ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅުތަކަށް ޗައިނާއިން މަރްހަބާ ކިޔައިފި

ޗައިނާއިން ކުރިއަށްގެންދާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް އޮނިގަނޑުގެދަށުން ޗައިނާ ސަރުކާރާއެކު މަސައްކަތް ކުރުމުގައި ދިވެހިރާއްޖެ ގާއިމްވެ ދެމިއޮންނާނެ ކަމަށް ވިދާޅުވެ ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅަށް ޗައިނާއިން މަރްހަބާ ކިޔައިފިއެވެ.
ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ޗައިނާއިން ރާއްޖޭގައި ހިންގާ މަސައްކަތްތައް އާ ސަރުކާރުން ކުރިއަށް ގެންދަވާނޭ ކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ ޗައިނާގެ ރަސްމީ ނޫސް އޭޖެންސީ، ޒިންހުއާއަށް އިއްޔެ ދެއްވި އިންޓަރވިއުއެއްގައެވެ.
މިކަމާ ގުޅިގެން ޗައިނާ ޚާރިޖިއްޔާގެ ތަރުޖަމާނު ހުއާ ޗުނީންގް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ، ޚާރިޖީ ވަޒީރުގެ މިވާހަކަފުޅުން ހާމަވެގެންދިޔައީ، ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ތަރައްގީކުރަން އާ ސަރުކާރުން ބޭނުންވާކަން ކަމަށެވެ.
ބްރިޖާއި، އެއަރޕޯޓްތަކާއި، ގެދޮރު ބިނާކުރުމާއި، ރައްޔިތުންގެ ދިރިއުޅުމާ ގުޅުންހުރި އެނޫންވެސް މަޝްރޫއުތަކުގެ ތެރެއިން ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އެއްބާރުލުން އިތުރުވެ، ގުޅުންތައް ބަދަހިވެފައިވާކަންވެސް ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ. މިފަދަ މަޝްރޫއުތަކުގެ ސަބަބުން އިގްތިސާދީ ދުޅަހެޔޮކަން ލިބި، ރާއްޖެ ކުރިއަރައިގޮސް އަދި އާންމު ރައްޔިތުންގެ ދިރުއުޅުމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށްވެސް ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ.
މާލެއާއި ހުޅުމާލެއާ ދެމެދު ބިނާކޮށް މިއަހަރުގެ އޮގަސްޓްމަހު ހުޅުވި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޗައިނާ ޚާރިޖިއްޔާގެ ތަރުޖަމާނު ހުއާ ޗުނީންގް ވިދާޅުވީ، ބްރިޖްގެ ސަބަބުން ގުޅުވިގެންދިޔައީ ދެރަށެއް އެކަނި ނޫންކަމަށާއި، އޭގެ ސަބަބުން މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް އެތައް މަންފާއެއް ލިބި ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އަންޒަމާނުއްސުރެ އޮންނަ ގާތް ރަހްމަތްތެރިކަން އިތުރަށް ބަދަހިކުރުމަށްޓަކައި އާ ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ޗައިނާ އޮތީ ތައްޔާރަށް ކަމަށްވެސް ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ.
އަދި ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން، ދެގައުމަށްވެސް މަންފާހުރި ތަރައްގީގެ މަސައްކަތްތައް ކުރަންވެސް ޗައިނާ އޮތީ ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.
ޒިންހުއާ ނޫސް އޭޖެންސީއަށް އިއްޔެ ދެއްވި އިންޓަރބވިއުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުވެސްވަނީ، ޗައިނާއާއެކު އޮންނަ އެކުވެރި ގުޅުން ބަދަހިކުރަން އާ ސަރުކާރުން ބޭނުންވާކަން ހާމަކުރައްވާފައެވެ.
އާ ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ދިވެހިރާއްޖެއާއި، ރާއްޖޭގެ ރައްޔިތުންނަށް އިހްތިރާމްކުރާ ހުރިހާ ގައުމަކާއެކު އޮންނަ ގުޅުން ބަދަހިކުރުން ކަމަށް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
"ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮންނަ ވަރަށް މުހިންމު ގައުމެއް. ދިވެހިރާއްޖެއަކީ ސަރަހައްދާއި ސަރަހައްދުން ބޭރު ގައުމުތަކާވެސް ރަހްމަތްތެރި ގުޅުމެއް އޮންނަ ގައުމެއް. އަޅުގަނޑުމެން ބޭނުންވަނީ އެ ސިޔާސަތު ދަމަހައްޓަން" ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެފައި ވެއެވެ.
ޝާހިދު ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި އަބަދުވެސް ދެކެވަޑައިގެންނެވީ ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުން ވަރުގަދަވަމުން އައިތަން ކަމަށާއި، އެކަން ކުރިއަށްއޮތްތާނގައިވެސް އެގޮތަށް ދާނޭކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"ޗައިނާއަކީ ދުނިޔޭގެ އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގްތިސާދު. އަޅުގަނޑުމެންނާ އަވަށްޓެރި ހުރިހާ ގައުމަކުންވެސް ގެންދަނީ ޗައިނާއާއެކު ގުޅިގެން މަސައްކަތްކުރަމުން. ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކުންވެސް ގެންދަނީ ޗައިނާއެކު މަސައްކަތް ކުރަމުން. ވުމާއެކު، އަޅުގަނޑުމެން އެކަމުގައި ބާކީވެ ނުތިބޭނަން" އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ