ދިވެހި ރައްޔިތުން މިފަހަރު ގެއަށް ވަންނާނީ ރައީސް ޔާމީން ބަލިކޮށް، ވެރިކަމުން ބާލާ ގޮނޑި ސާފުކޮށްފައިކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގައި ޓްރާސްޕޯޓް މިނިސްޓަރުކަންވެސް ކުރެއްވި އަމީން އިބްރާހިމް މިހެން ވިދާޅުވީ ރައީސް ޔާމީން ގުޅިފައިވާ އިއްތިހާދަށް އަމާޒުކުރައްވާ "އިދިކޮޅު އިއްތިހާދަކީ ކަންކަމަށް އެއްބަސްނުވެވޭ ކޮކްޓެއިލް ކޯލިޝަނެއް"ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަަކަށް ރައްދު ދެއްވަމުންނެވެ.
އަމީން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިއްތިހާދަށް "ކޮކްޓެއިލެކޭ، ފުސްކޭލެކޭ" ވިދާޅުވިޔަސް އެއީ ރައްޔިތުން ކަންބޮޑުވާނެކަމެއް ނޫންކަމަށެވެ.
ދިވެހި ރައްޔިތުން މިއަދު ބޭނުންވަނީ ކޮންމެ ގޮތަކުންވިޔަސް ވެރިކަން ބަދަލުކުރަންކަމަށާ ރައީސް ޔާމީން ވެރިކަމުން ބާލަންކަމަށް އަމީން ވިދާޅުވިއެވެ.
2015 ވަނަ އަހަރު ރާއްޖޭގައި ބޭއްވި މޭޑޭގެ ބިޔަ އެއްވުންވެސް ލީޑުކުރެއްވި ބޭފުޅުންގެ ތެރޭގައިވެސް ހިމެނޭ އަމީން ވިދާޅުވީ ދިވެހި ރައްޔިތުން މިފަހަރު ގެއަށް ވަންނާނީ ރައީސް ޔާމީން ބަލިކޮށް، ވެރިކަމުން ބާލާ ގޮނޑި ސާފުކޮށްފައިކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ގާނޫނާއި ޚިލާފު ގިނަ ކަންތައްތަކެއް ތަކުރާރުކޮށް ހިނގަން ފެށުމުން އެމްޑީޕީއާއި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު، ޖުމްހޫރީ ޕާޓީއާއި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިބްރާހިމް، އަދާލަތު ޕާޓީއާއި އެޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބުދުﷲ، އަދި ޕީޕީއެމްގެ ބާނީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމާއި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތައް ގުޅިގެން އިސްލާހީ މަސައްކަތް ވަނީ ފަށާފައެވެ.
ހަތަރު ލީޑަރުންނާއި، ޕާޓީތައް ގުޅިގެން މަސައްކަތް ފެށިފަހުން މި ސަރުކާރުގެ އިސްވެރިން ގެންދަވަނީ އެއީ ކޮކްޓެއިލް ކޯލިޝަނެއްކަމަށް ވިދާޅުވެ އެކުގައި ކުރިއަށް ނުދެވޭނެކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް ވޭތިވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ހަތަރު ލީޑަރުންނާއި ޕާޓީތައް ގުޅިގެން ވަރުގަދަ ކޯލިޝަނެއް ވުޖޫދުކޮށް ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރެ، ލީޑަރުން ޖަލުގައި ތިއްބެވިނަމަވެސް ވަރުގަދަ ކެންޕެއިނެއް ވަނީ ފަށާފައެވެ.
ރައްޔިތުން ގެއަށް ވަންނާނީ ޔާމީން ބަލިކޮށް، ވެރިކަމުން ބާލާ ގޮނޑި ސާފުކޮށްފައި: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ