ރޫބީ އެތަނަށް ނާންނާނެކަން އޭނާއަށް އެނގޭތީއެވެ. ރޫބީ މޭޒުކައިރިއަށް ޖެހިލީ ކޮފީ ހުސްކުރި ތަށި ޑަސްޕިނަށް ލާށެވެ. މޭޒުމަތީގައި ރަތްކުލައިގެ ކުޑައެއް އޮތެވެ. ރޫބީ ދެފަރާތަށް ބޯ ހޫރާލާފައި ކުޑަ ނަގައި ތިރީގައި ބޭއްވިއެވެ. އިކާންގެ މަގުސަދު ހާސިލުވާގޮތެއް ނުވިއެވެ. ކުޑަ ފެނުމުންވެސް ރޫބީއަށް އެއީ އޭނާގެ އެއްޗެއްކަމެއް ނޭނގުނެވެ. މާޒީ ހަނދާނެއް ނުވިއެވެ. އިކާން ދެރަވީ ރޫބީ އޭނާގެ މަތިން ހަނދާން ނުހުންނާނެއޭ ހީވުމުންނެވެ. އޮފީސް ނިންމާފައި ރޫބީ ނުކުތްއިރު، އިކާން ހުރީ ބޭރުގައި މަޑުކޮށްލައިގެންނެވެ. ރޫބީ ފެނުމުން ކާރުގެ ދޮރު ހުޅުވައިލަ ދިނެވެ. ރޫބީ އިކާން ފެންނަކަމަށްވެސް ހަދާނުލައި، ނުކުންނަން އުޅުނެވެ. "ކާރުގަ ގެންގޮސްދީފާނަން..." އިކާން ހީކުރީ ރޫބީއަށް އޭނާ ނުފެނުނީ ކަމަށެވެ. ރޫބީ ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ކާރޫބާރޫ ބޮޑު މަގު ހުރަސްކޮށްލީ ޖެހިލުމެއް ނެތިއެވެ. އިކާން ހުރީ ޖެހިލުންވެފައެވެ. އެކަނި މަގުމަތީގައި ހުންނަން އިކާން އަދިވެސް ބިރުގަނެއެވެ. ދެފަރާތުން އަންނަމުންދިޔަ ކާރުތަކުގެ މެދުގައި އިކާން ހައްޔަރުވިއެވެ. މުޅި މީހާ ދާހިއްލާ ފޯވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. ރޫބީ މަގު ހުރަސްކޮށްފައި އެނބުރި ބަލައިލީ ބަރުގޮނުގެ އަޑު ގަދަވުމުންނެވެ. އިކާން ހުރީ މަގު މެދުގައި ހައްޔަރުވެފައެވެ. ބިރެއް ފެނިގެން ބަލާހެން ވަށައިގެން ބަލަމުންދިޔަގޮތުން ރޫބީގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދަތުރުކޮށްލިއެވެ. އަތުގެ އިޝާރާތުން ދުއްވާ އެއްޗެހިތައް ހުއްޓުވަމުން އޭނާ އަވަހަށް ގޮސް އިކާންގެ ކުރިމަތީގައި ހުއްޓިލިއެވެ. އޭރު އިކާންގެ މުޅި ހަށިގަނޑު ތުރުތުރުއަޅައެވެ. ދެލޮލުގައި ކަރުނަތައް ވިދަމުންދިޔައިރު، އިކާންގެ ނޭވާ ވަނީ އަވަސްވެފައެވެ. ރޫބީ އިކާންގެ ގައިގައި އަތް ޖައްސައިލުމުންވެސް އިކާން ދިޔައީ ސިއްސައިގެންނެވެ. ރޫބީ ހާސްވެފައި ހުއްޓާ، ކާރުގެ ޑްރައިވަރު އައިސް އިކާންގެ ގައިގައި ހިފަހައްޓައިލިއެވެ. އޭނާ ރޫބީއަށް ބަލައިލީ ހިތްހަމަނުޖެހިގެން ބަލައިލާ ފަދައިންނެވެ. ރޫބީއަށް އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. އިކާން ދިޔަ ދިމާއަށް ބަލަން އޭނާއަށް އެތައް އިރަކު ހުރެވުނެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ