ޗައިނާ ސަފީރު، އެސްއެސް މީޑިއާއަށް ޚާއްސަ ޒިޔާރަތެއް ކުރައްވައިފި

އެކި ދާއިރާތަކުން ރާއްޖެއަށް ގިނަގުނަ އެހީތެރިކަމެއް ވެދެމުން އަންނަ, ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ, ސަން ސިޔާމް މީޑިއާއަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ. ސަން އޮންލައިނާއި އެސްއެސްޓީވީގެ އިތުރުން ސަން ޕްލޭ ހިންގާ އޮފީހަށް, ސަފީރު ކޮންގް މިއަދު ހެނދުނު ކުރެއްވި މި ޒިޔާރަތުގައި ވަނީ މި މީޑިއާގެ އިސްވެރިންނާ ބައްދަލު ކުރައްވައިފައެވެ. އަދި މި މީޑިއާގެ ނިއުސްރޫމާއި ސުޓޫޑިއޯތައް ވެސް ސަފީރު ބައްލަވާލައްވައިފައިވެއެވެ. މި ޒިޔާރަތަށް ފަހު "ސަން" އަށް ދެއްވި އިންޓަވިއޫއެއްގައި ސަފީރު ވިދާޅުވީ އެސްއެސް މީޑިއާއަކީ، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއާ އެންމެ ގާތްކޮށް ގުޅުން ބާއްވާ އެއް މީޑިއާ ކަމަށެވެ. އަދި އެސްއެސް މީޑިއާގެ ފަރާތުން ދޭ އެއްބާރުލުމާއި، ރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިކުރަން ކުރާ މަސައްކަތަށް ވަނީ ޝުކުރު އަދައިކުރައްވައިފައެވެ. ޗައިނާގެ ސަފީރު ކޮންގް ޒިއަންހުއާ, ސަން ސިޔާމް މީޑިއާއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން-- ސަން ފޮޓޯ އަޙްމަދު ފިރްޔާލް "މި މީޑިއާއަށް ޒިޔާރަތްކުރެވުމަކީ ކުރީގެ އެކުވެރިއެއްގެ ގެއަށް އާދެވުނު ފަދަ އިހުސާސެއްވީ ކަމެއް. ބައިވަރު ސްޓޫޑިއޯތަކާއި، ބުރަ މަސައްކަތްކުރާ މުވައްޒަފުންތަކެއް މި ތަނުން ފެނުނު. މިއީހެން އަޅުގަނޑަށް ހީވަނީ ސަން ސިޔާމް މީޑިއާ، މިހާ ނުފޫޒުގަދަ ކާމިޔާބު މީޑިއާއަކަށް ވާ ސަބަބަކީ،" ސަފީރު ވިދާޅުވިއެވެ. ސަފީރު ވިދާޅުވީ މީޑިއާގެ ދާއިރާއިން އެމްބަސީއާއި، އެސްއެސްމީޑިއާ އަދި އެހެން މީޑިއާތަކާ އެކު ވެސް މަސައްކަތް ކުރުމަށް ވަރަށް ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށެވެ. އަދި މުސްތަގްބަލުގައި ވެސް އެ މަސައްކަތް ކުރަން އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އެއް ކަމަކަށް، ސަން ސިޔާމް މީޑިއާގެ މުވައްޒަފުން ތަމްރީންކުރުމަށް ޗައިނާގެ މީޑިއާތަކާ ގުޅިގެން ޚާއްސަ އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގިދާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މީޑިއާގެ ތެރެއިން ޗައިނާގައި ތައުލީމް ހާސިލްކުރަން ހުރި ފުރުސަތުތަކުގެ ވާހަކަ ވެސް ދިވެހީންނަށް އެނގި، ހޭލުންތެރިވެ އިތުރަށް އެ ފުރުސަތުތަކުގެ ބޭނުން ދިވެހީން ހިފާތަން ވެސް ދެކެވަޑައިގަންނަވަން ބޭނުންވެލައްވާ ކަމަށް ސަފީރު ވިދާޅުވިއެވެ. "އަޅުގަނޑު އުންމީދުކުރަން އަޅުގަނޑުމެން ދެމެދު މި އޮތް އެއްބާރުލުމުގެ ތެރެއިން ގިނަ ދިވެހި ޒުވާނުން ޗައިނާގައި ހުރި މަތީ ތައުލީމުގެ ފުރުސަތުތައް ދެނެގަނެ، މަތީ ތައުލީމް ހާސިލްކުރަން ޗައިނާއަށް ދިއުމަށް ޝައުގުވެރިކަން ފާޅުކުރާނެ ކަމަށް،" ސަފީރު ވިދާޅުވިއެވެ. މި ބައްދަލު ކުރެއްވުމާ ގުޅޭގޮތުން އެސްއެސް މީޑިއާގެ ސީއީއޯ މުޙައްމަދު އާސިފް (މޮންދު) ވިދާޅުވީ ޗައިނާގެ ސަފީރު މި މީޑިއާއަށް ޒިޔާރަތް ކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މިއަދު މަޝްވަރާ ކުރެއްވުނު ގޮތަށް މި މީޑިއާ އާއި ޗައިނާގެ އެމްބަސީ ގުޅިގެން, ގައުމަށް ބޭނުންތެރި ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތްތަނުގައި ވެސް ކުރައްވާނެ ކަމަށް މޮންދު ވިދާޅުވިއެވެ. އެސްއެސް މީޑިއާ އާއި މި މީޑިއާގެ މުވައްޒަފުންގެ ކުރިއެރުމަށް ޗައިނާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް މޮންދު ވިދާޅުވިއެވެ. އެސްއެސް މީޑިއާއަކީ ރާއްޖޭގައި ހިންގާ އެންމެ ދުވަސްވީ އަމިއްލަ އެއް މީޑިއާއެވެ. މި މީޑިއާގެ އެކި ޕްލެޓްފޯމްތަކަށް އާއްމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ