ހިޔާ ޓަވަރެއް ކައިރީ ދެ މީހަކަށް އަނިޔާވި މާރާމާރީއެއް، އެކެއްގެ ބޯ ފަޅާލައިފި
ހިޔާ ޓަވަރެއް ކައިރީ ރޭ ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން އެކެއްގެ ބޯ ފަޅާލައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ހިޔާގެ 11 ވަނަ ޓަވަރު ކައިރީގައި މާރާމާރީއެއް ހިންގި މައްސަލަ ރޭ 23:51ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކުގެ ބޯ ފަޅާލައިފައިވާ ކަމަށް ފުލުުހުން ބުންޏެވެ. އަދި ދެވަނަ މީހާގެ ބުރަކަށި އެކި ތަންތަނުން ދުޅަވެ، ދެ އަތުގެ އުޅަނބޮށި މެށިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ދެ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އޭގެ އިތުރުން އެ މާރާމާރީ ހިންގި މީހުން ދެ ފޯނު ފޭރިގެންފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ރޭ ހިޔާ ޓަވަރުތައް ކައިރީ ހިންގި މާރާމާރީ ފެންނަ ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަނީ 11 ވަނަ ޓަވަރު ކައިރީ އޮންނަ ހުސް ބިމެވެ. ވީޑިއޯއިން އެކަކު ދުވެފައިދާ މަންޒަރު ފެންނައިރު، އިތުރު މީހަކު ބިންމައްޗަށް ވެއްޓިފައި އޮންނަ މަންޒަރު ފެނެއެވެ. އެ މާރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ނުބުނެއެވެ. ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ އާބާދީ މިހާރު 30،000އަށް ވުރެ އިތުރުވާނެ ކަމަށް ބައެއް ހިސާބުތަކުން ދައްކާއިރު، އެ ޓަވަރުތަކާއި ވަށައިގެންވާ ސަރަހައްދުގައި ވެސް މާރާމާރީ ހިންގުމުގެ މައްސަލަތައް މީގެ ކުރިން ފުލުހުން ބަލައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ