ޖަލު ހެދުން ލާން ދެކޮޅު ހެދުމުން ބައްސާމް ކޯޓަށް ހާޒިރުކުރީ ކުލަ ހެދުމުގައި
ޖަލުގައި ގައިދީން ލުމަށް ޚާއްސަކޮށްފައިވާ ހެދުން ލާން ދެކޮޅު ހެދުމުން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، މިއަދު ކުލަ ހެދުމުގައި ބިޑި އަޅުވައިގެން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ. ކްރިމިނަލް ކޯޓުން 'ސަން' އަށް ބުނި ގޮތުގައި ބައްސާމް މިއަދުގެ އަޑުއެހުމަށް ހާޒިރުކުރީ ކުލަ ހެދުމުގައި ބިޑި އަޅުވައިގެންނެވެ. ނަމަވެސް ކޯޓަށް ހާޒިރުވާއިރު ލާނެ ހެދުމާ ގުޅިގެން ނިންމުން ނިންމާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން ކަމަށް ކޯޓުން ބުންޏެވެ. ބައްސާމްގެ ޝަރީއަތުގެ އަޑުއެހުން ނުފެށި މިއަދު ވަނީ ދިގުލައިގެން ގޮސްފައެވެ. އެއީ ޖަލު ގޮޅިން އޭނާ ނުކުންނަށް ދެކޮޅު ހެދުމާ ގުޅިގެންނެވެ. މިއަދުގެ އަޑުއެހުމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ބުނީ ޝަރީއަތުގެ މަޖިލީހުގައި ބައްސާމްގެ ވަކީލުންގެ ޓީމާ ބައްދަލުކުރުމުގައި ހުރި ދަތިތައް ހިއްސާކޮށްފައިވާ ކަމަށާއި، ވަކީލުންނާ ބައްދަލުކުރުން ފަހިކޮށްދިނުމަށް އޭނާގެ ފަރާތުން އެދިފައިވާ ކަމަށެވެ. އެ އެދުމާއެކު ކޯޓުން ނިންމީ ވަކީލުންނާ ބައްދަލުކުރުން ފަހިކޮށްދިނުމަށް ކަރެކްޝަންސްއަށް ކޯޓުން އެންގުމަށް ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. މީގެ އިތުރުން އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެ، އެ ފައިސާއިން ބައްސާމް އެޕާޓްމަންޓެއް ގަތްކަމަށް ތުހުމަތުވާ މައްސަލައިގައި މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ދައުވާ އުފުލާފައިވާ އެ އިދާރާގެ ކުރީގެ ފައިނޭންސް ހެޑް، މުހައްމަދު އަގީލް، ޝަރީއަތަށް ހާޒިރުނުވާތީ މިއަދު ދައުލަތުގެ ހެކިންގެ ހެކި ބަސް ނެގުން މާދަމާއަށް ފަސްކޮށްފައިވާ ކަމަށް ވެސް ކޯޓުން ބުންޏެވެ. އަދި މާދަމާއަށް އެ އަޑުއެހުން އަލުން ތާވަލުކޮށްފައިވާ ކަމަށް އެ ކޯޓުން މައުލޫމާތުދިނެވެ. https://sun.mv/213833 ފާހަގަކޮށްލެވޭ ގޮތުގައި ބައްސާމް، ފީފާގެ ބަހެއް ނެތި ފީފާގެ ފައިސާއަށް ޚިޔާނަތްތެރިވީ މައްސަލަ ކްރިމިނަލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އޭނާގެ ފަރާތުން ނެގި ދިފާއު ބަލައި ނުގަންނަން އެ ކޯޓުން މިދިޔަ ބުސަ ދުވަހު ނިންމިއެވެ. ބައްސާމް މިހާރު ތަންފީޒުކުރަމުން ދަނީ އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެގެން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމަކާއެކު ޖުމްލަ ނުވަ އަހަރެވެ. ބައްސާމްއާ ދެކޮޅަށް ކޯޓުގައި މިހާރު ހިނގަމުންދާ އަނެއް މައްސަލައަކީ، ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު ނުވަތަ 18 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ބައްސާމް ޚިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލައިގައި ވެސް ބައްސާމްގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ވަނީ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ