ތަފްޞީލީ އަދި ފުރިހަމަ ޞުލްހައިގެ އެއްބަސްވުމަކާ ހަަމައަށް ވާސިލްވުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އެމެރިކާއާއި އީރާނުގެ ވިސްނުން މިހާރު ހުރީ އަލުން ޙަމަލާ ބަދަލުކުރަން ނުފެށޭނެ ފަދަ ވަގުތީ އެއްބަސްވުމަކާ ހަމައަށް އައުމަށް ކަމަށް އީރާނުގެ ބައެއް މަސްދަރުތަކުން ބުނެފިއެވެ.
ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން ވަނީ މަޤުބޫލު ސަބަބެއް ނެތި އީރާނަށް ޙަމަލާދީ ހަނގުރާމަ ފަށައިފައެވެ. އެއާއެކު އީރާނުން ވެސް ވަނީ ދުޝްމަނުންނަށް
ގެއްލުން ދިނުމަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ހަ ހަފްތާއަށް ވުރެ ގިނަ ދުަވަަހަށް ޙަމަލާ ބަދަލުކުރުމަށް ފަހު އެމެރިކާއާއި އީރާނުން މިހާރު ވަނީ ދެ ހަފްތާގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޞުލްޙައިގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ނިންމާ، ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ. ނަމަވެސް ކުރިއެރުމެއް ނުލިބޭ ކަމަށް ބުނެ އެމެރިކާގެ ވަފުދު ވަނީ ޕާކިސްތާނުން ފުރައިިފައެވެ. އެ ބައްދަލުވުންތަކުގައި ދެބަސްވި މައިގަނޑު މަޢުޟޫއަކީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއެވެ.
އީރާނުގެ ފަރާތުން ވާހަކަދެއްކެވި އެ ޤައުމުގެ އިސް ބޭފުޅަކު ވިދާޅުވީ ދެ ފަރާތުން ވެސް ބައެއް ޚިޔާލު ތަފާތުވުންތައް ޙައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭހގައި ހުރްމުޒް ކަނޑުއޮޅީގެ ކަންކަން ކުރިއަށް ގެންދާނެ ގޮތްތައް ހިމެނެއެވެ. ހަނގުރާމައިގެ ޙާލަތުގައި އީރާނުން ވަނީ ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ތެލާއި ޤުދުރަތީ ގޭސް އުފުލުމަށް ބޭނުންކުރާ މި މައި ކަނޑުއޮޅި ހުރަސްކުރުމަށް ދަތިކޮށްފައެވެ.
އެތައް އަހަރެއް ވަންދެން އެމެރިކާއިން އެ ޤައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ތަޙައްމަލް ކުރަމުންދާ އީރާނުން ބޭނުން ވަނީ އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ ބައެއް ފައިސާ ދޫކުރުމަށެެވެ. އޭގެ ބަދަލުގައި ހުރްމުޒް ކަނޑުއޮޅި ހުރަސްކުރުމުގެ ފުރުޞަތު އިތުރު ބޯޓުފަހަރަށް އީރާނުން ދިނުމަށް އެ ޤައުމުން ބޭނުންވެއެވެ. ހުރްމުޒް ކަނޑުއޮޅީގެ ޢުމާންއާވީ ފަޅިން މިނިވަންކަމާއެކު ހުރަސްކުރުމުގެ ފުރުޞަތު އީރާނުން އުޅަނދުފަހަރަށް ދޭނެ ކަމަށް ބުނެފައިވެއެވެ.
ޙަމަލާ ބަދަލުކުރުން ހުއްޓާލާފައިވާ މުއްދަތުގެ ދެބައިކުޅަ އެއްބައި މިހާރު ފާއިތުވެފައިވާއިރު، އަދިވެސް ދެ ފަރާތަށް އެއްބަސްނުވެވޭ ބޮޑެތި މައްސަލަތައް އެބަހުއްޓެވެ. އެ ގޮތުން އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ސްޓޮކަށް ހަދާނެ ގޮތަކާ މެދު ދެ ފަރާތުން ޚިޔާލުތަފާތުވެއެވެ. އަދި އީރާނުން ނިއުކްލިޔަރ މަސައްކަތްތައް ނުކޮށް މަޑުކުރަން އެމެރިކާއިން ހުށަހަޅާއިރު، އެއީ ކިހާ މުއްދަތަކަށްކަމާ މެދު ދެ ފަރާތަށް އެއްބަސްވެވިފައެއް ނުވެއެވެ.
އެމެރިކާއިން ހުށަހަޅަނީ އީރާނުން 20 އަހަރުގެ މުއްދަތަކަށް ނިއުކްލިޔަރ މަސައްކަތްތައް ހުއްޓައިލުމަށެވެ. ނަމަވެސް އީރާނުން ބޭނުން ވަނީ އެ މުއްދަތު ތިން އަހަރާއި ފަސް އަހަރާ ދެެމެދުގެ މުއްދަތަކަށް ކުރުކުރާށެވެ. އަދި އދއާއި އެމެރިކާއާއި ވިލާތުގެ ޤާއުމުތަކުން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ގޮތުގެ ތާވަލެއް ވެސް އީރާނުން ބޭނުންވެއެވެ.
މި ފަދަ ފަހުމުނާމާއެއް އެކުލަވާލައި އެއަށް ޢަމަލުކުރަން ފެށިއްޖެ ނަމަ ރަސްމީ އެއްބަސްވުމެއް އެކުލަވައިލުމަށް 60 ދުވަހުގެ މުއްދަތެއް ދެ ފަރާތަށް ވެސް ދޭނެ ކަމަށް ބެލެވެއެވެ. އެ މުއްދަތުގައި ކަމާ ގުޅޭ ތަޖުރިބާކާރުންނާއި ބައިނަލްއަޤްވާމީ އެޓޮމިކް ހަކަތައާބެހޭ އިދާރާ، އައިއޭއީއޭއިން އެއްބަސްވުން އެކުލަވައިލުމަށް އެހީތެރިވާނެ ކަމަށް އީރާނުން ބުނެފައިވެއެވެ.
އީރާނާއި އެމެރިކާގެ ވިސްނުން ހުރީ ވަގުތީ އެއްބަސްވުމެއް ޤާއިމްކުރުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ