ޗައިނާއިން އަންނަ މަހު ބޭރުކުރާ ތެލުގެ ޝިޕްމަންޓްތައް ގަންނަ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމަނާފައިވާ ކަމަށް ބައިނަލްއަގުވާމީ ނޫސް އޭޖެންސީއެއް ކަމަށްވާ ރޮއިޓާސްއިން ރިޕޯޓުކޮށްފިއެވެ.
އެކަން ހާމަކޮށްފައިވަނީ ޗައިނާގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްއިން އާންމުކުރި ރިޕޯޓެއްގައެވެ.
ރޮއިޓާސްގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ހޮންކޮންގް ފިޔަވައި އެހެން ސަރަހައްދުތަކަށް މެއި މަހުގެ ތެރޭގައި 500,000 މެޓްރިކް ޓަނުގެ ތެޔޮ ބޭރުކުރުމަށް ޗައިނާ ސަރުކާރުން ވަނީ ހުއްދަ ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޕެޓްރޯލާއި، ޑީސަލް އަދި ޖެޓް ފިއުލްއެވެ.
އެ އެކްސްޕޯޓް ކުރުމަށް ހުއްދަ ދިން ތެލުގެ ބޮޑުބައި ހަވާލުކޮށްފައިވަނީ ޗައިނާގެ އެންމެ ބޮޑު އެއް ރިފައިނަރީ ކަމަށްވާ ސިނޯޕެކް އާއެވެ. އޭގެ އިތުރުން ޕެޓްރޯ ޗައިނާއަށް 150,000 ޓަނު އަދި ސީއެންއޯއޯސީއަށް 40,000 ޓަނު ބޭރުކުރުމުގެ ހުއްދަ ވަނީ ދީފައެވެ.
ޗައިނާއިން ބޭރުކުރާ މި ތެޔޮ ލިބޭނެ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ އޮސްޓްރޭލިއާ، ބަންގްލަދޭޝް، ކެމްބޯޑިއާ، ލާއޯސް، މިޔަންމާ، ނިއު ޒީލެންޑް އަދި ސްރީލަންކާއެވެ. މި ޝިޕްމަންޓްތަކުގެ ތެރެއިން މަދުވެގެން 40 އިންސައްތައަކީ ޑީސަލް އާއި ޖެޓް ފިއުލްކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.
ޗައިނާއިން ރާއްޖެއަށް ތެޔޮ އެކްސްޕޯޓުކުރާ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވީ ނަމަވެސް، މިކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުގެ ރަސްމީ ބަހެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.
ޗައިނާއިން ބޭރުކުރާ ތެލުގެ ޝިޕްމަންޓްތައް ލިބޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ