މަތިވެރީގައި ގުރުއާން ހިތުދަސްކުރާ ކޮންމެ ކުއްޖަކަށް ބައިލައްކަ ރުފިޔާ ދެނީ

އއ. މަތީވެރިގައި ގުރުއާން ހިތުދަސްކުރާ ކޮންމެ ކުއްޖަކަށް ބައި ލައްކަ ރުފިޔާ ދިނުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ. މަތިވެރީ ކައުންސިލްގެ ރައީސް އަޙުމަދު އަސްލަމް 'ސަން'އަށް ވިދާޅުވީ، އެ ރަށުން ހާފިޒަކަށްވާ ކޮންމެ ކުއްޖަކަށް 50،000 ރުފިޔާ, ކައުންސިލްގެ ބަޖެޓުން ދިނުމަށް ނިންމީ އެފަދަ ކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން، ތަރައްގީގެ ޕްލޭނުގައި ހާފިޒުންނަށް ޚަރަދުކުރުމަށް ނިންމައި ފާސްކޮށްފައި އޮތްނަމަވެސް، އޭރު އޮތީ ހާފިޒުންގެ ތަމްރީނުތަކަށް އެކަނި ޚަރަދުކުރާ ގޮތަށެވެ. އޭގެފަހުން ޕްލޭނަށް ބަދަލު ގެނެސް، ހާފިޒު ކަމުގެ ސަނަދު ނަގާ ކޮންމެ މީހަކަށް ބައިލައްކަ ދިނުމަށް ހިމެނި ކަމަށާއި މިއީ މަތިވެރީގައި ގުރުއާން ހިތުދަސްކުރާ ކުދިން އިތުރުކުރުމަށް ހިތްވަރު ދިނުމުގެ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަސްލަމް ވިދާޅުވި ގޮތުގައި، މިވަގުތު މަތިވެރީގައި އެއްވެސް ހާފިޒެއް ނެތެވެ. ނަމަވެސް، މިއަހަރު ތެރޭގައި ދެ ކުއްޖަކު ހާފިޒުކަމުގެ ސަނަދު ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މަތިވެރީގެ އިތުރަށް، ކ. ހުރާ ކައުންސިލުން ވެސް ވަނީ ހާފިޒު ކަމުގެ ސަނަދު ހާސިލުކުރާ ކޮންމެ މީހަކަށް ދޮޅު ލައްކަ ރުފިޔާ ދިނުމަށް ނިންމާފައެވެ. ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ޒުވާން ހާފިޒުން ތަމްރީނު ކުރުމަށް ސަރުކާރުން އިސް ނަގައިގެން ވެސް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އިސްލާމިކް މިނިސްޓްރީން ވަނީ، މިހާތަނަށް 250 ކުދިންނަށް ހާފިޒުކަމުގެ ސަނަދު ދީފައިވާ ކަމަށާއި އިތުރު 630 ދަރިވަރުން މިހާރު ވެސް ކިޔަވަމުންދާ ކަމަށް ބުނެފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ތެރޭ ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ކުދީންގެ އަދަދު 1000 އަށް އެރުވުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ