މުއްލާ އުމަރު މަރުވެއްޖެކަން ޠާލިބާނުން ކަށަވަރުކޮށްދީފި

ޠާލިބާނުންގެ ލީޑަރު މުއްލާ އުމަރު މަރުވެފައިވާކަން އެޖަމާއަތުން މިއަދު ކަށަވަރު ކޮށްދީފިއެވެ.
މުއްލާ އުމަރު މަރުވެފައިވާކަން ޠާލިބާނުން މިކަށަވަރު ކޮށްދިނީ އޭނާ މަރާލެވިފައިވާކަމަށް އަފްގާނިސްތާންގެ އަސްކަރިއްޔާ އިން މިހަފްތާ ތެރޭގައި ބުނެފައި ވަނިކޮށެވެ.
މުއްލާ އުމަރު މަރުވެފައިވާކަން ކަށަވަރު ކޮށްދީފައި ވަނީ ޠާލިބާނުންގެ ތަރުޖަމާން ޒަބީއުﷲ މުޖާހިދު މިއަދު ނެރުނު ބަޔާނެއްގައެވެ.
މުއްލާ އުމަރު މަރުވެފައި ވަނީ 2013 ވަނަ އަހަރުގެ އޭޕްރީލް މަސް ތެރޭގައި ކަމަށް އަފްގާނިސްތާން އަސްކަރިއްޔާ އިން މިހަފްތާގައި ބުނި ނަމަވެސް ޠާލިބާނުންގެ ބަޔާނުގައި މުއްލާ އުމަރު މަރުވެފައި ވަނީ ކޮންއިރަކު ކޮންތަނެއްގައި ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.
މުއްލާ އުމަރު މަރުވެފައިވާކަން އަފްގާނިސްތާނުން ހާމަކުރީ އަފްގާނިސްތާން ސަރުކާރާއި ޠާލިބާނުންނާއި ދެމެދު މަޝްވަރާތައް ފެށިތާ ހަފްތާއެއް ފަހުންނެވެ.
މުއްލާ އުމަރު މަރުވެއްޖެ ކަމަށް ޠާލިބާނުންނާއި އަފްގާނިސްތާން ސަރުކާރުން ބުނި ނަމަވެސް އޭނާ މަރާލަން އެންމެ ބޭނުންވާ އެމެރިކާ އިން ބުނެފައި ވަނީ މުއްލާ އުމަރު މަރުވިކަމަށް ބުނާ ރިޕޯޓް އަކީ ޙަޤީޤަތެއް ކަން އެމެރިކާ އަށް އަދި ކަށަވަރު ނުވާ ކަމަށެވެ.
އެމެރިކާ އިން 2001 ވަނަ އަހަރު އަފްގާނިސްތާން އަށް އަރާ ޠާލިބާނުންގެ ވެރިކަން ވައްޓާލިފަހުން މުއްލާ އުމަރު އާމުންގެ ތެރެއިން ފެނިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ