ކަލާމް އަވަހާރަވުމަކީ މުޅި އިންސާނިއްޔަތަށް ލިބުނު ހިތާމައެއް - މައުމޫން

އިންޑިއާގެ ކުރީގެ ރައީސް ޑރ. ޢަބްދުލްކަލާމް އަވަހާރަވުމަކީ އެގައުމަށާއި އިންސާނިއްޔަތަށް ލިބުނު ވަރަށް ބޮޑު ހިތާމައެއްކަމުގައި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވެފައިވަނީ ޢަބްދުލްކަލާމް އަވަހާރަވުމާގުޅިގެން މާލޭގައި ހުންނަ އިންޑިއަން ހައިކޮމިޝަންގައި ހުޅުއްވާފައިވާ ތަޢުޒިޔާ ފޮތުގައި ލިޔުއްވި ބަޔާނުގައިއެވެ.
މި ބަޔާނުގައި ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު 2005 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އޭރުގެ ރައީސް ކަލާމްއާ ބައްދަލުކުރެއްވުމުގެ ޝަރަފް ލިބިވަޑައިގެންނެވިކަމަށާއި ކަލާމްގެ ޙިކްމަތްތެރިކަމާއި ޢިލްމުވެރިކަމުން އެމަނިކުފާނަށް އެތައް ފައިދާއެއް ލިބިވަޑައިގެންނެވި ކަމަށެވެ.
އެމަނިކުފާނުގެ ބަޔާން ނިންމަވާލެއްވީ ކަލާމްގެ ޢާޢިލާއަށާއި، އިންޑިއާގެ ސަރުކާރަށާއި، ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވަމުންނެވެ. އަދި ކަލާމްގެ ފުރާނަ ފުޅަށް މާތް ﷲ ހެޔޮ ރަޙްމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢްމަތް ދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.
ކަލާމް އަވަހާރަވުމާގުޅިގެން މާލޭގައި ހުންނަ އިންޑިއަން ހައިކޮމިޝަންގައި ހުޅުވާފައިވާ ތަޢުޒިޔާ ފޮތުގައި ލިޔުއްވުމަށް މައުމޫން އިންޑިއަން ހައިކޮމިޝަނަށް އިއްޔެ ވަޑައިގަތުމުން، ހައިކޮމިޝަނަރ މިސްޓަރ ރަޖީވް ޝަހާރޭއާއި އެ ހައިކޮމިޝަންގެ އިސްބޭފުޅުން ރައީސް މައުމޫނަށް މަރްޙަބާ ވިދާޅުވިއެވެ.
އަދި ތައުޒިޔާ ފޮތުގައި ސޮއިކޮށްދެއްވުމަށް ވަޑައިގެންދެއްވީތީ އެމަނިކުފާނަށް އިންޑިއަން ހައިކޮމިޝަނަރ ވަރަށް ބޮޑަށް ޝުކުރުއަދާކުރެއްވިއެވެ. ރައީސް މައުމޫނަށް މަރްޙަބާ ވިދާޅުވުމަށް ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާރޖް އަލްފާޟިލް ޢަބްދުﷲ ޙަމީދުވެސް ހުންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ