ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ މެމްބަރުންގެ ގޮނޑިގެއްލޭ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ނޫންކަމަށް ސުޕްރީމް ކޯޓުން ކުރެއްވި ޙުކުމަކީ، ދުސްތޫރީ އޮނިގަނޑަށް ގެނެވުނު ވަރަށް ބޮޑު ތަރައްޤީއެއްކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ޤާނޫނީ ވަކީލު ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މެމްބަރުންގެ ގޮނޑިގެއްލޭ އިސްލާހު ސައްހަކަމަށް ޙުކުމްކުރުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ޤާނޫނީ ވަކީލު ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ސުޕްރީމްކޯޓުގެ ގުޅުމަކީ ދުސްތޫރީ އޮނިގަނޑާއި ގުޅޭ ގޮތުން ވަރަށް މުހިއްމު ނިންމުންތަކެއް ނިމިގެންދިޔަ ހުކުމެއްކަމަށެވެ.
ދުސްތޫރީ އޮނިގަނޑަކީ އެއްވެސް މީހަކަށް ބަދަލުކުރުމުގެ ބާރެއް ނުވަތަ ކޮންމެކޮންމެގޮތަކަށް ބަދަލުކުރެވިދާނެ އެއްޗެއްނޫންކަން ފާހަގަކުރައްވާ އާޒިމާ ޝަކޫރު ވިދާޅުވީ، އެ ސުޕްރީމްކޯޓުގެ ނިންމެވުމަކީ ދުސްތޫރީ އޮނިގަނޑަށް ގެނެވުނު ވަރަށް ބޮޑު ތަރައްޤީއެއްކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުންގެ ގޮނޑިގެއްލޭ އިސްލާހު ސައްހަކަމަށް ޙުކުމްކުރެއްވުމަކީ ވަރަށް ރަނގަޅު ނިންމުމެއްކަމަށްވެސް އާޒިމާ ޝަކޫރު ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭގޮތުގައި ވަރަށް އެކަށީގެންވާ ނިންމެވުމެއް މި ނިންމެވުމަކީ. އެއީ ދުސްތޫރީ އޮނިގަނޑަކީ އެއްވެސް މީހަކަށް ބަދަލުކުރުމުގެ ބާރެއް ނުވަތަ ކޮންމެކޮންމެގޮތަކަށް ބަދަލުކުރެވިދާނެ އެއްޗެއްނޫން. އެގޮތަށް ކަނޑައެޅުއްވިގެން ދިޔައުން އެއީހަމަ ދުސްތޫރީ އޮނިގަނޑުގެ ވަރަށް ބޮޑު ތަރައްޤީއެއްގޮތަށް އަޅުގަނޑު ދެކެނީ. އެގޮތަށް ނިންމިގެން ދިޔަ ނިންމުމެއް އެއީ". އާޒިމާ ޝަކޫރު ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ ކިތަންމެ ބޮޑު އަޣްލަބިއްޔަތެއް އޮތަސް، ރައްޔިތުންގެ މަޖިލީހަށްވެސް ބަދަލުނުކުރެވޭނެ ސިފަތަކެއް ރާއްޖޭގެ ދުސްތޫރީ ނިޒާމުގައިވެސް އެބަހުރިކަމަށެވެ. އޭގެ ތެރޭގައި ހުރީ ރައްޔިތުންގެ ސިޔާދަތާއި، އިސްލާމްދީނާއި، ނޭޝަނަލް އައިޑެންޓިޓީއާއި، އަމިއްލަ މިނިވަންކަމާއި ގުޅޭ ކަންކަން ހިމެނޭކަމަށް އާޒިމާ ވިދާޅުވިއެވެ.
" ރާއްޖެގަ މިއަދު ނިމިގެން މިދިޔަ ނިންމުމަކީ، ޤާނޫނު އަސާސީގަ މި އޮންނަ މައިގަނޑު އޮނިގަނޑުގެ ބަދަލުތަކެއް ނޫން. މިއަދު އަސްލުގަ އުއްތަމަ ފަނޑިޔާރުގެ އަގްލަބިއްޔަތުގެ ރައުޔުގައި ކިތަންމެ ބޮޑު އަޣްލަބިއްޔަތެއް އޮތަސް، ރައްޔިތުންގެ މަޖިލީހަށްވެސް ބަދަލުނުކުރެވޭނެ ސިފަތަކެއް ރާއްޖޭގަވެސް އެބްހުރި. އޭގެ ތެރޭގައި ހުރީ ރައްޔިތުންގެ ސިޔާދަތާއި، އިސްލާމްދީނާއި، ނޭޝަނަލް އައިޑެންޓިޓީއާއި، އަމިއްލަ މިނިވަންކަމައި މި ކަންކަން". އާޒިމާ ޝަކޫރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާޙަކީ ޤާނޫނުއަސާސީގެ އޮނިގަނޑާ ޚިލާފު ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިންއެވެ.
މި މައްސަލާގައި ސުޕްރީމްކޯޓުން ނިންމެވީ ސިޔާސީ ޕާޓީން ވަކިވުމުން ނުވަތަ އެ ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާޙު ޤާނޫނުއަސާސީގެ އޮނިގަނޑާ ޚިލާފުނޫން ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ޙުކުމަކީ ދުސްތޫރީ އޮނިގަނޑަށް ގެނެވުނު ތަރައްޤީއެއް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ