އެޕަލްއިން މަސީމޯއަށް 634 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ

މެޑިކަލް ޑިވައިސް އުފައްދާ މަސީމޯ ކުންފުނީގެ ޕޭޓެންޓަކަށް އެޕަލް ކުންފުނިން އަރައިގަނެފައިވާ ކަމަށް ކެލިފޯނިއާގެ ފެޑެރަލް ޖޫރީއަކުން ހުކުމްކޮށް، އެޕަލްއިން މަސީމޯއަށް 634 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ނިންމައިފިއެވެ. މި މައްސަލަ ގުޅިފައިވަނީ އެޕަލް ވޮޗްގައި ބޭނުންކުރާ ލޭގެ އޮކްސިޖަން މޮނިޓާ ކުރުމުގެ ޓެކްނޮލޮޖީއާއެވެ. މަސީމޯ ކުންފުނިން، މި ނިންމުމަކީ އެ ކުންފުނީގެ އީޖާދުތަކާއި އިންޓެލެކްޗުއަލް ޕްރޮޕަޓީ (އައިޕީ) ހިމާޔަތް ކުރުމަށް ލިބުނު ވަރަށް މުހިންމު ކާމިޔާބީއެއް ކަމަށް ސިފަކޮށްފައިވެއެވެ. ޖޫރީއިން ނިންމާފައިވާ ގޮތުގައި އެޕަލް ވޮޗްގެ ވޯކްއައުޓް މޯޑާއި، ހާޓް ރޭޓް ނޮޓިފިކޭޝަން ފީޗާސްތަކަކީ މަސީމޯގެ ޕޭޓެންޓާ ޚިލާފު އެއްޗެކެވެ. އެޕަލް ކުންފުނިން ވަނީ މި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ. އެޕަލްއިން ފާހަގަކުރާ ގޮތުގައި މި މައްސަލައިގައި ހިމެނޭ ޕޭޓެންޓަކީ 2022 ވަނަ އަހަރުގެ ނިޔަލަށް މުއްދަތު ހަމަވެފައިވާ، އަދި މީގެ ދޮޅު އަހަރެއްގެ ކުރީގެ، ބަލިމީހުން މޮނިޓާ ކުރުމުގެ ޓެކްނޮލޮޖީއަކާ ގުޅުންހުރި ޕޭޓެންޓެކެވެ. މި ދެ ކުންފުނީގެ މެދުގައި އުފެދިފައިވާ ގާނޫނީ މައްސަލައިގެ މައިގަނޑު ބިނާވެފައިވަނީ ލޭގެ އޮކްސިޖަން މިންވަރު ބަލާ ޕަލްސް އޮކްސިމެޓްރީ ޓެކްނޮލޮޖީގެ މައްޗަށެވެ. https://sun.mv/213932 މަސީމޯއިން ތުހުމަތުކުރާ ގޮތުގައި އެޕަލްއިން ވަނީ އެ ކުންފުނީގެ މުވައްޒަފުން ވަޒީފާއަށް ނަގައި، ޕޭޓެންޓްތަކަށް އަރައިގަނެފައެވެ. މި މައްސަލައިގެ ކުރިން، 2023 ވަނަ އަހަރު އެމެރިކާގެ އިންޓަރނޭޝަނަލް ޓްރޭޑް ކޮމިޝަން (އައިޓީސީ)އިން ވަނީ މަސީމޯއާ އެއްކޮޅަށް ނިންމައި، ލޭގެ އޮކްސިޖަން މޮނިޓާ ކުރުމުގެ ފީޗާ ހިމެނޭ އެޕަލް ވޮޗްތައް އެމެރިކާއަށް އެތެރެކުރުން މަނާކޮށްފައެވެ. ނަމަވެސް، މި އަހަރުގެ އޮގަސްޓް މަހު އެޕަލްއިން ވަނީ މި މަނާކުރުމުން ސަލާމަތްވުމަށްޓަކައި، ލޭގެ އޮކްސިޖަން މިންވަރު ބަލާ އާ ވާޝަންގެ ފީޗާއެއް ތައާރަފްކޮށްފައެވެ. މި މައްސަލައިގެ ތެރޭގައި އެޕަލްއިން ވެސް މަސީމޯއާ ދެކޮޅަށް ކައުންޓާ ސޫޓެއް ހުށަހަޅާފައިވާއިރު، މަސީމޯއިން އެޕަލްގެ ޑިޒައިން ޕޭޓެންޓްތަކާ ޚިލާފުވެފައިވާ ކަމަށް ޖޫރީއަކުން ނިންމައި، އެޕަލްއަށް 250 ޑޮލަރުގެ އެންމެ ކުޑަ ގާނޫނީ އަދަދު ދިނުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ