ރާއްޖެއިން ޗައިނާއިން ތެޔޮ ގަންނަން ފަށަނީ

ޗައިނާއިން އަންނަ މަހު ބޭރުކުރަން ހަމަޖެހިފައިވާ ތެލުގެ ޝިޕްމަންޓްތައް ގަންނަ އޭޝިއާ ޕެސިފިކް ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް 'ރޮއިޓާސް' އިން މިއަދު ރިޕޯޓުކޮށްފި އެވެ.
ވީ ކިހިނެއް؟ - ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުން ހޮންކޮންގް ފިޔަވައި އެހެން ސަރަހައްދުތަކަށް މެއި މަހު 500،000 މެޓްރިކް ޓަނުގެ ތެޔޮ (ޕެޓްރޯލް، ޑީސަލް އަދި ޖެޓް ފިއުލް) ބޭރުކުރުމަށް ޗައިނާއިން ވަނީ ހުއްދަ ދީފަ އެވެ. 
ޗައިނާ ސަރުކާރުގެ ކަމާ ގުޅޭ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ:
ޗައިނާއިން ކަނޑައަޅާ ވަކި މިންވަރެއްގެ ތެޔޮ މެއި މަހު ލިބޭނެކަމަށް ބެލެވެނީ ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، ކެމްބޯޑިއާ، ލާއޯސް، މިޔަންމާ، ނިއު ޒީލެންޑް އަދި ސްރީލަންކާއަށް
މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ތަފްސީލް - ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހުއްދަ ދިން 500،000 ޓަނު ތެލުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ތެޔޮ އެކްސްޕޯޓުކުރަން ހަވާލުކޮށްފައިވަނީ އެންމެ ބޮޑު އެއް ރިފައިނަރީ ކަމަށްވާ 'ސިނޯޕެކް'އާ އެވެ. މީގެ އިތުރުން ދެން ތެޔޮ ބޭރުކުރަން ހުއްދަ ދީފައި ވަނީ
'ޕެޓްރޯ ޗައިނާ' އަށް 150،000 ޓަނު 
'ސީއެންއޯއޯސީ' އަށް 40،000 ޓަނު 
މި ޝިޕްމަންޓްތަކުގައި ހިމެނޭ ތެލުގެ މަދުވެގެން %40އަކީ ޑީސަލް އާއި ޖެޓް ފިއުލް ކަމަށް އޮފިޝަލުން ވަނީ ރޮއިޓާސްއަށް ވިދާޅުވެފަ އެވެ. 
ފާހަގަކޮށްލެވޭ - އީރާން ހަނގުރާމަ ފެށުމާ ވިދިގެން ހޮރުމޫޒް ކަނޑުއޮޅި ބަންދުވެ ތެލުގެ ދަތިކަން އޭޝިޔާގެ ގައުމުތަކަށް ކުރިމަތިވެ ތެލުގެ އަގު ވެސް ބާޒާރުގައި ބޮޑުވާން ފެށުމުން ރާއްޖެއިން ވަނީ ތެލުގެ ތާށިކަމެއް ކުރިމަތިވެދާނެތީ މިހާރު ތެޔޮ އެތެރެކުރާ ގައުމުތައް ފިޔަވާ އެހެން ބާޒާރުތަކުން ތެޔޮ އެތެރެކުރަން މަޝްވަރާކުރާ ކަމަށް ބުނެފަ އެވެ. އެގޮތުން: 
މީގެ ކުރިން އިންޑިއާޔާ އެކު ރާއްޖެއިން ތެޔޮ ހޯދަން މަޝްވަރާކޮށްފައިވާ ކަމަށް އެ ގައުމުން ބުނެފައިވޭ 
ރާއްޖެއަށް ބޭނުންވާ ތެޔޮ މައިގަނޑުކޮށް އެތެރެކުރާ އެސްޓީއޯއިން މިހާރު ރާއްޖެއަށް ތެޔޮ އެތެރެކުރަނީ، އޮމާން އާއި ދުބާއީންނެވެ. 
އެނގުން މުހިންމު - މިދިޔަ މަހުން ފެށިގެން ޗައިނާއިން ވަނީ އެ ގައުމަށް ތެލުގެ ތާށިކަމެއް ކުރިމަތިވެދާނެތީ ތެޔޮ ބޭރުކުރުން ވަރަށް ބޮޑަށް މަދުކޮށް ހަރުކަށިކޮށްފަ އެވެ. 
ނަމަވެސް، އަންނަ މަހުން ފެށިގެން އަނެއްކާ ވެސް ތެޔޮ ބޭރުކުރާ ވަރު އިތުރުކޮށްފައި ވަނީ، ސާފުނުކުރާ ތެލުގެ އަގު ބޮޑުވުމާއި ޗައިނާގެ އެތެރޭގައި ތެލުގެ އަގު ދަށްވުމާ ވިދިގެން އެ ގައުމުގެ ތެޔޮ ކުންފުނިތަކަށް ލިބޭ ފައިދާ ކުޑަވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ