ހުސްވެފައިވާ ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ އިންތިޙާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިޝް މައުމޫން ކާމިޔާބު ކުރައްވައިފިއެވެ.
ފާރިޝް މައުމޫން މި އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ މ.އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަޞީރު އާއި ވާދަކުރައްވައިގެންނެވެ.
މިއަދު މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް ކުރިއަށް ގެންދިޔަ ޕްރައިމަރީގައި ފާރިޝްއަށް ލިބިވަޑައިގެންފައިވަނީ ޖުމްލަ 289 ވޯޓެވެ. މޫސާ ނަސީރަށް ލިބިވަޑައިގެންނެވީ 142 ވޯޓެވެ.
މި ޕްރައިމަރީގެ ވޯޓުލުން މާލޭގެ އިތުރުން ދިއްގަރު، މަޑުއްވަރި، ވޭވަށް، މުލީގައި ކުރިއަށް ގެންގޮސްފައިވެއެވެ. ނަމަވެސް ދިއްގަރު ދާއިރާގައި ހިމެނޭ ރަތްމަންދޫގައި ޕީޕީއެމްގެ ޕްރައިމަރީ ނުބާއްވައެވެ.
މިއަދުގެ ޕްރައިމަރީގައި މޫސާ ނަސީރަށް ކުރި ހޯއްދެވިފައިވަނީ އެންމެ ވޯޓު ފޮއްޓަކުންނެވެ. އެއީ ވޭވަށުގައި ބެހެއްޓި ފޮށިން އެކަންޏެވެ. މާލޭގެ އިތުރުން ދިއްގަރު، މަޑުއްވަރި، އަދި މުލީގައި ބެހެއްޓި ވޯޓު ފޮށިން ކުރި ހޯއްދެވީ ފާރިޝް މައުމޫންއެވެ.
ހުސްވެފައިވާ ދިއްގަރު ދާއިރާއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހުއެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި، އަހުމަދު ނާޒިމްއަށް 25 އަހަރުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން އިއްވުމާ ގުޅިގެންނެވެ.
ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީ ފާރިޝް ކާމިޔާބުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ