ތެލުގެ ރިޒާވް ގާއިމުކުރަން މާލެ ކައިރިން ދެ ފަޅެއް ބަލަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ނޭޝަނަލް އޮއިލް ރިޒާވް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ސްޓޯރޭޖު ހެދުމަށް މާލެ ކައިރިން ދެ ފަޅެއް ބަލަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެކުލަވާލި ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖޭގައި ތެލުގެ ރިޒާވް ގާއިމު ކުރުމަށް ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި އެސްޓީއޯ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.މިނިސްޓަރު ޒަމީރު ވިދާޅުވީ ތެލުގެ ރިޒާވް ގާއިމުކުރާނެ ސަރަހައްދުތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ގޮތުން މާލެ ސަރަހައްދުގައި މި ރިޒާވް ގާއިމުކުރުމަށް ދެ ފަޅެއް ބަލަމުންދާ ކަމަށެވެ. "މިހާރު ރޭވިފައި އޮތީ ތިން ފޭސްއަކަށް ބަހާލައިގެން ގެންދަން. ފުރަތަމަ ފޭސްގައި މާލެ ކައިރި ސަރަހައްދުން، މިވަގުތު އެސްޓީއޯ އިން ދެ ފަޅެއްގެ، ދެ ރަށެއްގެ ކައިރީގައި އޮތް ފަޅުގެ ސަރަހައްދު ބަލަމުން އެބަދޭ. އެތަނުން ކުރަން ޖެހޭނެ ސާވޭ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށޭ ހަފުތާ ހިސާބުގައި، ސާވޭ ކުރުމުގެ ކަންތައް ކުރިއަށް ދާނެ. މިހާރު މެޕް ބަލައިގެން އައިޑެންޓިފައި ކޮށްފައި ވަނީ،" އޭނާ ވިދާޅުވި އެވެ. ރާއްޖެއަށް އެއް އަހަރު ދުވަހަށް ބޭނުންވާ ތެޔޮ ރައްކާކުރެވޭ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ކޮންމެ ފިޔަވައްސަކަށް 150 މިލިއަނެއްހާ ޑޮލަރު ހަރަދުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ