ޗައިނާގެ އަސްކަރީ ބާރު ދައްކާލައިފި

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ އެކު މިއަދު ޗައިނާގައި ބޭއްވި އެންމެ ބޮޑު އަސްކަރީ ޕެރޭޑްގެ ރިޔާސަތު ބަލަހައްޓަވަމުން ސުލްހަ އާއި ހަނގުރާމައިގެ ތެރެއިން ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ ކަމުގެ އިންޒާރު ޗައިނާގެ ރައީސް ޝީ ޖިންޕިން ދެއްވައިފި އެވެ.
ދެވަނަ ބޮޑު ހަނގުރާމަ ނިމުނު އިރު ޗައިނާ އިން ޖަޕާނު ބަލިކުރި ކުރުމަށް 80 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ބޮޑު ހަފުލާއަކީ ހުޅަނގުގެ ލީޑަރުން ވަރަށް ބޮޑަށް ދުރުހެލިވަމުން އަންނަ ހަރަކާތެކެވެ. ނަމަވެސް އެ ހަފުލާގައި ޕޫޓިން އާއި ކިމް އަކީ ޝަރަފުވެރި މެހެމާނުންނެވެ.
އެ ޕެރޭޑަކީ ޗައިނާގެ އަސްކަރީ ބާރާއި ބައިނަލްއަގުވާމީ ނުފޫޒު ދައްކާލުމެކެވެ. އޭގެ އިތުރުން އެ ހަފުލާގައި ބާއްވާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ވިޔަފާރީގެ ޓެރިފާއި އަންދާޒާ ނުކުރެވޭ ފަދަ ސިޔާސަތުތައް ކަނޑައެޅުމުގެ ސަބަބުން އެކުވެރި ގައުމުތަކާއި ވާދަވެރިންނާ އެކު އޮންނަ ގުޅުމަށް ޕްރެޝަރު ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.
"މިއަދު އިންސާނިއްޔަތާ ކުރިމަތިލާން ޖެހިފައި މިވަނީ ސުލްހަ އާއި ހަމަނުޖެހުންތަކުގެ މެދުގައި ނިންމާ ނިންމުންތަކެއް. ވާހަކަ ދެއްކުން ނުވަތަ ކުރިމަތިލުން. ބަލިވުން ނުވަތަ މޮޅުވުން،" ޓިއާނަންމެން ސްކޮއާގައި 50،000އަށް ވުރެ ގިނަ ބެލުންތެރިންނާ މުހާތަބުކުރައްވައި ޝީ ވިދާޅުވި އެވެ.
އެއަށް ފަހު މަތި ހުޅުވިފައިވާ ކާރެއްގައި ޝީ ވަނީ ސިފައިންނާއި ޒަމާނީ އަސްކަރީ އާލާތްތައް ބައްލަވާލައްވައިފަ އެވެ. އޭގެ ތެރޭގައި މިސައިލް، ޓޭންކް އަދި ޑްރޯން ފަދަ ތަކެތި ހިމެނެ އެވެ.
ހަތް ދިހަ މިނެޓުގެ ދައްކާލުމުގައި ބޮޑެތި ބެނާތަކާ އެކު ހެލިކޮޕްޓަރުތައް އެކިއެކި ފޯމޭޝަންގައި އުދުހެމުން ދިޔަ ފައިޓާ ޖެޓްތައް ފެނިގެން ދިޔަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ