ކާޑެއްދޫ އެއާޕޯޓް ވިލާ އަށް އަނބުރާ ދޭން ޖެހޭ: ސުޕްރީމް ކޯޓް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ އެއާ އިން ގދ. ކާޑެއްދޫ އެއާޕޯޓް ހިންގަމުން ދަނިކޮށް އެއްބަސްވުން ބާތިލްކޮށްލީ ގޯސްކޮށް ކަމަށްވާތީ ވިލާއަށް އެއާޕޯޓް އަނބުރާ ދޭންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއާ ކުންފުންޏަށް 2013 ގައި ކާޑެއްދޫ އެއާޕޯޓް ހިންގަން 50 އަހަރަށް ދީފައި ވަނިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ގައި ސަރުކާރުން އެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ޚިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެ އެވެ. ވިލާ އެއާ އިން ދައުވާ ކުރުމުން ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައި އޮތީ އެ އެއްބަސްވުން އުވައިލީ ގޯސްކޮށް ކަމަށާއި އެހެންވެ އެތަން އަނބުރާ ދިނުމަށެވެ. ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު ވިލާ އެއާ އަށް އޮންނާނެ ކަމަށެވެ. ވިލާ އެއާ އަށް ކާޑެއްދޫ އެއާޕޯޓް 50 އަހަރަށް ދީފައިވަނިކޮށް އެއްބަސްވުން ބާތިލްކުރީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެ އެވެ. ނަމަވެސް ޔާމީންގެ ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓާއި ހައިކޯޓުން ވެސް މީގެކުރިން ނިންމާފައިވެ އެވެ.ސުޕްރީމް ކޯޓުން ވެސް އެ ނިންމުންތަކަށް ތާއީދުކުރުމާ ގުޅިގެން ވިލާ އެއާ އަށް ގެއްލުމުގެ ބަދަލު ހޯދުމަށް ވަކި ދައުވާއެއް ކުުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ހުކުމުގައި ވަނީ އެއްބަސްވުމެއް ބާތިލު ކުރެވޭނީ އެއް ފަރާތަކުން އެއާ ހިލާފުވެއްޖެ ހާލަތެއްގައި އެ ހިލާފަކީ ބުރަދަނެއް ހުރި ހިލާފެއް ނަމަ ކަމަށެވެ. އަދި މި މައްސަލައިގައި ވިލާ އެއާއިން އެއްބަސްވުމާ ހިލާފަށް ކަމެއް ކޮށްފައިވޭތޯއާއި އެ ފަދަ ހިލާފުތަކެއް ވެފައިވާ ނަމަ، އެ ތުހުމަތުކުރެވޭ ހިލާފުތަކުގެ ނަތީޖާއަކީ ލީސް އެގްރީމެންޓު ސަރުކާރުން ނިމުމަކަށް ގެނައުން ޖަސްޓިފައި ކުރާ މިންވަރުގެ ބުރަދަންހުރި ނަތީޖާއެއްތޯ ބަލަން ޖެހޭ ކަމަށް ހުކުމުގައިވެ އެވެ.ނަމަވެސް، މި މައްސަލައިގައި އެފަދަ ބުރަދަނެއް ހުރި، ސީރިއަސް ނަތީޖާތަކެއް އުފެދުނު ކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ. އެގޮތުން، ހުކުމުގައި ވަނީ އެއްބަސްވުން އޭގެ މައްޗަށް ބާތިލު ކުރި ރިޕޯޓުތަކުގައިވާ ކަންކަން ފާހަގަކޮށްފަ އެވެ.އައިލެންޑް އޭވިއޭޝަންގެ ބޯޓަށް ގެއްލުންވީ ކާޑެއްދޫގައި ކަމެއް އައިލެންޑް އޭވިއޭޝަންގެ ރިޕޯޓުން އެނގެން ނެތް ކަމަށް ހުކުމުގައިވެ އެވެ. އަދި އެ ރިޕޯޓަށް ފަހުވެސް އައިލެންޑް އޭވިއޭޝަންގެ ބޯޓުތައް ކާޑެއްދޫއަށް ޖެއްސިކަން ފާހަގަކޮށް ހުކުމުގައި ބުނެފައި ވަނީ އެ ރިޕޯޓުގައި ފާހަގަ ކުރީ އެހާ ސީރިއަސް ކަންތައްތަކެއް ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.އައިލެންޑް އޭވިއޭޝަނަކީ ވިލާގެ ވާދަވެރިއަކަށްވުމުން، ވިލާއިން އެ މީހުންގެ ރިޕޯޓު ބަލައިނުގަނެ އެވެ. ވިލާއިން އެ ރިޕޯޓަށް އިންކާރު ކުރާތީ އަދި ރިޕޯޓާ މެދު ޝައްކު އުފައްދާތީ އެ ޝައްކު ފިލުވަން، އެ ރިޕޯޓު ހެދި ބަޔަކު ކޯޓަށް ހާޒިރުކޮށް އެ ބަޔަކާ ސުވާލުކުރަން ދައުލަތުން މަސައްކަތް ކޮށްފައި ނުވާކަންވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ."މި ފަދަ ރިޕޯޓުތަކަކީ އެ ރިޕޯޓު ތައްޔާރުކުރި ފަރާތް ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުވެ ތެދުބުނުމަށް ހުވާކުރުމަށްފަހު އެ ރިޕޯޓުގައިވާ ކަންކަމަކީ ތެދުކަމަށް ބުނުމުގެ ކުރިން ކަމެއް ސާބިތުކުރުމަށް ޝަރީއަތުގައި ފުދޭނެ އެއްޗެއް ނޫނެވެ،" ހުކުމުގައިވެ އެވެ.ސިވިލް އޭވިއޭޝަނުން ހެދި ކޮމްޕްލަޔެންސް އިންސްޕެކްޝަން ރިޕޯޓާއި އޭގެ ފޮލޯއަޕް ރިޕޯޓުގައިވެސް އެއާޕޯޓުގެ ފެންވަރު ދަށްވެގެން ހިންގުން ހުއްޓާލުމަށް ލަފާ ދީފައިވާކަން އެނގެން ނެތް ކަމަށް ހުކުމުގައިވެ އެވެ. އެ ރިޕޯޓުގައިވެސް ހުރީ، ނުނިމި ހުރި މަސައްކަތްތައް ނިންމުމާއި ފަޔާ ފައިޓިން އިކުއިޕްމެންޓު ގެނައުމުގެ ވާހަކަ އެވެ. އެ ރިޕޯޓުން އެނގެނީ ބައެއް ކަންކަން ރަނގަޅު ކުރަން މުހުލަތު ދީފައިވާކަން ކަމަށް ހުކުމުގައިވެ އެވެ.ފަނޑިޔާރުންގެ އިއްތިފާގުން ނިންމި އެ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސުއޫދެވެ.ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އަށް ހަވާލުކުރަން ސުޕްރީމް ކޯޓުން ހުކުމްކުރިއިރު އެ އެއާޕޯޓް މިހާރު ހިންގަނީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ