ދައުލަތުން ގެއްލުނު ފައިސާ ހޯދާ، އިންސާފު ގާއިމްކުރާނެ: ފަޔާޒް

ދައުލަތުން ގެއްލުނު ފައިސާ ރައީސް ޔާމީނަށް ނުހޯއްދެވުނީ އެކަމުގައި އެމަނިކުފާނުގެ ބައިވެރިވުމެއްވެސް އޮތުމުންކަމަށާ އިއްތިހާދުގެ ވެރިކަމުގައި އެފައިސާ ހޯދާ އިންސާފު ގާއިމްކުރައްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު މުހައްމަދު ފަަޔާޒު ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފަޔާޒް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ފޮށިފޮށިގަނޑުގައި ހަލާލުނޫން ފައިސާ ވަދެފައިވާކަމަށް އެމަނިކުފާނު އަމިއްލަފުޅަށް އިއުތިރާފުވެވައިގެންފައިވާއިރު، ދައުލަތުން ގެއްލުނު ފައިސާ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބާއި ހަމައިން އެކަނި ނުނިމޭނެކަމަށެވެ.
ފަޔާޒް ވިދާޅުވީ ދައުލަތުން ގެއްލުނު ފައިސާ ހޯއްދެވުމަށް ރައީސް ޔާމީން މަސައްކަތްޕުޅު ކުރެއްވިކަމަށް ވިދާޅުވިނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށާ އެމަސައްކަތްޕުޅު ރައީސް ޔާމީން އިޚްލާސްތެރިކަމާއެކު ނުކުރައްވާނެކަމަށެވެ. އަދި އިއްތިހާދުން އެ ފައިސާ ހޯއްދަވާނީ ކިހިނެތްތޯ ސުވާލުކުރައްވާއިރު، އެ ފައިސާ ހޯދާނެގޮތް އެނގިވަޑައިގަންނަވާކަމަށް ފަޔާޒް ވިދާޅުވިއެވެ.
ފުލުހުންގެ މުއައްސަސާގައި ވަރަށް އިސް މަގާމުތަކެއްވެސް ފުރުއްވާފައިވާ ފަޔާޒް ވިދާޅުވީ އެމީހަކު އަމިއްލައަށް ކުރިކަމެއް ތަހުގީގުކުރަންވެސް، އަދި އެމީހަކު އަމިއްލައަށް ނަގާފައިވާ އެއްޗެއް ފަހުން ހޯދަންވެސް އުނދަގޫވާނެކަމަށެވެ. ނަމަވެސް ފަސްބައިގައި ކިނބަލުކަމެއްނެތް، ރައްޔިތުންނަށް އިޚްލާސްތެރި ވެރިއަކަށް، ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަކީ އުނދަގޫކަމަކަށް ނުވާނެކަމަށް ފަޔާޒް ވިދާޅުވިއެވެ.
"ތިޔަ ސުވާލުގެ ޖަވާބް ވަރަށް ފަސޭހަ. ރަނގަޅު ވާހަކައެއް އަމިއްލަ ބައިވެރިވުން އޮތްކަމެއް ތަހުގީގުކުރަން އެ ބޭފުޅަކަށް ވަރަށް އުނދަގޫވާނެ. ކިހިނެތްތޯ އަމިއްލަފުޅަށް ނަންގަވާފައިވާ ފައިސާއެއް ދެން ހޯއްދަވާނީ. ނަމަވެސް އެކަމުގައި ބައިވެރިވުމެއްނެތް ބޭފުޅަކަށް އެކަން އުނދަގޫކަމަކަށްނުވާނެ." ފަޔާޒް ވިދާޅުވިއެވެ.
ފަޔާޒް ވިދާޅުވީ ދައުލަތުން ގެއްލިފައިވާ ފައިސާ ބޭނުންކޮށްފައިވާނަމަ އެކަންވެސް ދެނެގަނެވޭނެކަމަށެވެ. އެ ފައިސާ ޚަރަދުކޮށްފައިވަނީ ވިޔަފާރިތަކާއި، އަމިއްލަ މުދާ ހޯދުމަށްކަމަށްވާނަމަ އެކަންވެސް އެނގޭނެކަމަށާ އެގޮތައް ދައުލަތުގެ ފައިސާ ބޭނުންކޮށްފައިވާނަމަ އެ ވިޔަފާރިތައް މެދުވެރިކޮށްވެސް ދައުލަތަށް ހޯދަންޖެހޭ ފައިސާ ހޯދާނެކަމަށް ފަޔާޒް ވިދާޅުވިއެވެ.
"އެ ފައިސާއިން ހުރީ އިމާރާތެއްކޮށްފައިނަމަ ދެން އޮންނާނީ އެ އިމާރާތަކާއި ހަމައަށް ދިއުން." ފަޔާޒް ވިދާޅުވިއެވެ.
ފަޔާޒް ވިދާޅުވީ ދައުލަތުގެ އެންމެ ފައިސާފޮއްޗަކަށްވެސް ޚިޔާނާތްތެރިވެފައިވާނަމަ އިންސާފު އަރާ ހަމަކުރާނެކަމަށެވެ. އަދި ދައުލަތުގެ މަގާމުތަކުގައި ތިބެ، ގާނޫނީ ޒިންމާ އަދާކުރުމަށް ފަސްޖެހުނު ބޭފުޅުން އެކަމުގެ އަގު އަދާކުރަންޖެހޭނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ