ސީލައިފް ފްލެޓަށް ފައިސާ ދެއްކި މީހުން ގޮތްހުސްވެފައި!

ރާއްޖޭގެ ތާރީހުގައި އެއް ކުންފުންޏަކުން ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެއް ފެށި މިއީ ފުރަތަމަ ފަހަރަށް ވާނެ އެވެ. އެއީ ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓު އެޅުމެވެ. އެކަމަށްޓަކައި ސީލައިފް ގްލޯބަލް ކިޔާ ކުންފުންޏަކަށް ހުޅުމާލެ އިން ވަނީ މާސިންގާހާ ބޮޑު ބިމެއް ވެސް ދީފަ އެވެ. މަޝްރޫއު އިއުލާނު ކުރުމާއެކު ޝައުގުވެރިކަން ބޮޑުވި އެވެ. ނަތީޖާއަކީ ގިނަ ބަޔަކު މި ފްލެޓު ހޯދަން ފައިސާ ދެއްކުމެވެ. ބުކިން ފީގެ ގޮތުގައި ނެގީ ބައި ލައްކަ ރުފިޔާ އެވެ. އެހެންވެ، ބައެއް މީހުން ލުއި ލޯނު ނަގައިގެންނާއި އާއިލާގެ ގިނަ ބަޔަކު އެއްވެގެން ވެސް މި ފައިސާ ހަމަކޮށް ދެއްކީ އެވެ. މި ފައިސާ ދައްކަމުން ދިޔައިރު އެ ކުންފުނިން ވަނީ ފްލެޓު އަޅަން ބިންކޮނެ ބިންގާ ވެސް އަޅާފަ އެވެ. ނަތީޖާއަކީ ބައެއް މީހުން އަޕްފްރަންޓަށް ފުރަތަމަ ދައްކަން ޖެހޭ ފައިސާ ވެސް ދައްކާ ހަލާސް ކުރުމެވެ. ދެން ވީ ކިހިނެއް ހެއްޔެވެ؟ އޭގެ ފަހުން ފްލެޓުގެ މަސައްކަތް ކުރިއަކަށް ނުދިޔަ އެވެ. އެ ކުންފުނިން ބުނި ތާރީހުތައް ފަހަނަ އަޅައިފި އެވެ. ނަތީޖާއަކީ ފްލެޓަށް ފައިސާ ދެއްކި މީހުން ފައިސާ ހޯދަން އުޅެން ފެށުމެވެ. ނަމަވެސް އަދި އަދާ ޖެހެންދެން ވެސް އެ ފައިސާ އެމީހުންނަކަށް ނުލިބެ އެވެ. އެހެންވެ މިފައިސާ ދެއްކި މީހުން މިހާރު ތިބީ މާޔޫސްވުމާ ގޮތް ހުސްވުމާ ގާތްވެފަ އެވެ.
ރިސޯޓެއްގައި މަސައްކަތް ކުރާ އިސްވެރިއަކު "އަވަސް" އަށް ކިޔައިދިން ގޮތުގައި އޭނާ ސީލައިފް ފްލެޓު ގަންނަން ބައި މިލިއަން ރުފިޔާ އެ ކުންފުންޏަށް ދީފައި ވާނެ އެވެ. އެކަމަކު އޭގެ ފަހުން ހަބަރެއް ނުވާތީ އޭނާ ވެސް ހުރީ ކަންބޮޑުވެފަ އެވެ.
"އަޅުގަނޑު އެކަނި ދެއްކިން ފަސް ލައްކަ ރުފިޔާ. މިގޮތަށް އެތަށް ބަޔަކު ފައިސާ ދެއްކި. އެ ފައިސާ ލިބޭނެ އެއް ގޮތެއް ވެސް މިއުޅެނީ ނުވެގެން. ވަރަށް ދެރަކަމެއް މިއީ،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ފަރާތުން ބުންޏެވެ.
ފްލެޓު ވެސް ނުލިބޭ، ފައިސާ ވެސް ނުލިބޭ
ސީލައިފް ކުންފުނިން މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 300 އެޕާޓްމަންޓް ގަންނަން 280 މީހެއްގެ އަތުން ވަނީ ބުކިން ފީގެ ގޮތުގައި ކޮންމެ މީހެއްގެ އަތުން 50،000ރ. ނެގި އެވެ. މިއީ ގާތްގަނޑަކަށް 14 މިލިއަން ރުފިޔާ އެވެ. ނަމަވެސް، ފަހުން ގިނަ ބަޔަކު މި ފްލެޓުގެ މަސައްކަތް ދާގޮތާމެދު ހިތްހަމަ ނުޖެހިގެން މި ފައިސާ ނަގަން ބޭނުންވެގެން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ގިނަ ބަޔަކަށް ވަނީ މިކަންވެސް ނުވެއެވެ. އެމީހުންނަށް ފްލެޓު ވެސް ނުލިބުނުތާނގައި، ފައިސާ ވެސް ނުލިބުނީ އެވެ.
ސީލައިފް ފްލެޓަށް ފައިސާ ދެއްކި އެހެން މީހަކު "އަވަސް" އަށް ކިޔައި ދިން ގޮތުގައި އޭނާ ބުކިންފީ ދެއްކީ ލޯނު ނަގައިގެން ކަމަށާ، އެހެންވެ މި ފްލެޓު ނުލިބުމުން މާލީ ގޮތުން ދަތިވަމުންދާ ކަމަށެވެ.
"އޭރުގެ ވާހަކަތައް ހުރި ގޮތުން އުންމީދު ކުރެވުނީ. އެހެންވެ ލުއި ލޯނަކުން މި ފައިސާ ދެއްކީ އެކަމަކު ވަރަށް ދެރަ. އެ ފައިސާ ވެސް ނުލިބުނުު. ސީލައިފް އޮފީހުން ހަބަރެއް ވެސް ނުވޭ. ފޯނެއް ނުނަގާ،" ނަން ނުޖެހުމަށް އެދި ބުންޏެވެ.
ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ކުރިން ފިލްމީ ދާއިރާގައި ވެސް މަސައްކަތް ކުރެއްވި، އަހުމަދު މޫސާ (އަންމަޓީ) އެވެ.
އޭނާ މި އަހަރުގެ ޖުލައި މަހު "މިހާރު" ނޫހަށް ވިދާޅުވެފައިވާ ގޮތުގައި ރިފަންޑް ހޯދަން އެދުނު މީހުންގެ ތެރެ އިން ގިނަ ބަޔަކަށް ފައިސާ ދީފައިވާ ކަމަށެވެ. އަދި ފައިސާ ނުދެވި ވަނީ 47 މީހަކަށް ކަމަށާއި އެފައިސާ ކުރިއަށް އޮތް މަސް ދުވަސް ތެރޭގައި ދޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އޭނާ އޭރު ވިދާޅުވީ ރިފަންޑް ދިނުމަށް ދަތިވެގެން އުޅެނީ އެ ފައިސާތައް، އެޕުރޮޖެކްޓްގެ ކޮންޓްރެކްޓާ ކަމަށްވާ ލަންކާގެ ކޮރަލް އަށް ދީފައިވާތީ ކަމަށެވެ.
މަހެއްހާ ދުވަސް ފަހުން، ޖުލައި މަހުގެ ތެރޭގައި އެ ފައިސާ ދޭނެކަމަށް އެމްޑީ އަންމަޓީ ވިދާޅުވި ނަމަވެސް އެ ފައިސާ ދެއްކި މީހުން ބުނެފައިވަނީ އެ ފައިސާ އަދިވެސް ނުލިބޭ ކަމަށެވެ. އަދި މަހެއްހާ ދުވަސް ތެރޭގައި މަޝްރޫއު އަލުން ފަށާނެ ކަމަށް އަންމަޓީ އޭރު ވިދާޅުވި އެވެ. އެކަމަކު އޭގެ ފަހުން މިހާރު އެތައް މަހެއް ވަނީ އެވެ. އަދިވެސް އެތަން އޮތީ ހަމަ އެގޮތަށެވެ.
"މިހާރު ގުޅާ ގުޅާ ވަރު ބަލި ވެއްޖެ. ފައިސާ ނުލިބޭ. ވަރަށް ބޮޑު ގެއްލުމެއް މިއީ. އަޅުގަނޑު އާއިލާގެ ތިން މީހުން ފްލެޓުގެ ބުކިން ފީ ދެއްކި. އެކަމަކު އެ ނުދޭ އަދި ވެސް."
ހުޅުމާލޭގައި ފްލެޓު އަޅަން ހަވާލުކުރި އެންމެ ބޮޑު މަޝްރޫއުގެ ފައިސާ ނުލިބު ފްލެޓަށް ފައިސާ ދެއްކި މީހުން ދުވަނީ އެވެ. އެ މީހުންގެ ބުނާ ގޮތުގައި އެ ފައިސާ ހޯދަން ދެން ދާނެ ތަނެއް އެމީހުންނަށް ވެސް ނޭނގެ އެވެ. އެހެންވެ، ފްލެޓަށް ފައިސާ ދެއްކި މީހުން ތިބީ މާޔޫސްވުމާ ގާތުގައި އެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ